އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް އައްޑޫ ސިޓީން ފެށިގެން ފުވައްމުލައް ސިޓީއަށް ނެރުނު ވައިޓް އެލަރޓްގެ މުއްދަތު މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިތުރުކޮށްފިއެވެ.
ކުރިން އެލަރޓް ނެެރެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 8:00ން ފެށިގެން މެންދުރުފަހު 1:00ށެވެ. ނަމަވެސް މި އެލަރޓްގެ މުއްދަތު މިހާރު ވަނީ މެންދުރު 1:00ން އިރުއޮއްސި 06:00ށް އިތުރުކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ މި ދެ ސިޓީއަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މި މަހުގެ ތެރޭގައި އައި ކޮޅިކަނޑުގައި އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށްވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. ފުވައްމުލައް ސިޓީއަށް މެދު ކެނޑުމެއްނެތި ވެހުނު ވާރޭގައި އެ ސިޓީގެ 400އެއްހާ ގެއަށް ފެން ވަދެފައިވެއެވެ. އަދި 15 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލު ކުރިއެވެ. އޭގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި ގޭގޭ ގެ ފަރުނީޗަރަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އައްޑޫ ސިޓީއަށް ވެސް ކުރި ވިއްސާރައިގައި ގަސްތައް ވެއްޓި ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ވެސް ވަނީ ދިމާވެފައެވެ.