ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރަން ގާތްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި 19ގެ ނިޔަލަށް 99,645 ފަތުރުވެރިން ރަޝިއާއިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 22.9 އިންސައްތައެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރެއިން، އިންޑިއާއިން އައި 89,301 ފަތުރުވެރިން ހިއްސާކުރަނީ 20.5 އިންސައްތައެވެ. އަދި ޖަރުމަނުން ރާއްޖެއައި 23,311 ފަތުރުވެރިން 5.4 އިންސައްތަ ހިއްސާކުރާއިރު، ޔޫކްރެއިނުން އައި 22,978 ފަތުރުވެރިން ހިއްސާކުރަނީ 5.3 އިންސައްތައެވެ. ކަޒަކަސްތާނުން ރާއްޖެއައި 16,603 ފަތުރުވެރިން ހިއްސާކުރަނީ 3.8 އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމެރިކާއިން އައި ފަތުރުވެރިން 3.2 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން ރާއްޖެ އައިސްފައި ވަނީ 14,328 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއައި 12,690 ފަތުރުވެރިން ހިއްސާ ކުރަނީ 2.9 އިންސައްތައެވެ.
ރޫމޭނިއާއިން ރާއްޖެއައި 11,350 ފަތުރުވެރިން ހިއްސާކުރަނީ 2.6 އިންސައްތައެވެ. ފްރާންސުން އައި 9,837 ފަތުރުވެރިން 2.3 އިންސައްތަ ހިއްސާކުރާއިރު، ޗެކްރިޕަބްލިކުން އައި 9,753 ފަތުރުވެރިން ހިއްސާކުރަނީ 2.2 އިންސައްތަ ފަތުރުވެރިންނެވެ.
ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައި ވީނަަމަވެސް އަހަރުގެ މިހާތަނަށް ރާއްޖެއަށް 435,025 ފަތުރުވެރިން ވަނީ އައިސްފައެވެ. ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖުކޮށް 3,130 ގައި އުޅޭއިރު، މި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 2,382 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖުކޮށް 9 ދުވަހެވެ.