ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 20:04
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން- މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން- މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެމްބަރުންގެ ސަލާމުގެ މައްސަލަ
މަގޭ ރިޕޯޓް: މެމްބަރުންނަށްވީމަ ހިތުހުރިވަރަކަށް ސަލާން ބުނެވޭ، މުސާރައިން ކެނޑޭނެ ގޮތެއްވެސް ނޯވޭ؟!
 
ސަލާމުގަޔާއި ޗުއްޓީގައި ތިބޭ މެމްބަރުންގެ މުސާރައިން އުންޏެއްނުވޭ
 
ގާސިމް ހާޒިރުވެވަޑައިގަންނަވާފައިވަނީ މިދިޔަ އަހަރު ބޭއްވި 13 ޖަލްސާއަށް
 
މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން 97 ޖަލްސާއަށް ސިޔާމް ވަޑައިނުގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑު މުސާރައެއް ނަންގަވައިގެން ޖަލްސާތަކަށް ވަޑައިނުގަންނަވާ ވާހަކައަކީ އާންމުންގެ ތެރޭގައި އަބަދުވެސް އޮންނަ ޝަކުވާއެކެވެ. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެތައް ކަމެއް ކޮށްދެއްވާނެކަމުގެ ވައުދާ އެތައް އުންމީދުތަކެއް ރައްޔިތުންނަށް ދެއްކެވުމަށްފަހު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާ ހިސާބުން ދާއިރާގެ ރައްޔިތެއްގެ މޫނު ފެންނަ ހިސާބަށް ނާދެވޭއިރު އެ ހޮވުނު ގޮނޑީގައިވެސް އިށީންދެ އިންނަތަން ނުފެނުމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ. އެހޮވުނު ގޮނޑި ފެންނަ ހިސާބަށް ރައްޔިތުންގެ ޚާދިމުންނަށް ނުދެވޭކަމަކީ ހަގީގަތުގައިވެސް ސީރިއަސް މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އޮންނާނީ ހަފްތާއަކު ތިން ދުވަހެވެ. އެއީ ހޯމައިން ބުދަ އަށެވެ. ހަފްތާއަކު ތިން ދުވަހު އޮންނަ ޖަލްސާތަކަށް ހާޒިރުނުވެ ސަލާމުގައި އެތައް މެމްބަރުންނެއް ތިއްބަވާއިރު ގަޑިޖެހިގެން ވަޑައިގަންނަވާ މެމްބަރުންނާއި ޖަލްސާތަކަށް ވަޑައިނުގަންނަވާ އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް ނާންގަވާ ތިއްބަވާ މެމްބަރުންވެސް ތިއްބަވައެވެ. އެމެމްބަރަކު ބޭނުންފުޅުވީމާ ހިތަށް އެރި ދުވަހަކު ޖަލްސާއަށް ވަޑައިގަންނަވަންވީއެވެ.

އެފަދަ ބައެއް މެމްބަރުންނަށް ބަލާނަމަ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދަކީ ނަމޫނާ މެމްބަރެކެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން އެގޮނޑި ފުރުއްވަމުން ގެންދަވާއިރު ހާޒިރީގެ ފުލުން އަބަދުވެސް ޖާގަ ހޯއްދެވުމުގައި ސިޔާމް ކުޑަތަންކޮޅެއްވެސް ފަސްޖެހި ވަޑައިގަންނަވާފައެއްނުވެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރު ބޭއްވި 104 ޖަލްސާއަށް ބަލާލާނަމަވެސް ސިޔާމް ވަނީ ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯއްދަވާފައެވެ. 104 ޖަލްސާގެ ތެރެއިން 79 ޖަލްސާގައި ސިޔާމް ހުންނެވީ ސަލާމުގައެވެ. 18 ޖަލްސާއަށް ވަޑައިނުގަންނަވާއިރު އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގަވާފައެއްނުވެއެވެ. ޖުމްލަ 97 ޖަލްސާއަށް ސިޔާމް ވަޑައިނުގަންނަވާއިރު ސިޔާމަށް ވަޑައިގެންނެވިފައިވަނީ އެންމެ 7 ޖަލްސާއަށެވެ.

