ރެއާލް މެޑްރިޑް ދޫކޮށްލަން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޒިދާން ވަކިކުރާނެ ކަމަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ ރެއާލުގެ ކޯޗުން އަވަސް މުސްތަގުބަލެއްގައި ޒިދާން އިސްތިއުފާދޭނެ ކަމަށްވެސް ރިޕޯޓުކޮށްފައެވެ.
އެގޮތުން ދާދި ފަހުން "ގޯލް.ކޮމް" އިން ރިޕޯޓުކުރި ގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކުޅުންތެރިންނަށް އަންގާފައެވެ. ނަމަވެސް ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މޮޅުވި މެޗަށްފަހު ޒިދާން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވަން އޮތް ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ބުދަ ދުވަހުގެރޭ ޒިދާން ވަނީ ރެއާލުގެ ކޯޗުކަން ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް އަންގާފައެވެ. އެހެންކަމުން ވަރަށް އަވަހަށް މެނޭޖުމަންޓުން އެކަމަށް ގޮތެއް ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިއީ ރެއާލުގެ ކޯޗުކަން ދޫކޮށްލަން ޒިދާން ނިންމި ދެވަނަ ފަހަރެވެ. މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވި ނަމަވެސް، މީގެ ކުރިން ރެއާލުން ވަނީ ޒިދާނުގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، އެ ފަހަރު ވަނީ ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އެ މުއްދަތުގައި ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދިން ނަމަވެސް، އެ ފަހަރު ޒިދާން ވަނީ ކުއްލި ގޮތަކަށް ރެއާލް ދޫކޮށްލާފައެވެ.
އޭގެ ފަހުން ޒިދާން ދެވަނަ ފަހަރަށް ރެއާލާ ގުޅުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލުން މި ސީޒަން ނިންމާލާފައިވަނީ ކާމިޔާބީއެއް ނުލިބިއެވެ.