ކ. މާލެ
|
21 މެއި 2021 | ހުކުރު 08:35
ކޭމްޕް ޑޭވިޑް އަދި އޮސްލޯ އެއްބަސްވުމުގައި ސޮއިކުރުން
ކޭމްޕް ޑޭވިޑް އަދި އޮސްލޯ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެ އެމްވީ
ކޭމްޕް ޑޭވިޑް އަދި އޮސްލޯ އެއްބަސްވުން
އަމަލުނުކުރެވި ބޭކާރުވާން ދޫކޮށްލެވޭ އެއްބަސްވުންތައް
 
އދ ގެ ރިޒޮލިއުޝަން 242 ހުށައަޅައިފައި ވަނީ 1967 ވަނަ އަހަރު
 
ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 1978 ވަނަ އަހަރު
 
އޮސްލޯ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 1993 ވަނަ އަހަރު

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ފަލަސްތީން، މިނިވަން ދައުލަތަކަށް ވުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، 1947 ވަނަ އަހަރު، އިނގިރޭސިން ވަނީ ފަލަސްތީން ބައިބައިކޮށް ތިން ދައުލަތެއް ގާއިމުކުރުމަށް އދ އަށް ހުށައަޅާފައެވެ. އެއީ ޔަހޫދީ ދައުލަތަކާއި، އަރަބި ދައުލަތަކާއި ގުދުސްގައި އދގެ ބެލުމުގެ ދަށުގައި އޮންނަ މިނިވަން ދައުލަތެކެވެ. މި ހުށައެޅުމަށް އަރަބި ގައުމުތަކުން ދެކޮޅު ހެދި ނަމަވެސް 1948 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރުން ފަލަސްތީނު މިނިވަންވުމާއި އެކު ޖުވިޝް އެޖެންސީން ވަނީ އިސްރާއިލް އުފައްދާފައެވެ. ޔަހޫދީންނަށް މިނިވަން ދައުލަތެއް ލިބުނު ނަމަވެސް، ފަލަސްތީނު އޮތީ މިނިވަން ދައުލަތެއްގެ ގޮތުގައެއް ނޫނެވެ. މިސްރުން ޣައްޒާގެ ކޮންޓްރޯލް ނެގިއިރު، އުރުދުން އިން ވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ނަގާފައެވެ.

1967 ވަނަ އަހަރު ހިނގި ހަ ދުވަހުގެ ހަނގުރާމައަށް ފަހު އަރަބި ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް އދ ގެ ރިޒޮލިއުޝަން 242 ހުށައެޅިއެވެ. އިސްރާއީލަށް މިނިވަންކަމާއި އަމާންކަމާއި އެކު އެހެން ގައުމުތަކުގެ ނުފޫޒާއި ހަމަލާތައް ނާންނާނެ ކަމަށް ރިޒޮލިއުޝަންގައި ވުމުން، އިސްރާއިލުން ވަނީ ރިޒޮލިއުޝަނަށް އެއްބަސްވެފައެވެ. އަދި ހަ ދުވަހުގެ ހަނގުރާމާގައި އިސްރާއިލުން ހިފާފައިވާ އަރަބި ގައުމުގެ ބިންތަކުން އިސްރާއިލުން ފައިބާނެ ކަމަށް އޮތުމުން މިސްރާ، އުރުދުން އަދި ސީރިއާ އިންވެސް ވަނީ ރިޒޮލިއުޝަން އާއި އެއްބަސްވެފައެވެ. ނަމަވެސް 1964 ވަނަ އަހަރު އުފެދުނު ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަނުން ވަނީ އެއްބަސްވުމާއި ދެކޮޅެވެ. ސަބަބަކަށްވީ އެރިޒޮލިއުޝަން ގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ސީދާ ބަސް ހިމެނިފައި ނުވާތީއެވެ.

1967 ވަނަ އަހަރުގެ ޖުލައި 7 ގައި ބޭއްވުނު އދ ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުން

އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުން ހައްލުކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އެއީ 'ފްރޭމްވޯރކް ފޮރ ޕީސް އިން ދަ މިޑްލް އީސްޓް' އެއްބަސްވުމެވެ. މި އެއްބަސްވުމުން ސޮއިކުރެވިގެން ދިޔައީ އިސްރާއީލާއި މިސްރާ ދެމެދުއެވެ. އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓާރ މެދުވެރިއެއްގެ ގޮތުގައި ހުރެ ސޮއިކުރެވުނު މި އެއްބަސްވުމަކީ އިސްރާއީލާއި އެގައުމުގެ އަރަބި އަވައްޓެރިންގެ މެދުގައި ވެވުނު ފުރަތަމަ އެއްބަސްވުމެވެ. މިއެއްބަސްވުމުގައި އިސްރާއިލްގެ ފަރާތުން ސޮއިކޮށްފައި ވަނީ އެގައުމުގެ އޭރުގެ ބޮޑުވަޒީރު މެނާޚިމް ބެގިން އެވެ. މިސްރުގެ ފަތާރުން ސޮއިކޮށްފައި ވަނީ އެގައުމުގެ އޭރުގެ ރައީސް އަންވަރު ސާދާތެވެ. މި އެއްބަސްވުން ކޭމްޕް ޑޭވިޑް އެއްބަސްވުމުގެ ނަމުން މަޝްހޫރުވެގެން ގޮސްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ އެމެރިކާގެ މެރީލޭންޑްގެ ކޭމްޕް ޑޭވިޑްގައި ކަމުންނެވެ.

ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ސާދާތު އަދި ބެގިން އަށް ވަނީ 1978 ވަނަ އަހަރުގެ ނޯބްލް ޕީސް ޕްރައިޒް ލިބިފައެވެ. އެއެއްބަސްވުމާ ހިސާބަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އިސްރާއިލުން ހިފާފައިވާ މިސްރުގެ ސިނާއީ އަލުން އަނބުރާހޯދުމެވެ. އެމެރިކާގެ ރައީސް ޖިމީ ކާޓާރގެ ދައުވަތަށް ސާދާތު އަދި ބެގިން ކޭމްޕް ޑެވިޑަށް ވަޑައިގެން 13 ދުވަހުގެ ދިގު މަޝްވާރާތަކެއް ވަނީ ކޮށްފައެވެ. ގިނަ ޚިޔާލުތަފާތުވުންތަކަކާއި އެކުވެސް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެއްބަސްވުމުގައި މައިގަނޑުގޮތެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއި އެކު ދިރިއުޅެވޭނެ ދައުލަތެއް ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ގާއިމްކުރުމުގެ ފުރުސަތު ދިނުމާއި މިސްރާ އިސްރާއީލާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުގެ ފްރޭމްވޯކް އެކުލަވާލުމާއި އިސްރާއީލާއި އަރަބި އެހެން ގައުމުތަކުގެ ދެމެދުގައި  ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުގެ ފްރޭމްވޯކް އެކުލަވާލުމެވެ.

1979 ވަނަ އަހަރު ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިސްރުގެ ރައީސް އަންވަރު ސާދާތު، އެމެރިކާގެ ރައީސް ޖިމީ ކާޓާރ އަދި އިސްރާއިލްގެ ބޮޑުވަޒީރު މެނާކަމް ބެގިން

މިއެއްބަސްވުމާއި އެކުވެސް އަރަބި ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމްކުރެވިގެން ނުދިޔަ އިރު، ފަލަސްތީނާ އިސްރާއިލާ ދެމެދު ދެވަނަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައީ 1993 ވަނަ އަހަރުއެވެ. ގުޅިގެން އެއްބަސްވުމަކަށް އައުމުގެ މަސައްކަތް 1990ގައި ފެށިގެން ދިޔައިރު، ޕީއެލްއޯ އަދި އިސްރާއިލުން ވަނީ 1993 ވަނަ އަހަރު ނޯވޭގެ އޮސްލޯގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ޕީއެލްއޯގެ ލީޑަރު ޔާސިރް އަރަފާތު ވަނީ އިސްރާއީލަކީ މިނިވަން ދައުލަތެއްކަމުގައި ޕީއެލްއޯ އިން ބަލައިގަންނަ ކަމަށާއި އދ ގެ ރިޒޮލިއުޝަން 242 އަދި 338 ބަލައިގަންނަކަމަށް ބުނެ އެއަހަރުގެ ސެޕްޓެމްބަރު މަހު އިސްރާއިލްގެ ބޮޑުވަޒީރު ޔިޒާކް ރަބިން އަށް ސިޓީ އެއް ފޮނުވާފައެވެ. އެސިޓީގައި އަރަފާތު ވަނީ ޓެރަރިޒަމާއި އަނިޔާވެރިކަމާއި ދެކޮޅުކަމަށްވެސް ވިދާޅުވެފައެވެ. ދުވަސްކޮޅެއް ފަހުން އިސްރާއިލާ ޕީއެލްއޯ އިން ވަނީ 13 ސެޕްޓެމްބަރ 1993 ގައި އޮސްލޯ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އޮސްލޯ އެއްބަސްވުމުގައި މައިގަނޑުގޮތެއްގައި ވަނީ ފަލަސްތީނުގެ ޣައްޒާ، އަދި ހުޅަނގު އައްސޭރިން އިސްރާއިލުން ފޭބުމާއި އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އޮޓޮނޮމީ ދިނުމުގެ އިތުރުން ފަލަސްތީނުގެ ސަލާމަތީ ބާރެއް ގާއިމްކުރުމުގެ އިތުރުން ގާނޫނީ ކައުންސިލެއް ނުވަ މަސްދުވަހުގެ މުއްދަތުގައި ގާއިމްކުރުމެވެ. އަދި އިސްރާއީލުގެ ރައްކާތެރިކަން ޕިއެލްއޯ އިން ކަށަވަރުކޮށްދިނުމުގެ އިތުރުން ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. މިއެއްބަސްވުމުގައި ގުދުސް އާއި މެދު ގޮތެއް ނިންމާފައި ނުވާއިރު، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޔަހޫދިން ވަޒަންވެރިވުމާއި އިސްރާއިލުން ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލައާއި ގުޅޭ މަޝްވަރާތައް ކުރަން ނިންމާފައި ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް ދެވުނު ފަސް އަހަރުގެ މުއްދަތު ހަމަވުމުންނެވެ.