މިލިސްޓުން ދެ ވަނަ މިދިޔަ އަހަރު ލިބެނީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމަށެވެ. ސަރުކާރު ކޯލިޝަންގެވެސް އިސް ބައިވެރިއެއްގެ ގޮތުގައި ހުންނެވި ގާސިމް މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން 91 ޖަލްސާގައި ވަނީ ސަލާމުގައި ހުންނަވާފައެވެ. އެހެންކަމުން ގާސިމް މިދިޔަ އަހަރު ހާޒިރުވެ ވަޑައިގަންނަވާފައިވަނީ 13 ޖަލްސާއަށެވެ. ގާސިމަކީ ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުޑަދުވަސްކޮޅަކު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މިއަހަރު ފެށިގެން މިހާތަނަށް ބޭއްވި 7 ޖަލްސާގައިވެސް ގާސިމް ހުންނެވީ ސަލާމުގައެވެ.

މިލިސްޓުން ތިން ވަނަ ލިބިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމަށެވެ. ސަލީމު 25 ޖަލްސާގައި ސަލާމުގައި ހުންނެވިއިރު 13 ޖަލްސާއަށް ވަޑައިނުގަންނަވާ އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގާފައެއްނުވެއެވެ. އެހެންކަމުން 104 ޖަލްސާގެ ތެރެއިން 38 ޖަލްސާއަށް ސަލީމު ހާޒިރުވެ ވަޑައިގަންނަވާފައެއްނުވެއެވެ.

މިއީ މިދިޔަ އަހަރުގެ ޖަލްސާތަކުގެ ހާޒިރީން އެންމެ ފުލުގައި އުޅުއްވާ ތިން މެމްބަރުންނެވެ. ރައްޔިތުންގެ ޚާދިމުންގެ ތެރެއިން ބައެއް ޚާދިމުންގެ ހާޒިރީ މިހާ ދަށްކޮށް އުޅޭއިރު އަދި މިހާހިސާބުން މިވާހަކަ ނިންމާލެވޭކަށްނެތެވެ. އެއީ ޖަލްސާތަކަށް ވަޑައިނުގަންނެވިނަމަވެސް މިބޭފުޅުންގެ މުސާރައިން ހަމަ އެންމެ ލޯ ލާރިއެއްވެސް އުނި ނުވާތީއެވެ. އަދި ޖަލްސާތަކަށް ވަޑައިނުގަންނަވާ ސަލާމުގައި ތިއްބެވުމަށް ވަކި އިމެއްވެސް ކަނޑައެޅިފައި ނުވާތީއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވައެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާއިއެކު ޖުމްލަ 82،000ރ. މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވައެވެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް 7،156،625 (ހަތް މިލިއަން އެއް ލައްކަ ފަންސާސްހަހާސް ހަސަތޭކަ ފަންސަވީސް) ރުފިޔާ ދައުލަތުން ހޭދަކުރެއެވެ. އެހެން ގޮތަކަށް ބުނާނަމަ ރައްޔިތުންގެ މަންދޫބުން ޖަލްސާތަކަށް ވަޑައިގެންނިވިއަސް ނުގެންނެވިއަސް ރައްޔިތުންގެ ފައިސާއިން މަހެއްގެ މައްޗަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ އެމަންދޫބުންގެ މުސާރައަށް ހޭދަވެއެވެ. މިއިން ހަމައެކަނި ބަދަލު އަންނާނީ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ އަދަދަށެވެ. އެއީ ކޮމިޓީ އެލަވަންސަކީ ކޮމިޓީތަކަށް ވަޑައިގަންނަވާ ނިސްބަތުން ލިބިވަޑައިގަންނަވާ އެއްޗަކަށްވާތީއެވެ.

