ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާކުރި މައްސަލަ ބެލުމުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލު ކުރި ގޮތް ތަހުޤީޤު ކުރުމަށް ނިންމާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ބަލި މީހަކަށް އަނިޔާކުރި މައްސަލަ ފެން މަތިވެފައިވަނީ, އެމަންޒަރު ވީޑިއޯކޮށް އާންމު ފަރާތަކުން ސޯޝަލް މީޑިއާއަގައި ހިއްސާ ކުރުމުންނެވެ.
މިމައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ބުނީ ބަލިމީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާކުރި މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގައި މުއައްސަސާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ނިންމާފައި ވާކަމަށް ވެސް އެޗްއާރްސީއެމުން ބުނެއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ ބަލި މީހަކަށް ކައިރީގައި ހުރި އެހީތެރިޔާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް މި މައްސަލަ ވަނީ އައިސްފައެވެ. އެކަން ގިނަ ބަޔަކު ގެންދަނީ ކުށްވެރި ކުރަމުންނެވެ. އަދި އެކަމުގައި އިހުމާލުވި ފަރާތްތަކެއް ވާނަމަ ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ގެންދަނީ އަޑު އުފުލަމުންނެވެ.
ބަލި މީހާއަށް އެވަގުތު އަނިޔާކޮށްފައި ވަނީ ކުޑަކަމުނުދިޔުމަށް ބުނެ އިންޒާރު ދިނުމަށްފަހު ކަމަށް މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެހީތެރިޔާގެ ފަރާތުން އަނިޔާ ލިބުނު ބަލި މީހާއަކީ އަމިއްލައަށް ކައިބޮއެ, ހިނގާބިނގާވެ ނޫޅެވޭ ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. އޭނާ ފެސިލިޓީގައި އެޑްމިޓް ކުރި ފަހުން ކޮންމެ ދުވަހަކު ވެސް އެހީތެރިޔާގެ ފަރާތުން އެފަދަ އަނިޔާތައް ލިބޭ ކަމަށް ފެސިލިޓީގައި ތިބި އެހެން ބައެއް ބަލިމީހުން ބުނެފައި ވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ފާޚާނާއަށް ގެންގޮސް އެނދުމައްޗަށް އަލުން އަރުވަނީ ވެސް ވަރަށް އިހާނެތި ގޮތަކަށް ކަމަށް މަންޒަރުދުށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލި މީހާއަށް އަނިޔާ ކުރި ބިދޭސީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.