މުއްދަތު ހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ, މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތައް ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.
ލައިސަންސްގެ މުއްދަތު އިތުރު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށް އާންމުންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި, އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވާތީއެވެ.
މި ނިންމުމަކީ ކޮވިޑް 19 އާލަމީ ވަބާގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
ކޮވިޑް 19 ގެ ފުރަތަމަ ކޭސް ރާއްޖޭން ފެނުނު ފަހުން ބަލީގެ ހާލަތު ގޯސް ނުވާ މިންވަރަކަށް މިހާރު ރާއްޖޭގެ ހާލަތު ވަނީ ގޯސްވެފައެވެ. ކުރިން ރާއްޖެއަށް އެރި ކޮވިޑް ރާޅުތަކުގައި ގިނަ ކޭސްތައް މާލެއިން ފެނުނު ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ބަލިމަޑުކަން ވަނީ ފެތުރިފައެވެ. އެއާއެކު ސަރުކާރުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.