ކ. މާލެ
|
5 މާރޗް 2021 | ހުކުރު 23:39
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ- ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑަކީ ސީރިއަސް ބައްޔެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ- ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑަކީ ސީރިއަސް ބައްޔެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން
ޓްވިޓަރ
ބްރެޒިލްގެ ކޮވިޑް ޙާލަތު
ބްރެޒިލްގައި ރެކޯޑު އަދަދުތަކުން ކޮވިޑު މަރުތައް، ބޮލްސޮނާރޯ ވިދާޅުވީ ހަމަޖެހިލުމަށް
 
ފާއިތުވި 24 ގަޑިއިރުވެސް ބައިލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވޭ
 
މީގެ ކުރިން ކުރިމަތިނުވާފަދަ ކޮވިޑް ރާޅެއް އެ ޤައުމަށް މިވަނީ އައިސްފައި
 
ރެކޯޑު އަދަދުތަކުން ރިޕޯޓު ކުރެވެމުންދާތާ ވިދިވިދިގެން 2 ދުވަސްވެއްޖެ

ކޮވިޑް-19 ބަލިމަޑުކަން އޮތް ނަމަވެސް އެކަމާ ހިތާމަނުކޮށް، ހަމަޖެހިލުމަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ގޮވާލައްވައިފިއެވެ.

ބޮލްސޮނާރޯ އެހެން ވިދާޅުވީ، ބްރެޒިލްގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދުތަކުން ރިޕޯޓު ކުރެވެމުންދާތާ ވިދިވިދިގެން 2 ދުވަސް ވެފައިވަނިކޮށެވެ. އެގޮތުން ބޮލްސޮނާރޯ ވަނީ އެކަމާ ހިތާމަނުކޮށް، އެންމެންވެސް ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ. މީގެ ކުރިންވެސް ބޮލްސޮނާރޯވަނީ އެކި ފަހަރުމަތިން ކޮވިޑަކީ ސީރިއަސް އެއްޗެއް ނޫންކަމަށް ދޭހަވާ ބީދައިން ވާހަކަ ދައްކަވާފައެވެ. އެގޮތުން މުޅި ދުނިޔެއިންވެސް 2 ވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާ ޤައުމަކަށް ބްރެޒިލް ވެފައިވީނަމަވެސް، ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑާ ގުޅިގެން އަޅާ އެކި ފިޔަވަޅުތަކަށްވެސް ފާޑު ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބްރެޒިލްގައި ކޮވިޑުގެ ޙާލަތު ގޯސްވެފައިވާއިރު، މީގެ ކުރިން ކުރިމަތިނުވާފަދަ ކޮވިޑް ރާޅެއް އެ ޤައުމަށް މިވަނީ އައިސްފައެވެ. އެގޮތުން ހޮސްޕިޓަލުތަކުގެ އެނދުތައްވެސް ފުރެމުންދާއިރު، ސިއްޙީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ރިޕޯޓު ކުރެވިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެންނަމަވެސް، މިފަދަ ދަނޑިވަޅެއްގައިވެސް ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑަކީ އެހާ ސީރިއަސް ބައްޔެއް ނޫންކަމަށް ދޭހަވާ ގޮތަށް އެކި ވާހަކަތައް ދައްކަވަމުންނެވެ.

ރުއިމާއި، ހިތާމަކުރުން ވާވަރަށް ވެއްޖެ، ކިހާ ދުވަހެއް ވަންދެން ރޮއިރޮއި ތިބެންވީ؟ އެންމެންވެސް ހަމަޖެހިލާފަ ކުރިއަށްދޭ
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ

ބްރެޒިލުން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުވެސް ބައިލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވެއެވެ. އަދި ފާއިތުވި 24 ގަޑިއިރުވެސް 1353 މީހަކު މި ބަލީގައި މަރުވެގެން އެ ޤައުމުން ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
67%
33%
0%
0%
ކޮމެންޓް