ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 98ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 98 ވަނަ މީހާ ނިޔާވެފައި ވަނީ މެއި 16 ވަނަ ދުވަހުގެ ރޭ 10:44 ހާއިރު ކަމަށެވެ. ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މެއި 15 ވަނަ ދުވަހުގެ ރޭ 02:38 ހާއިރު މިބަލީގައި 95 ވަނަ މީހާ ނިޔާވެފައިވާއިރު، 96 ވަނަ މީހާ ނިޔާވެފައި ވަނީ އެ ދުވަހުގެ ހެނދުނު 04:30 ހާއިރުއެވެ. އޭނާއަށް ވެސް ފަރުވާ ދެމުން ގޮސްފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު 16 ވަނަ ދުވަހުގެ ހަވީރު 03:10 ނިޔާވެ ޖުމްލަ އަދަދު ވަނީ 97ށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 16،000 އާއި ގާތްކޮށްފައިވާއިރު، 262 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ނިޔާވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ އިރު، މެއި 14 ވަނަ ދުވަހު އެކަނިވެސް ފަސް މީހުން ވަނީ ނިޔާވެފައެވެ.