ކ. މާލެ
|
22 މެއި 2021 | ހޮނިހިރު 18:31
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން
ގެޓީ އިމޭޖަސް
ރެއާލުގައި ޒިދާނުގެ ކުރިމަގު
ރެއާލް ދޫކޮށްލާނެކަމުގެ އިޝާރާތެއް ޒިދާން ދީފި
އޭނާއާ ނުލައި ރެއާލުގެ ކުޅުން ރަނގަޅުވެދާނެ ކަމަށް ޒިދާން ބުނި
ރެއާލާއެކު ޒިދާން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

މި ސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ދީފިއެވެ.

މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޒިދާން ވަކިކުރާނެ ކަމަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ ރެއާލުގެ ކޯޗުން އަވަސް މުސްތަގުބަލެއްގައި ޒިދާން އިސްތިއުފާދޭނެ ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

އެގޮތުން ދާދި ފަހުން "ގޯލް.ކޮމް" އިން ރިޕޯޓުކުރި ގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކުޅުންތެރިންނަށް އަންގާފައެވެ. ނަމަވެސް ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މޮޅުވި މެޗަށްފަހު ޒިދާން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެކަމަކު ލީގުގައި ހޮނިހިރު ދުވަހުގެރޭ ވިޔަރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ވަނީ އަންނަ ސީޒަނުގައި ރެއާލުން ނުފެނިދާނެކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޒިދާން ބުނީ އޭނާއާ ނުލައި ރެއާލުގެ ކުޅުން މާ ބޮޑަށް ރަނގަޅުވެދާނެ ކަމަށާއި، އޭނާ އަބަދުވެސް ބޭނުންވަނީ އެ ޓީމުގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތް މެދުވެރިވުން ކަމަށެވެ.

މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވި ނަމަވެސް، މީގެ ކުރިން ރެއާލުން ވަނީ ޒިދާނުގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، އެ ފަހަރު ވަނީ ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި މުއްދަތުގައި ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފައެވެ.

އޭގެ ފަހުން ޒިދާން ދެވަނަ ފަހަރަށް ރެއާލާ ގުޅުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ.

މި ސީޒަނުގައި ރެއާލަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައިނުވާއިރު، ތައްޓާކާ ނުލައި ސީޒަން ނިންމާލުމުގެ ބިރު ރެއާލަށް އެބައޮތެވެ. އެގޮތުން ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ކުޅުނު 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް 37 މެޗުން ވަނީ 81 ޕޮއިންޓް ލިބިފައެވެ. މިހާރު އޮތް ގޮތުން ރެއާލަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުން އެތުލެޓިކޯ އަށް މޮޅެއް ނުލިބި، ރެއާލް ކުޅޭ މެޗުން އެ ޓީމު މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް