ކ. މާލެ
|
18 މެއި 2021 | އަންގާރަ 18:29
ސިޔާސީ އެކި ޕޯޑިއަމްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަަކަ ދެއްކުމަކީ އާންމު ކަމެއް
ސިޔާސީ އެކި ޕޯޑިއަމްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަަކަ ދެއްކުމަކީ އާންމު ކަމެއް
ރާއްޖެއެމްވީ
ނަފުރަތުގެ އަމަލު ހިންގުން
ނަފްރަތު އުފައްދަނީ ސިޔާސީ މީހުންނެވެ.
 
މި ބިލުގެ ނާޖާއިޒް ފައިދާ ނަގަން ބަޔަކަށް ފުރުސަތު ލިބިގެން ނުވާނެ
 
ޓެރަރިސްޓް ހަމަލައަށް ފަހު ގާނޫނީ ގޮތުން ހުރި މައްސަލަތައް ދެނެގަންނާނެ
 
ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއްކަމަށް ކަނޑައެޅުމުގެ ބިލެއް ވަނީ ފޮނުވާފައި

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމާއި ގުޅޭ ބިލެއް ބަންޑާރަނާއިބުގެ އޮފީހުން ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ސަރުކާރުން ހުށައެޅި މި ބިލާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ބަންޑާރަނާއިބު ވިދާޅުވީ، ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގެ ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ބަންޑާރަނާއިބުގެ އޮފީހުން މި ބިލު ހުށައަޅުއްވާފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ގާނޫނީ ގޮތުން ހުރި މައްސަލަތައް ދެނެގަނެ އެކަންކަން އިސްލާހު ކުރާނެކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެފަދަ ކަންކަމުގައި ގިނަ ފަހަރު ނަފްރަތު އުފައްދާ ހަގީގީ މީހުންނަކީ ސިޔާސީ މީހުންނެވެ. ރައީސް ނަޝީދަށް ދިން ހަމަލައަށް ބަލާލިނަމަވެސް ފެންނަނީ އެ މަންޒަރެވެ.

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީއަށް ރައްޔިތުންގެ މެދުގައި އޮންނަ މަގްބޫލުކަން ގެއްލުވާލުމަށް ދައްކާ އެއް ވާހަކައަކީ އެމްޑީޕީއަކީ އިސްލާމް ދީނާ ދެކޮޅު ޕާޓީއެއް ކަމުގެ ވާހަކައެވެ. އެމްޑީޕީގައި ތިބެނީ "ލާދީނީ" މީހުންނޭ ބުނެ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކި މީހުން މަދެއް ނޫނެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ވަކި ފިކުރަކަށް ތާއީދުކޮށްފިނަމަ، އެމީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަމުން ގެންދަނީ ލައިވް ޓީވީތަކުގައާއި، ބޮޑެތި ސިޔާސީ އެއްވުންތަކުގައެވެ. ޒަމާނުއްސުރެ މި ވާހަކަތައް ދެކެވި، އެންމެ ފަހުން އެމްޑީޕީއަށް ތާއީދުކުރާ ކޮންމެ މީހަކީ މި ގައުމުގައި އިސްލާމް ދީން އޮންނަން ދެކޮޅު ހަދާ މީހަކަށްވެސް ވެއްޖެއެވެ. ރައީސްކަމުގެ މަގާމާއި، މަޖިލިސް މެމްބަރުކަމުގެ މަގާމަށް ކެމްޕެއިން ކުރާއިރު، ބޭނުންކުރާ އެއް އުކުޅަކީވެސް "ދީނީ-ލާދީނީ ޓެގް" އެޅުވުން ކަމުގައި ހަދައިފިއެވެ.

އެކަންކަމުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. މި ހިސާބުން އުފެދޭ ސުވާލަކީ މިއީ ނަފްރަތު އުފެއްދުންކަމަށް ނުވާނެބާއެވެ؟ ދިވެހިންނަކީ ތަބީއަތުގައިވެސް ފާޑެއްގެ ބައެކެވެ. އަޅުގަނޑުވެސް ހިމެނޭ ގޮތުންނެވެ. ރާފުޅި ހިފައިގެން ހުންނަ މީހާވެސް ދީނާއި ބެހޭގޮތުން އެއްޗެއް ބުނެފިނަމަ ނިކަން ރުޅިގަދަވާނެއެވެ. އެކަމާ ދެކޮޅަށް އަޑުވެސް އުފުލާނެއެވެ. އެމީހަކީ މުރުތައްދުވެފައިވާ މީހެއްކަމަށް ނިންމައި، ރަައްޔިތުންގެ ނިޔާވެސް އެމީހެއްގެ މައްޗަށް ކަނޑައަޅާނެއެވެ. އެފަދަ މުޖުތަމައެއްގައި މިގޮތަށް ނަފްރަތު އުފެދޭ ވާހަކަ ދެއްކުމުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ.

ދެން އޮތީ މި ބިލުގެ ވަހަކައެވެ. ބިލު ގާނޫނަކަށްވެ ތަސްދީގު ކުރާ ހިސާބުން، ނަފްރަތު އުފެއްދުމަށް ދެކެވޭ ވާހަކަތާއި، ކުރާ އަމަލުތަައް ބަލައި، ފިޔަވަޅު އެޅުން ފަދަ ކަންކަން ކުރެވިގެން ގޮސްދާނެއެވެ. ނަމަވެސް އޭގެ އަނެެއްކޮޅުން އޮތީ މި ބިލުގެ ނާޖާއިޒް ފައިދާ ނަގަން ބަޔަކަށް ފުރުސަތު ލިބިގެން ދިއުމެވެ. ވަޅިއަކީވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. ނަމަވެސް އެ ވަޅިން މީހެއްގެ ފުރާނަ ދުއްވާލަނީ އެ ވަޅީގެ އެންމެ ރަނގަޅު ބޭނުން ކުރަން ނޭނގޭ މީހެއްގެ އަތަށް ދިނީމައެވެ. މިއަދު މިއޮތް ވެރިކަމުގައި މިގާނޫނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމުގެ އަމާޒުގައި މަސައްކަތްތަކެއް ކޮށްފާނެއެވެ. ނަމަވެސް ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުންނަށް އެތަކެއް ތުރާތަކެއް ޖެއްސި ދުވަހެއްވެސް ދިވެހިން ވަނީ ދެކިފައެވެ.

އެފަދަ ވެރިއަކު އަނެއްކާވެސް ގައުމުގެ ހުންގާނަށް ވަޑައިގެންފިނަމަ އެންމެ ފުރަތަމަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއް ގާނޫނަކަށް މި ގާނޫނު ވުން ގާތެވެ. ވެރިއަކު ހިތްޕުޅާ ނުވާ ވާހަކައެއް ދައްކާ، އަމަލެއް ހިންގާ ކޮންމެ މީހަކީ ނަފްރަތު އުފައްދާ މީހަކަށްވުންވެސް ގާތެވެ. ވީމާ ގާނޫނު އެކުލަވާލުމުގެ މަރުހަލާގައި މި ކަންކަމަށްވެސް ވިސްނަން ޖެހެއެވެ.

ނަފްރަތު އުފެއްދުމަކީ ހަގީގަތުގައިވެސް ކުށެއް ކަމަށް ހަދަން ޖެހެއެވެ. އެއްވެސް ބިރެއް ފިކުރެއް ނެތި މީހުންގެ ފުރާނަ ދުއްވާލަން ފަސް ނުޖެހޭ 1700ށް ވުރެ ގިނަ މީހުން ދިރިއުޅޭ މި މުޖުތަމައުގައި މިއީ ކޮންމެހެންވެސް ކުރަން ޖެހިއްޖެ ކަމެކެވެ. ނަމަވެސް އެކަމާ އެއްވަރަށް، މީހުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް މީހުން "ލޭބަލް" ކުރަމުންދާ ފަރާތްތަކުގެ މައްސަލަ ވެސް ބަލަން ޖެހެއެވެ. ސިޔާސީ ގޮތުން ނަފްރަތު އުފައްދަމުން ގެންދާ މީހުން ހަމަ މަގަށް އަޅުވަން ޖެހެއެވެ. ހަގީގީ ނަފްރަތު އުފައްދާ މީހުންނަކީ ސިޔާސީ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް