ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފެންބިލާއި ކަރަންޓު ބިލުން ބޮޑެތި ލުއިތަކެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ނިންމެވި ނިންމެވުމާއި ގުޅިގެން މެއިމަހުގެ ކަރަންޓާއި ފެންބިލުތަކުން ޑިސްކައުންޓް ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފިއެވެ.
ކޮވިޑްގެ19 ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދެއްވުމަށް, ރާއްޖޭގެ ހުރިހާ ރަށެއްގެ ފެންބިލުން 30 އިންސައްތަ އަދި ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދެއްވުމަށް ނިންމާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ވިޔަފާރިތަކުގެ ފެންބިލާއި ކަރަންޓު ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވުމަށްވެސް ނިންމަވާފައިވެއެވެ.
ރައީސްގެ މި ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން ފެނަކައިގެ މެއިމަހުގެ ކަރަންޓު ބިލުތަކުން 40 އިންސައްތަ, އަދި ފެންބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ވިޔަފާރިތަކުގެ ފެންބިލުތަކާއި ކަރަންޓު ބިލުތަކުން ވެސް 20 އިންސައްތައިގެ ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއާއެކު މި ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޮޑެތި އެހީތަކެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.