ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00ށް 286 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
އެޗްއީއޯސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައި ބޭރުގައި އުޅުނު 103 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅުނު 160 މީހުންނާއި އެވަގުތު އުޅަނދު ދުުށްވި 23 މީހުން ވަނީ ޖޫރިމަނާކޮށްްފައެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދޭތޯ ބެލުމަށް ކުރިއަށް ގެންދާ މާސް އިންޕެކްޝަންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 33 ތަނެއް ބަލައި، އެއް ފިހާރަ ވަނީ ޖޫރިމަނާކޮށްފައެވެ.
މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވުމާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމާއި ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ބަންދުކުރުން ހިމެނެއެވެ. ފިޔަވަޅުތައް ވަރުގަދަކުރުމަށްފަހު އެކަންތައް ތަންފީޒުކުރުމަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ މިހާރު މާލެ މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ.