ފަލަސްތީނުގެ ގާޒާގައި ހުންނަ ގަތަރުގެ ރެޑް ކްރެސެންޓް އޮފީހަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ބޮން އަޅައި ބިމާހަމަކޮށްލައިފިއެވެ. ރެޑް ކްރެސެންޓް އޮފީހަށް ދިން ހަމަލާގައި ފަލަސްތީނުގެ ދެ މީހުން ޝަހީދުވެ އިތުރު ދިހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ގަތަރުގެ ރެޑް ކްރެސެންޓްގެ ފަރާތުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން އުދުވާނީ ހަމަލައެއްގައި އެ ޖަމާއަތުގެ ގާޒާ އޮފީސް ފުނޑުފުނޑު ވެފައިވާ ކަމަށެވެ. މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެވޭނެ ވަސީލަތްތައް ބަރާބަރަށް ގާޒާގައި ދެމެހެއްޓިފައިވާކަން ކަށަވަރު ކޮށްދިނުމަށްވެސް އެ ޖަމާއަތުން ވަނީ ދުނިޔެއަށް ގޮވާލާފައެވެ.
ގަތަރުގެ ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އަލީ ބިން ހަސަން ހައްމާދީ ވިދާޅުވީ އިސްރާއީލުގެ މި އުދުވާނަކީ ކަނޑައެޅިގެން ޖެނީވާ ކޮންވެންޝަނުގައި ބަޔާންކުރާ ހައްގުތަކަށް އަރައިގަތުމެއް ކަމަށާއި މިއީ ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައިލުމެއް ކަމުގައެވެ. ގަތަރުގެ ޚާރިޖިއްޔާއިންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އެތަނުން ބުނެފައިވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ތަންތަނާއި މީޑިއާއަށް ވެސް އަމާޒުކޮށްގެން އިސްރާއީލުން ހިންގަމުން މިދަނީ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައެވެ.
ގަތަރުގެ ރެޑް ކްރެސެންޓަކީ ގާޒާގައި އަނިޔާވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބައިނަލްއަގުވާމީ ޖަމާއަތެވެ. ގާޒާގެ ވަރަށް ގިނަބަޔަކު އަވަސް ފަރުވާއާއި އެނޫންވެސް ކަންކަމަށް މިވަގުތު އެންމެ ބޮޑަށް ބަރޯސާކުރާ ޖަމާއަތަކީ ގަތަރުގެ ރެޑް ކްރެސެންޓެވެ.
ގަތަރުގެ ރެޑް ކްރެސެންޓްގެ ގާޒާ އޮފީހަށް ބޮން އެޅުމުގެ ދެ ދުވަސްކުރިން އިސްރާއީލުން ވަނީ ގާޒާގައި ހުންނަ ގަތަރުގެ އަލްޖަޒީރާ ޓީވީގެ ބިއުރޯއަށްވެސް ބޮން އަޅައިފައެވެ. އެ އިމާރާތަކީ ބައިނަލްއަގުވާމީ އެހެން މީޑިއާ އޮފީސްތައްވެސް ގާއިމުކުރެވިފައިވާ އިމާރާތެކެވެ. އެތަނަށް ބޮން އެޅުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވިދަޅުވެފައިވަނީ އަލްޖަޒީރާ އޮފީަށް ދެވުނު ހަމަލަޔަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމުގައެވެ.