ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 23:33
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް
ފޮރިން މިނިސްޓްރީ
ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ބަދަހިކުރުން
ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
 
ޑިމޮކްރަސީއާ އިންސާނީ ހައްގުތައް ގާއިމުކުރުމުގައި މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރެއްވި
 
ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކޮށްފައިވޭ
 
ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ގުޅުން އިތުރަށް ބަދަހިކުރާނެ

ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވަރޗުއަލްކޮށް ބައިވެރިވަޑައިގެން ދެގައުމު ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކިދާއިރާތަކުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަންގްލަދޭޝްއަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅަށް އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް އެމަނިކުފާނަށް ވެސް މިނިސްޓަރ ޝާހިދުވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ބަންގްލަދޭޝްއަށް މިނިވަންކަން ގެނެސް، ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ޝެއިޚް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރެއްވިއެވެ.

ވަރޗުއަލްކޮށް ބޭއްވި މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުޣަފޫރު މުހައްމަދު، އެމްބެސެޑަރ-އެޓް-ލާރޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހިސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން ބައިވެރިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް