ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 13:14
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ސޯޝަލް މީޑިއާ
ކޮވިޝިލްޑް ވެކްސިން ރާއްޖެ ގެނައުން
އެކްސްޕޯޓްކުރުން ދަތިނަމަވެސް، ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް މިހަފުތާގެ ތެރޭގައި ގެންނަނީ
 
ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފުތާ ފަހުން
 
ދެވަނަ ޑޯޒް ޖަހަން ކަނޑައަޅާފައިވާ މުއްދަތައްވުރެ އިތުރަށް ދިވެހިން އިންތިޒާރުކުރަން ނުޖެހޭނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވި
 
ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒް ގަތުމަށް ސީރަމް އިންސްޓިޓިއުޓާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

އެކްސްޕޯޓްކުރުން ދަތިވެފައިވާ ދަނޑިވަޅުގައި ވެސް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް މިހަފުތާގެ ތެރޭގައި ލިބޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް މިހާތަނަށް ވަނީ ދެލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސިނޮފަރމް ވެކްސިން ރާއްޖެއަށް ގެނެސްފައިވާކަން ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އިމަޖެންސީ ހުއްދަދީ އަދި ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް މި ވެކްސިންގެ 2 ލައްކަ ޑޯޒް ހަދިޔާކޮށްފައިވުމުން، ސަރުކާރުން ވީހާވެސް ގިނަ ބަޔަކަށް ވެކްސިންގެ ކަށަވަރުކަން ޔަޤީންކުރުމަށްޓަކައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަަ ޑޯޒް ޖަހައި ހުސްކޮށްލާފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ މި ވެކްސިންގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން އުފެއްދުމުގައާއި ވެކްސިން އެކްސްޕޯޓްކުރުމުގައި ދަތިތަކެއް ހުރިކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ. މިކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ކަނޑއަޅާފައިވާ މުއްދަތައްވުރެ އިތުރަށް ދިވެހިން އިންތިޒާރުކުރަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިން އުފެއްދުމަށް ތާށިކަމެއް އަޔަސް، ރާއްޖެއަށް މިވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ބުދަ ދުވަހުގެ ހެނދުނު އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް މި ހަފުތާގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރަށް ބޭނުންވާ އެއްލައްކަ ޑޯޒް ވެސް ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒް ގަތުމަށް ސިރަމް އިންސްޓިޓިއުޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިމަހުގެ ކުރީކޮޅު ވަނީ ބުނެފައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފުތާ ފަހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، އެޗްޕީއޭއިން ދަނީ އޭޕްރީލްމަހު ދެވަނަ ޑޯޒްޖެހުމުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް