ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާހޯދަމުން ދިޔަ އިތުރު ދެ މީހުން ނިޔާވެއްޖެއެވެ.
އަންގާރަ ދުވަހުގެ 12:30 ގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކޮވިޑް-19ގެ 143 އަދި 144 ވަނަ މަރު ރިޕޯޓްކޮށްފައެވެ.
އެޗްޕީއޭ 143 ވަނަ މަރުގެ ގޮތުގައި ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހޯމަ ދުވަހުގެރޭ ދަންވަރު 01:01 ގައެވެ. އަދި 144 ވަނަ މަރުގެ ގޮތުގައި ވެސް ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ މީހެކެވެ. އެއީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 07:40 ގައެވެ.
ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހު 13 މަރު ރިޕޯޓްކޮށްފައިވާއިރު، މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ފަސް މީހަކު ނިޔާވެގެން އަންނަނީ ރިޕޯޓްކުރަމުންނެވެ. ކޮންމެ ދުވަހެއްގެ މަރުތައް ވެސް ރިޕޯޓްކުރަނީ ވަރަށް ކައިރިކައިރީގައެވެ. އެގޮތުން ގިނަ ފަހަރު ދެމީހެއްގެ މަރުގެ ވަގުތުގެ ދެމެދުގައި ގަޑި އިރެއް ވެސް ހަމަނުވެއެވެ. ގިނަ މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެ ފެސިލިޓީ ވެސް މިހާރު ފުރިފައިވާއިރު އެތަނުގައި އެކަށީގެންވާ ޚިދުމަތްދެވޭ ވަރަށް ސިއްހީ ޚިދުމަތްތެރިން ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 60ށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.