ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 13:53
ރެފިއުޖީންތަކެއް އުފުލަނިކޮށް ބޯޓެއް ބަންޑުން ޖަހާލަނިކޮށް ނަގާފައިވާ ފޮޓޯއެއް
ރެފިއުޖީންތަކެއް އުފުލަނިކޮށް ބޯޓެއް ބަންޑުން ޖަހާލަނިކޮށް ނަގާފައިވާ ފޮޓޯއެއް
ގޫގުލް
ސީރިއާގެ ރެފިއުޖީން
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
އެހީތެރިކަން ފޯރުކޮށްދިނީ ފާޑުކިޔުންތަކާއި ގުޅިގެން
ފުރަތަމަ އެހީވީ މޯލްޓާއިން
މިކަމާއި ގުޅޭ މައްސަލައެއް އިޓަލީގައި ދަނީ ބަލަމުން

ސީރިއާގައި ހިނގަމުންދަ ހަނގުރާމައާ ގުޅިގެން، ކަނޑުމަގުން ޔޫރަޕަށް ހިޖުރަކުރި ރެފިއުޖީންތަކެއް ދަތުރުކުރި ބޯޓް ބަންޑުން ޖަހާލައި ކަނޑަށް ޣަރަޤުވެގެންދިޔަ އިރުވެސް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެއެވެ.

 

ހުޅަނގުގެ ގައުމުތަކަށް ހިޖުރަކުރި ސީރިއާގެ ރެފިއުޖީންތަކެއް ކަނޑަށް ޣަރަޤުވުމުގެ މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

 

މިހާދިސާގައި 280 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އެކު އުމުރުގެ މީހުންވެސް ހިމެނެއެވެ. މީ މިފަދަ ގޮތަކަށް ހިނގި އެންމެ ހިތާމަވެރި ހާދިސާއެވެ.

 

ސީރިއާގެ ރެފިއުޖީން ދަތުރުކުރި އުޅަނދު ބަންޑުން ޖަހާލިއިރުވެސް އިޓަލީ އަޅާލާފައި ނުވާކަން ހާމަވާ އޯޑިއޯ އާންމުކޮށްފައިވަނީ އިޓަލީ މަޖައްލާއެއް ކަމަށްވާ ލިސްޕްރެއްސޯ އިންނެވެ.

 

ރެފިއުޖީންގެ 480 މީހުން ގޮވައިގެން 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުގެ ރޭ އެބޯޓް ލީބިޔާގެ ޒުވަރާ އިން ފުރި ބޯޓު ހާލުގައި ޖެހުމުން އެހީތެރިކަން ފޮރުކޮށްދިނުމަށް އިޓަލީގެ ކިބައިން އެދިފައިވާކަން އާންމުކޮށްފައިވާ އޯޑިއޯއިން އެނގެއެވެ.

 

ބޯޓުގައި އޭރު ތިބި ރެފިއުޖީންނަކީ ސީރިއާއިން ލީބިޔާއަށް ހިޖުރަކޮށް، އަދި ލީބިޔާގައި ހަނގުރާމަ ފެށުމުން އެގައުމު ދޫކޮށް އިޓަލީގެ ޖަޒީރާއެއް ކަމަށްވާ ލިމްޕެޑޫސާއަށް ދިއުމަށް ދަތުރުކުރި ބަޔެކެވެ.

 

ރެފިއުޖީން ދަތުރުކުރި ބޮޓު ބަންޑުން ޖަހާލާފައިވަނީ އެތައް އިރަކު ބޯޓަށް ފެންނަމުންގޮއްސައެވެ. އޭރު ބޯޓު އޮތީ ލިމްޕެޑޫސާއާ ގާތްގަނޑަކަށް 60 މޭލު ދުރުގައެވެ.

 

ލިސްޕްރެއްސޯ އިން އާއްމުކޮށްފައިވަނީ ހާދިސާއާ ގުޅޭ ތަފާތު ފޯންކޯލްތަކެއްގެ އޯޑިއޯއެކެވެ. އޭގެ ތެރޭގައި އެ ބޯޓުގައި ހުރި ޑޮކްޓަރެއް ކަމަށްވާ މުޙައްމަދު ޖައްމޫ އިޓަލީގެ ކޯސްޓްގާޑަށް ކުރި ކޯލެއްވެސް ހިމެނެއެވެ.

 

އެފޯން ކޯލުގެ ޖަވާބުގައި އިޓަލީގެ ކޯސްޓްގާޑުން ބުނީ މޯލްޓާއަށް ގުޅުމަށެވެ. އަދި ބޯޓް ކައިރިވާނީ މޯލްޓާއާ ކަމަށް އިޓަލީގެ ކޯސްޓްގާޑުން ބުނެފައިވެއެވެ.

 

އެހެން އޯޑިއޯއަކުން އެނގޭ ގޮތުގައި ރެފިއުޖީން ސަލާމަތްކުރުމުގެ އޮޕަރޭޝަން ލީޑްކުރަން މޯލްޓާ އިން އެއްބަސްވިއެވެ. ނަމަވެސް އިޓަލީން އެކަމަށް ފަސްޖެހެމުން، މޯލްޓާއިން މަތިންދާބޯޓެއް ފޮނުވައިގެން ބެލި އިރު ބޯޓް ވަނީ ފެތިފައެވެ.

 

ފަހުން ރެފިއުޖީން ސަލާމަތް ކުރުމަށް އިޓަލީ އިން " މެއާ ނޯސްޓްރަމް" ގެ ނަމުގައި އިޓަލީން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށީ މީޑިއާތަކުންނާއި އެކި ޖަމާއަތްތަކުން ފާޑުކިޔަން ފެށުމުންނެވެ.

- ކޮމެންޓް