އަލަށް ހުވާކުރި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ޖަޒީރާ ރާއްޖެއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ތަސައްވުރުގެ ބޮޑު ބައެއްގައި ކުލަޖެހިގެން ހިނގައްޖެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރެވެމުން ދިޔަ ކެމްޕޭނުގައި ރައީސް ސާލިހު ވެވަޑައިގަތް އެންމެ ބޮޑު އެއް ވައުދުފުޅަކީ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ވައުދުފުޅެވެ. މިވައުދުފުޅު ފުއްދެވުމަށް އެމަނިކުފާނު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ލާމަރުކަޒުކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްތަކާއެކު ހޮޅުއަށި ބައްދަލުވުންތައް ބާއްވަވައި ލާމަރުކަޒީ ގާނޫނު ތަސްދީގުކުރައްވައި ގިނަ ބާރުތަކެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެމަނިކުފާނު ވަނީ ދޫކޮށްލައްވާފައެވެ.
ލާމަރުކަޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ ވެރިކަމުގައި ހުންނަ ކޮންމެ މީހެއްވެސް ބާރުތައް ދޫކޮށްލަން ފަސްޖެހޭ ކަމަށާއި ނަމަވެސް ރައްޔިތުންގެ އަތްމައްޗަށް އެމަނިކުފާނު ބާރުތައް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް ހަގީގީ ތަރައްގީ ހޯދޭނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންނެވެ. އަލަަށް ފާސްކުރެވުނު ގާނޫނުގެ ދަށުން އެރަށެއްގެ އިހްތިސާސުގެ ބާރުވެރިކަން ވަނީ ކައުންސިލްތަކަށް ލިބިފައެވެ. ރަށް ތަރައްގީކުރުމުގެ އިދާރީ ބާރު ވަނީ ކައުންސިލްތަކަށް ލިބިފައެވެ.
މީގެ އިތުރުން ރައީސް ސާލިހު ވަނީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖެ ތަރައްގީކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިރިހެނުންނެކޭ އެއް ހަމައެއްގައި ދިވެހި އަންހެނުންނަށްވެސް ދެއްވާފައެވެ.
ރާއްޖެއެމްވީ އާއި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއެކު ރައީސް ސާލިހުގެ ތަަސައްވަރު ހާސިލްކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެން ހިގައްޖެކަމަށެވެ.
ހަގީގީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށް ހިންގަން މިފެށުނީ ކަމަށާއި އަލަށް ހުވާކުރި ކައުންސިލަރުންގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ސިޓީތަކާއި ރަށްރަށް ތަރައްގީކުރުން ކަމަށް ރައީސް ސާލިހު ވެސް ވަނީ ވިދާޅުވެފައެވެ.