ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތް މޮނިޓަރ ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައި ވަނީ މެންބަރު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށްފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ގެންދަނިކޮށެވެ.
މިކަމާގުޅިގެން އެޗްއާރްސީއެމުން ކުރި ޓުވީޓުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ. އަދި މި ބާވަތުގެ އަނިޔާ ތަހައްމަލު ކުރާ ފަރާތަކުން އެފަދަ މައްސަލަތައް ލަސްނުކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައި އެހީތެރިކަން ހޯއްދެވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މެންބަރު އީސަ ގެވެށި އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އޭނާ ދިރިއުޅުއްވާ ގޭގެ އެހެން އެޕާޓްމަންޓެއްގައި އުޅުނު ބައެކެވެ.
މި މައްސަލައާ ބެހޭގޮތުން އަސްރާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ, ވޭތުވެ ދިޔަ 24 ގަޑިއިރަކީ އޭނައާއި ތުއްތު ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެއް ކަމަށެވެ. އެކަމަކު ދެމައިންގެ ހާލު މިހާރު ރަނގަޅު ކަމަށް އަސްރާ ލިޔެފައިވެއެވެ.