ރާއްޖޭގައި ކޮވިޑް-19ށް ފަރުވާހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދޭ ގޮތުގައި ނިޔާވެފައި ވަނީ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 99 ވަނަ މީހާއެވެ. މި މީހާ ނިޔާވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:14ގައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މެއި 15 ވަނަ ދުވަހުގެ ރޭ 02:38 ހާއިރު މިބަލީގައި 95 ވަނަ މީހާ ނިޔާވެފައިވާއިރު، 96 ވަނަ މީހާ ނިޔާވެފައި ވަނީ އެ ދުވަހުގެ ހެނދުނު 04:30 ހާއިރުއެވެ. އޭނާއަށް ވެސް ފަރުވާ ދެމުން ގޮސްފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު 16 ވަނަ ދުވަހުގެ ހަވީރު 03:10 ނިޔާވެ ޖުމްލަ އަދަދު ވަނީ 97ށް އަރާފައެވެ. އަދި 98 ވަނަ މީހާ ނިޔާވެފައިވަނީ 16 ވަނަ ދުވަހުގެރޭ 10:44 ގައެވެ. ކޮވިޑްގެ 99 ވަނަ މަރު ރިޕޯޓްކޮށްފައި ވަނީ 98 ވަނަ މަރު ރިޕޯޓްކުރިތާ ދެ ގަޑިއިރުވެސް ނުވަނީހެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 16،000 އާއި ގާތްކޮށްފައިވާއިރު، 262 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ނިޔާވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ އިރު، މެއި 14 ވަނަ ދުވަހު އެކަނިވެސް ފަސް މީހުން ވަނީ ނިޔާވެފައެވެ.