ކޮވިޑް-19ން ރައްކައުތެރިވުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފުތާއަށް ދިގު ދަންމާލައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ސޮއިކޮށް ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މި ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތް އިޢުލާނު ކޮށްފައިވީ ހިނދު؛ އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 2021 މޭ 11 ވަނަ ދުވަހު، 2021 މޭ 12 ވަނަ ދު ވަހުން ފެށިގެން 1 ހަފުތާގެ މުއްދަތަށް އެޅުމަށް އަންގައިފައިވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 46/2021ގެ އެންގުމު ގައިވާ ކޮވިޑް-19 އިން ރައްކައުތެރި ވުމަށް މާލެ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމުގެ މުއްދަތު، 20121 މޭ 19 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމައި، އެ މުއްދަތު ނިމޭ ތާރީޚަކީ 2021 މޭ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކަނޑައަޅާ ކަމުގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 46/2021 ގައި ބުނެފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށްޓާއި، ހުޅުލޭގައި ހަވީރު 4:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓައިލުމަށެވެ. ނަމަވެސް ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް އަންގާ ކަމުގައެވެ.
ނަމަވެސް ސިފައިންނާއި ފުލުހުންނާއި ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް އިސްތިސްނާވެއެވެ. އަދި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައްވެސް އިސްތިސްނާވެއެވެ. މީގެ އިތުރުން، ވެސް ޑީޖީ އޮފް ޕަބްލިކް ހެލްތުން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ. އަދި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް މި އެންގުމުގައި އަންގާފައިވެއެވެ.