ފަލަސްތީނުގެ ހަ އަހަރުވީ ސުޒީއާއި އޭނާގެ މަންމަޔާއި ބައްޕަ އަދި އާއިލާގެ އިތުރު ހަތަރު ކުދިން ދިރިއުޅެމުން އައީ ގާޒާގައި ހުންނަ އެމީހުންގެ ގޭގައެވެ. ރަގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގެއެކެވެ. އެއްރޭ ފަތިހުގެ ވަގުތެއްގައި އިޒްރޭލުގެ ޖެޓުތަކުން ހަމަލަދީ ސުޒީމެންގެ ގެ ވަނީ ފުނޑުފުނޑު ކޮށްލައިފައެވެ.
މި އުދުވާނުގައި ސުޒީގެ އެއްބަނޑު އެއްބަފާ ބޭބެއިންނާއި ކޮއްކޮމެން ހިމެނޭ ގޮތަށް ހަތަރު ބެއިން ވަނީ ނިދިން އަދި ހޭނުލެވެނީސް ވަގުތުން ޝަހީދު ވެފައެވެ. ސުޒީގެ މަންމަވެސް ވަނީ ވަގުތުން ޝަހީދު ވެފައެވެ. އެކަމަކު ސުޒީ އާއި އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތްވިއެވެ. ވަރަށް ބޮޑަށް އަނިޔާވުމާއެކުގައެވެ.
ސުޒީ ސަލާމަތްވީ ފުނޑުފުނޑު ވެފައިވާ އިމާރާތުގެ ކޮންކްރީޓުތަކުގެ ދަށުގައި އޭނާ ތާށިވެފައި އޮންނަތާ 7 ގަޑިއިރު ފަހުންނެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. ގާޒާގައި ހުންނަ އައްޝިފާ ހަސްފަތާލުގައި އެޑްމިޓްކޮށްގެން ސުޒީއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހުނަސް ސުޒީގެ ބައްޕަޔަށް ވެސް ސީރިއަސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.
ހަސްފަތާލުގައި އޮވެގެން ސުޒީ ހޭއެރުމާއެކު ބައްޕަ ރޮވިފައި ހުރެގެން ސުޒީގެ ކިބައިން މައާފަށް އެދުނެވެ. އެހާ ގިނަ ވަގުތު އިމާރާތުގެ ދަށުގައި އޮތް އިރުވެސް ސުޒީއާ ހަމައަށް ނުދެވުމާއި ސަލާމަތް ނުކުރެވުމުންނެވެ. ބުންޏެވެ. ދަރިފުޅުގެ ރުއިންތަކުގެ އަޑު ބައްޕަޔަށް އިވެއެވެ. އެކަމަކު ދަރިފުޅާ ހަމަޔަކަށް ނުދެވުނެވެ. ސަލާމަތެއްވެސް ކޮށްނުދެވުނެވެ. ދަރިފުޅުގެ މަންމަޔާއި ބޭބެމެންނާއި ކޮއްކޮމެންވެސް ޝަހީދުވެއްޖެއެވެ. ދަރިފުޅާއި ބައްޕަ އެކަނިވެރި ވެއްޖެއެވެ. ދަރިފުޅާއެވެ. މިބައްޕަޔަށް މައާފު ކުރާށެވެ.
އިސްރާއީލުގެ ސިފައިން ގާޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވީ ފަލަސްތީނު މީހުންގެ އަދަދު ދުއިސައްތައަށްވުރެ މައްޗަށް ގޮސްފައިވާއިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް 58 ކުއްޖަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އަހަރުނުވާ ތުއްތު ކުދިންވެސް ހިމެނެއެވެ.
މި އުދުވާން ނުހުއްޓައި ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ބުނެއެވެ. އިއްޔެ އެކަނިވެސް އިސްރާއީލުގެ 54 ޖެޓަކުން ގާޒާގެ 35 އަމާޒަކަށް ހަމަލަދީ ފުނޑުފުނޑު ކޮށްލާފައިވެއެވެ. މި އުދުވާން ކުށްވެރި ކުރުމުގެ ބަދަލުގައި އެމެރިކާއިން ނިންމާފައިވަނީ 800 މިލިޔަން ޑޮލަރުގެ އިތުރު ހަތިޔާރު އިސްރާއީލަށް އަވަހަށް ފޮނުވުމަށެވެ.