ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދު "ޒިއަންގް ޔަންގް ހޮންގް 3" މާލޭގައި ބަނދަރުކޮށްފިއެވެ.
ކަނޑު އުޅަނދުތައް ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު މާލެ ކައިރީގައި ބަނދަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.
ޗައިނާގެ މި އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހިރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދީފައިވާއިރު، އެކަމާއި ގުޅޭގޮތުން އޭރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަން ފާހަގަކުރައްވަމުން، ހާރިޖީ ވުޒާރާއިން ވިދާޅުވީ ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށްވެސް ރާއްޖެއިން އަބަދުވެސް ޚިދުމަތް ދޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވުމުގެ އިތުރުން، އެހެން ޤައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް ފެންނާނެކަމަށްވެސް ބަޔާނުގައިވެއެވެ.
މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު މާލެ ކައިރީގައި ބަނދަރުކުރުމުގެ ކުރިން ވަނީ ތިން ހަފްތާ ވަންދެން އިންޑިޔާ، ރާއްޖެ އަދި ލަންކާގެ އީއީޒެޑްގެ ބޭރު ސަރަހައްދުގައި ސަރވޭ ކުރިޔަށްގެންގޮސްފައެވެ.
މިއުޅަނދާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.
މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.
މި ބޯޓާ ގުޅިގެން އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބައިނަލްއަޤްވާމީ ނޫސްތަކުންނެވެ.