މެމްބަރުންގެ ހާޒިރީގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ގެނައުމަށްޓަކައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގައި ވަނީ ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ އެ މެމްބަރެއްގެ މުސާރައިން 50 އިންސައްތައަށްވާ މިންވަރު ކަނޑަން ޖެހޭނެކަމަށެވެ. މިބަދަލާއެކުވެސް ހިތު ހުރިވަރަކަށް ޖަލްސާތަކަށް ސަލާން ވިދާޅުވާ މެމްބަރުންގެ މުސާރައަށް އަދިވެސް ބަދަލެއް ނާދެއެވެ. އެމެމްބަރުންގެ މުސާރައިން އުންޏެއްނުވެއެވެ. ސަލާމުގައި ހިތު ހުރި ދުވަހަކު ތިއްބަވަންވީއެވެ.

ނަމަވެސް އާންމު ނިކަމެތި ރައްޔިތު މީހާއަށް ބުނެވެނީ އަހަރަކު އެންމެ ގިނަވެގެންވެސް 30 ސަލާމެވެ. ގަޑިޖެހިއްޖެނަމަ މުސާރައިން އެބައި އުނިކުރެއެވެ. އޮފީހަށް ހާޒިރުނުވެ އެއްޗެއް ނާންގާ ޖެހިޖެހިގެން 15 ދުވަސް ހުރެއްޖެނަމަ އޭނާގެ ވަޒީފާ އެހިސާބުން ގެއްލެއެވެ. އެހެންނަމަވެސް ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ ރައްޔިތުންގެ ޚާދިމުން ހަމަ ހިތުހުރިވަރަކަށް ސަލާން ބުނަންވީއެވެ. ހިތަށް އެރީމާ ހިތަށް އެރި ދުވަހަކު ޖަލްސާއަށް ހާޒިރުވާންވީއެވެ. ހިތުހުރިވަރަކަށް ގަޑިވެސް ޖެހެންވީއެވެ. މިހުރިހާ ކަމެއް ކުރައްވައިގެން މެމްބަރެއްގެ ގޮތުގައި ހުންނަވާ ލިބިވަޑައިގަންނަވާ ހުރިހާ ފައިދާއަކާއި އިނާޔަތެއްވެސް ނަންގަވަންވީއެވެ.

މިވާހަކަތަކުން ރައްޔިތުންގެ ޝަކުވާތަކުން ސޯޝަލް މީޑިޔާ ފުރި ބަންޑުންވިޔަސް އަމިއްލަ ޖަމިއްޔާތަކުން މިކަންކަން އިސްލާހުކުރަން ގޮވާލިއަސް އެކަންކަން ބަދަލުކުރިއްޔާތާއެވެ. ބަދަލުކުރަން ތިއްބެވީވެސް ހަމަ އެމެމްބަރުންނެވެ. މެމްބަރުން އަމަލުކުރަންޖެހޭ ގަވާއިދާއި ޤާނޫނުތައް ހައްދަވަނީވެސް ހަމަ އެމެމްބަރުން އަމިއްލަފުޅަށް ވިއްޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
5%
5%
0%
63%
0%
26%
ކޮމެންޓް
20 ފެބްރުއަރީ 2021 | ހޮނިހިރު 12:11
ނަށީދު
ތިއޮތީ ތި ބުނާ އިންސާފުވެރި، ރައްޔިތުންގެ ހައްގައް މަސައްކަތް ކުރާ، ޕާޓީ އަށް ބާރު ދީފަ. ބަދަލުގެނޭ. ރ އިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވސް އނގަހާވަނި،
18 ފެބްރުއަރީ 2021 | ބުރާސްފަތި 23:21
އާދޭސް
އިންސާފެއް ނެތް. އަހަރުމެންނަށް ބުނެވެނީ 30 ސަލާމް / 10 އާއިލީ ޒިންމާ. ދެންޖެހޭނީ ނޯ ޕޭ ލީވް ނަގަން. މި މީހުންނަށް އެއްވެސް އުސޫލެއް ނެތް. މުސާރާ ހަލާލުވެތޯ ވެސް ވިސްނާނުލާ