އޮސްލޯ އެއްބަސްވުމަށް ފަހު ޔާސިރު އަރަފާތާއި ޔިޒާކް ރަބީން އަތާއަތް ޖޯޑުކޮށް ސަލާންކުރަނީ

އެއްބަސްވުމަކަށް އަންނަށް އިސްރާއީލާ ޕީއެލްއޯގެ މަޝްވަރާތައް ދިޔައީ ކުރިއަށެވެ. އެގޮތުން 1994 ވަނަ އަހަރުގެ މެއި މަހު ވެވުނު އެއްބަސްވުމުގެ ދަށުން ޣައްޒާ އަދި ޖެރިކޯގައި ތިބި އިސްރާއިލުގެ ސިފައިން ވަނީ ފައިބާފައެވެ. އަދި އެސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕަލެސްޓައިން އޮތޯރިޓީ ވަނީ ހަމަ އެމަހު ގާއިމުކޮށްފައެވެ. 1995 ވަނަ އަހަރު ޕީއޭގެ މަސައްކަތްތައް އިތުރު ހަ ސިޓީއެއްގައި ފެށިގެން ދިޔައިރު، ޣައްޒާ އާއި ހުޅަނގު އައްސޭރީގެ މައްސަލައަށް އިންޓެރިމް އެއްބަސްވުމަކަށް އާދެވުނެވެ. އެއީ އޮސްލޯ ދޭކެވެ. މި އެއްބަސްވުމުގެ ދަށުން ހަތް ވަނަ ސިޓީއެއްގެ ގޮތުގައި ހިބްރޯން ގާއިމުކުރެވިގެން ދިޔައެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރި ތިން ސަރަހައްދަކަށް ބެހިގެން ދިޔައެވެ. އެއި ފަލަސްތީނުގެ ދަށަށް ދިޔަ ބަޔަކާއި، އިސްރާއިލުގެ ދަށަށްދިޔަ ބައެއްގެ އިތުރުން އިސްރާއިލާ ފަލަސްތީނުގެ ބެލުމުގެ ދަށަށް ދިޔަ ބައެކެވެ.

ކޭމްޕް ޑޭވިޑް އެއްބަސްވުމަށް މިހާރު 40 އަހަރު ވެފައިވާއިރު، މިއީ ފަލަސްތީނާއި އިސްރާއިލުގެ މައްސަލަ ހައްލުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. އޮސްލޯ އެއްބަސްވުމަށް މިހާރު ވަނީ 28 އަހަރުވެފައެވެ. މި ދެއެއްބަސްވުމަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދި އޭގެ ފަހުންވެސް ގިނަ މަޝްވަރާތަކެއް ކުރެވިގެން ދިޔަ ނަމަވެސް އަދި އަދަށް ދާންދެންވެސް މި މައްސަލައަށް ވަނީ ހައްލެއް ނުލިބިފައެވެ. އަދި މިކަން ހައްލުނުކޮށް ދިގުލައިގެން ދިޔަ ވަރަކަށް މައްސަލަ ދަނީ ގޯހުން ގޯހަށެވެ. ފަލަސްތީނުގެ ބިމުން އިސްރާއިލުން ފައިބާން ދެކޮޅު ހަދާއިރު، މިނިވަންކަން ކަށަވަރުކުރުމަށް ޖިހާދު ކުރަން ފަލަސްތީނުގެ ރައްޔިތުން ތިބީ ތައްޔާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް