ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގު ކުރަމުން ގެންދާ ފުލުހުންގެ ޓީމާ ގުޅުމަށް އެމެރިކާގެ އެކްސްޕަރޓަކު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާތަނަށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު ފަރާތެއް ބަންދު ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މިކަމުގައި އެކި ގޮތްގޮތުން ބައިވެރިވި އިތުރު މީހުން ވެސް މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ މިހާރު ފުލުހުން ބަލަމުން ދަނީ މިކަން ރޭވުމުގައި އިސްކޮށް ތިބީ ކޮންބައެއްތޯ ކަމަށެވެ. އަދި މި ކަމުގައި ދާންވީ ދިމާ ހޯދުމަށް މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް ބާރަށް އެބަ ކުރިއަށް ދޭ. އެއީ ބޭރުގެ އެހީތެރިކަމާއެކުގައި. އެމެރިކާގެ އެކްސްޕަރޓެއް މިވަގުތު ވެސް ރާއްޖޭގައި އެބަހުރި. ވަރަށް އަވަހަށް ތަހުގީގަށް ގުޅިވަޑައިގަންނަވާނެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
އަދި ތަހުގީގު ޓީމާ ގުޅިވަޑައިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރެއްވުމަށް ނިންމަވާފައިވަނީ މި ޓެރަރިސްޓް ހަމަލާގައި ފައިސާގެ އެއްވެސް މުއާމަލާތެއް ހިނގާފައިވޭތޯ ބެލުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މި ތަހުގީގު ކުރިއަށް ދާގޮތް ބެލުމަށް ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ރައީސްގެ ފަރާތުން މީހަކު އައްޔަނުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިގެން ދާނެ ކަމަށެވެ. އަދި ގައުމުގައި މިވަގުތު ހުރި މިފަދަ ބޮޑެތި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު މިހާރު ފަރުވާ ހޯއްދަވަމުންގެންދަވާ ޖަރުމަނުގެ ހަސްފަތާލުން މިހާރު ދޫކޮށްލާފައިވާއިރު ހަފުތާއަކު ދެ ފަހަރު މެޑިކަލް ޗެކަޕްތައް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މަހެއްހާ ދުވަސް ވަންދެން ޖަރުމަނުގައި ހުންނަވަން ޖެހިދާނެކަމަށް ލަފާ ކުރެވޭކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.