ހއ ހޯރަފުށީ އެއާޕޯޓު ސާފު ކުރުމަށް އެރަށު ކުދިބޮޑު ރައްޔިތުން އެކުގައި ނުކުމެއްޖެއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި މޫސުން ގޯސްވެ ވާރޭވެހުމާއި، އުދަ އެރުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ގިނަ އަދަދެއްގެ ވެއްޔާއި ގާ އަރާފައިވާ ކަމަށެވެ. އަދި އެތަކެތި ސާފު ކުރުމަށް ކައުންސިލުން ގޮވާލި ގޮވާލުމަށް އިޖާބަ ދީ މުޅި ހޯރަފުށީ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ ވަރަށް ޖޯޝާއެކު މަސައްކަތް ކުރައްވާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/cbf48b1e-10af-4fd0-a9ba-7cb944e67f96.png)
ކޮވިޑް-19 ގެ މި ޙާލަތަށް އަލި އަޅުވާލައްވާ ވަޙީދު އިތުރަށް ވިދާޅުވީ، މި ޙަރަކާތުގައި ރަށުގައި ތިބި ހައި ރިސްކް ގިންތީގެ މީހުން ނޫން އެންމެންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި މަސައްކަތުގެ އެއްބައި ނިންމާލާފައިވާއިރު، ބާކީ ހުރި ސަރަަޙައްދުތައްވެސް ސާފު ކުރުމަށް ދުވަހެއް ކަނޑައަޅުއްވައި، އެ މަސައްކަތް ކުރައްވާނެކަން ވަހީދު ފާހަގަ ކުރެއްވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/5187b0d5-6e67-4cde-8323-8732d90fac92.png)
ހޯރަފުށި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަރުޙަލާގައިވެސް ރައްޔިތުން ވަނީ އެކި ގޮތްގޮތުން އެކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިއާރުގެ ދަށުން ވަނީ ހޯރަފުށީ އެއަރޕޯޓުގައި އެއް ލައްކަ ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ހޯރަފުށީ އެއާޕޯޓަށް އެންމެ ފުރަތަމަ ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު ގިނަ އަދަދެއްގެ ހޯރަފުށީ ރައްޔިތުން ވަނީ އެއާޕޯޓް ސަރަހައްދުގައި ޓެސްޓު ފްލައިޓްއަށް މަރުހަބާ ކިޔާފައެވެ.