ކޮވިޑް-19 އުފެދުނު ގޮތް އަނެއްކާވެސް ހޯދުމަށް އަލުން އައު ތަހުގީގެއް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކަށް އަމުރު ކުރައްވައިފިއެވެ.
ބުދަ ދުވަހު ބައިޑެން މިހެން ވިދާޅުވެފައިވާއިރު ބައިޑަން ވަނީ މިކަމާ ގުޅިގެން ޗައިނާއިން ޖަވާބުދާރީވާން ޖެހޭ ސުވާލުތަކެއް ވެސް އެކުލަވާލައްވާފައެވެ.
ވައިރަހުގެ އަސްލު ހޯދުމަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. މިކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ވައިރަސްގެ އަސްލަކީ ވާލެވެ. ވާލުގެ ޒަރީޢާއިން އެހެން ޖަނަވާރުންނަށް ވައިރަސް ފެތުރި އިންސާނުންނާ ހަމައަށް ވައިރަސް ފޯރީއެވެ.
ކޮވިޑް-19 އާ އެންމެ ގާތްކުރާ ވައިރަސް ފެނިފައިވަނީ ޗައިނާގެ ހުޅަނގު ސަރަހައްދުގައި އުޅޭ ވާލުންނެވެ. ވާލުގެ ޒަރީއާއިން ވައިރަސް ފެތުރިގެންދިޔަ ޖަނަވާރުތަކުގެ ތެރޭގައި މުސަޅާއި ކުއްތާ އަދި އޮޅުކޮށްގެން ގެންގުޅޭ ބުޅާފަދަ ޖަނަވާރު ހިމެނޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ޑަބްލިޔުއެޗްއޯގެ ޓީމުގެ ރިޕޯޓްގައި ބުނެފައިވަނީ އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާގެ ވުހާންގެ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީ ލެބުން ކޮވިޑް ލީކުވެފައި ވުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ.
މިކަން އިތުރަށް ކަށަވަރު ކުރުމަށް ބައިޑެން އަމުރު ކުރައްްވާފައިވާއިރު މި ތަހުގީގު ކުރުމަށް ބައިޑެން ދެއްވާފައިވަނީ 90 ދުވަހުގެ މުއްދަތެކެވެ. އެމެރިކާގެ އިންޓެލިޖެންސުން މިހާތަނަށް ހޯދި ހޯދުން ތަކުން ދެ ސިނާރިއޯއެއް ހޯދިފައިވީ ނަމަވެސް އަދިވެސް ނަތީޖާއަކާ ހަމައަށް ނާދެވޭ ކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ. ބައިޑެން ވެރިކަމާ ހަވާލުވި ފަހުން ކޮވިޑް-19އާ މެދު ކުރީގެ ރައީސް ޓްރަމްޕް ދެކެމުން އައި ގޮތާ މުޅިން ތަފާތެވެ. އަދި ވޫހާންއިން ވައިރަސް ފެތުރިގެން އައި ގޮތާމެދު ދެކޭގޮތް ވެސް ތަފާތެވެ.
މީގެ ކުރިންވެސް ޑަބްލިއުއެޗްއޯއިން މިކަން އިތުރަށް ތަހުގީގުކޮށް މައުލޫމާތުތައް ޔަގީން ކުރުމާއި ކަށަވަރު ކުރުމަށް އެމެރިކާއިން ގޮވާލާފައިވެއެވެ. އަދި މި ކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޗައިނާއިން ތެދުތެދަށް މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެމެރިކާއިން ދަނީ އެގައުމަށް ޕްރެޝަރ ކުރަމުންނެވެ. މީގެ އިތުރުން އެމެރިކާގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ކެރިން ޖީން ވިދާޅުވީ މިކަމުގެ ހަގީގަތާ ވައިރަސް ފެތުރު ގޮތް އެނގުން އެންމެނަށް ވެސް މުހިއްމު ކަމަށާއި، ރައީސް ބައިޑެން އެކަން ކުރުމަށް އިތުރު 90 ދުވަސް ދެއްވީ ކަމަށެވެ.
ބައިޑެން މި ނިންމުން ނިންމެވީ ރިޕަބްލިކަން ޕާޓީން ބައިޑެން މިކަމުގެ ތަހުގީގު ކުރުމަށް މަސައްކަތް ކުރަމުންދޭތޯ އާއި ވައިރަސް ކޮންޓްރޯލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތޯ ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމުގެ ހަގީގަތް ހޯދުމަށް ޗައިނާއަށް ޕްރެޝަރ ކުރަމުންދޭތޯ ވެސް ރިޕަބްލިކަންއިން ވަނީ ސުވާލު އުފައްދާފައެވެ.
މި ސުވާލުތަކާއެކު އެގައުމުގެ ކޮވިޑް-19 އެޑްވައިޒަރ އެންޑީ ލެވިޓް ވިދާޅުވީ ވައިރަހުގެ އަސްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއީ ރައީސް ބައިޑެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ އެންމެ ފުނަށް ފީނާއި ވައިރަހުގެ އަސްލު ހޯދައި ވައިރަސް ފެތުރެން ދިމާވި ސަބަބުން ހޯއްދަވާނެ ކަމަށާއި މިކަމުގައި ޗައިނާއިން އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަމުގައި ޑަބްލިއުއެޗްއޯ ވެސް ބައިވެރިވެ، އެހީތެރިކަން ފޯރު ކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.