ކޮވިޑް-19ގެ އިތުރު ހަ މަރާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 111ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެއް ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑަަށް ފަރުވާހޯދަމުންދިޔަ ފަސް މީހުން ނިޔާވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކޮވިޑްގެ 106 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 01:45 ގައެވެ. 107 ވަނަ މަރު ވެސް ރިޕޯޓްކޮށްފައި ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީންނެވެ. އެއީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 03:01 ގައެވެ.
ކޮވިޑް-19ގެ 108 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނެސް ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހުގެ ހެނދުނު 07:25 ގައެވެ.
މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ތިން މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއެއް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 109 ވަނަ މަރުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ އުމުރުން 51 އަހަރުގެ އިންޑިއާގެ ފިރިހެނަކާއި 110 ވަނަ މަރުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އިންޑިއާގެ ފިރިހެން މީހާ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 08:44 ގައެވެ. އަދި ދިވެހި އަންހެން މީހާ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 08:30 ގައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ބުދަ ދުވަހުގެ ހެނދުނު 09:48 ގައި ނިޔާވެފައިވާކަމަށް އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ 111 ވަނަ މަރުގެ ގޮތުގައެވެ.
ރާއްޖެއިން ކޮވިޑް-19ށް ފަރުވާހޯދަމުންދިޔަ މީހުންގެ ތެރެއިން 111 މީހުން ނިޔާވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މި މެއި މަހު އެކަނި ވެސް 37 މީހުން ވަނީ ނިޔާވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 50ށް ވުރެ ގިނަ މަރު މިވަނީ ރިޕޯޓްކޮށްފައެވެ.