ނައިޖީރިޔާގެ ސިފައިންގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އިބްރާހިމް އައްތާހިރު ދަތުރު ކުރެއްވި މަތިންދާބޯޓެއް ހުކުރު ދުވަހު އެ ގައުމުގެ އުތުރުގެ ސަރަހައްދަކަށް ވެއްޓި އެއިން ދަތުުރުކުރި އެންމެން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ޖެނެރަލް އައްތާހިރާއި އިތުރު ދިހަ މީހަކު ހިމެނެއެވެ.
ނައިޖީރިޔާގެ ސިފައިންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުން ބޯޓު ވެއްޓުނީ އުތުރުގެ ކަޑޫނާ ސަހަރުގެ އެއަރޕޯޓަށް ތިރިކުރަން އުޅުމުގެ ތެރޭގައި މޫސުން ގޯސްވެގެންނެވެ. މިއީ ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަމަށް ގަބޫލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ތަންކޮޅެއް ފަހުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ޖެނެރަލް އައްތާހިރާއެކު އިތުރު ދިހަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ސިފައިންގެ ސީނިއަރ އޮފިސަރުން ކަމަށް ވަނީ ބެލެވިފައެވެ. އެކަމަކު އެ އޮފިސަރުންގެ ވަނަވަރު އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ. އަދި ވެއްޓުނު ބޯޓަކީ މަދަނީ އުދުުހުންތަކުގެ އުޅެނދެއްކަން ނުވަތަ ސީދާ އަސްކަރީ ޓްރާންސްޕޯޓް އުޅަނދެއްކަން ވެސް ހާމައެއް ނުކުރެއެވެ.
ނައިޖީރިޔާގެ އަސްކަރިއްޔާގެ ކޮމާންޑަރު ކަމަށް ޖެނެރަލް އައްތާހިރު އައްޔަން ކުރެވުނުތާވެސް އަދި މާކަގިނަ ދުވަހެއް ނުވެއެވެ. ނައިޖީރިޔާގެ އުތުރުގައި ބޯކޯހަރާމޭ ކިޔުނު ޓެރަރިސްޓް ޖަމާއަތަކުން ހިންގާ ހަރަކާތްތައް އަވަސް ގޮތަކުން ހުއްޓުވުމުގެ ގޮތުން އަސްކަރިއްޔާގެ މަތީފަޑިޔަށް ގެނެވުނު ބަދަލުތަކެއްގެ ތެރޭގައި ސިފައިންގެ ޗީފް އޮފް ސްޓާފް ކަމަށް ޖެނެރަލް އައްތާހިރު މިއަހަރުގެ ޖެނުއަރީ މަހު އައްޔަން ކުރެއްވީ ރައީސް މުހައްމަދު ބުހާރީއެވެ.
ސިފައިންގެ ވެރިޔާ އަވަހާރަވެފައި މިވަނީ ބޯކޯހަރާމް ޖަމާއަތުގެ ވެރިޔާ އަބޫބަކުރު ޝެކާއޫ ވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށެވެ. ބޯކޯހަރާމަކީ 2009 ވަނަ އަހަރުން ފެށިގެން ނައިޖީރިޔާގައި ހަގުރާމަކުރަމުންދާ ޖަމާއަތެކެވެ. މިހަގުރާމައިގައި މިހާތަނަށް 40 ހާސް މީހުން މަރުވެ ދެމިލިޔަނަށްވުރެ ގިނަ ބަޔަކު ގެދޮރު ދޫކޮށްފައިވެއެވެ.