ފްރެންޗް ލީގުގެ ޗެމްޕިއަންކަން ލިލްއަށް ހޯދައިދިންތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ކްރިސްޓޮފް ގަލްޓިއޭ ނިންމައިފިއެވެ.
މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ލިލްއިން ހޯދިއިރު، މިއީ މިދިޔަ 10 އަހަރު ތެރޭ އެ ޓީމުން ލީގު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. މީގެ އިތުރުން ލިލްއިން ވަރުގަދަ ޕީއެސްޖީ ފަހަތަށް ޖައްސާލައިރު، މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީ ނޫން ޓީމަކުން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން ލިލް ފިޔަވައި ޕީއެސްޖީ ނޫން ޓީމަކަށް މިދިޔަ އަހަރުތަކުގައި ލީގު ހޯދުނީ 2017 ވަނަ އަހަރު މޮނާކޯއަށެވެ.
އެކަމަކު އަންގާރަ ދުވަހުގެރޭ އުމުރުން 54 އަހަރުގެ ގަލްޓިއޭ ވަނީ ލިލް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އޭނާ ބުނީ ގަލްޓިއޭ ބުނީ ލިލް ދޫކޮށްލަން ނިންމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ކާމިޔާބީއަކާ އެކު ޓީމާ ދުރަށް ދިއުން ރަނގަޅުވުމުން ނޫން ކަމަށާއި، މި ސީޒަނުގައި ލިލް ކޮންމެ މަގާމެއްގައި ނިންމި ކަމުގައި ވިޔަސް، މި ނިންމުމަކީ މީގެ ކުރިންވެސް ވިސްނައިގެން ހުރި ނިންމުމެއް ކަމަށެވެ.
ލީގު ހޯދުމަށްފަހު ގަލްޓިއޭ ލިލް ދޫކޮށްލާއިރު، ރިޕޯޓުތައް ބުނާ ގޮތުން އިޓަލީގެ ނާޕޮލީން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ސީޒަނުގައި ނާޕޮލީގެ ކޯޗަކަށް ހުރި ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ ވަނީ މަގާމުން ވަކިވެފައެވެ. ލިޔޯނުންވެސް ގަލްޓިއޭ ހޯދަން މަސައްކަތް ކުރަމުން އައި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ގަލްޓިއޭ ބަދަލުވުން އެންމެ ގާތީ ނާޕޮލީއެވެ.
ގަލްޓިއޭ ލިލް ދޫކޮށްލާއިރު، އޭނާ ލިލްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އެ ޓީމު ރެލިގޭޝަން ޒޯނުގައި އޮއްވައެވެ. އޭގެ ކުރިން 2009 ވަނަ އަހަރުނެ ފެށިގެން 2017 ވަނަ އަހަރަށް ގަލްޓިއޭ ކޯޗުކޮށްދިނީ ސެއިންޓް އެޓިއެންއަށެވެ. ލީލް އާއެކު ލީގު ކާމިޔާބުކުރުމުގެ އިތުރުން ގަލްޓިއޭ ވަނީ ސެއިންޓް އެޓިއެންއާއެކު ފްރެންޗް ލީގު ކަޕުވެސް ކާމިޔާބުކޮށްފައެވެ.