ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 12:53
އުމުރުން މިހާރު ބާރަ އަހަރުވީ ޓީޖޭ ކްލީމަން،
އުމުރުން މިހާރު ބާރަ އަހަރުވީ ޓީޖޭ ކްލީމަން،
ޑެއިލީ މެއިލް
ގަބުރުސްތާން ސާފުކުރާ ކުރާ ކުއްޖެއް
ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
 
އޭނާގެ ޚިދުމަތް ފާހަގަކޮށް އިދާރާތަކުން ވަނީ ޚާއްސަ އެވޯޑެއްވެސް ދީފައި
 
މިމަސައްކަތަކީ ކުރާހިތުން ކުރާ ހުވަފެނީ މަސައްކަތެއްކަމަށް ވެސް ބުނޭ
 
ޓީޖޭ ކްލީމަން ކޮންމެ އަހަރަކު ވެސް 3500 މަހާނަގައު ސާފަކޮށް ރީތިކުރޭ

އުމުރުން މިހާރު ބާރަ އަހަރުވީ ޓީޖޭ ކްލީމަން އެންމެ ފުރަތަމަ މަހާނަތައް ސާފުކޮށް ރީތި ކުރަންފެށީ ހަންޑިފަދަ ތަކެއްޗަށް ބިރުގަންނާތީ އެބިރުވެރިކަން ފިލުވައިލުމުގެ ގޮތުން މީގެ އަށެއްކަ އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރުން އެންމެ ހަތަރު އަހަރެވެ. މިހާރު ކްލީމަން ބުނަނީ މިއީ ހުވަފެނީ މަސައްކަތެއް ކަމަށާއި މިމަސައްކަތުގައި އަބަދުވެސް ދެމިހުންނަން އެދޭ ކަމުގައެވެ.

އޮސްޓްރޭލިޔާގެ ނިއު ސައުތުވޭލްސްގެ އަވަށެއްގައިވާ އައު ގެޔަކަށް ކްލީމަންގެ އާއިލާ ދިރިއުޅުން ބަދަލުކުރި އިރު އެގެއާ ޖެހިގެން ވަރަށް ބޮޑު ގަބުރުސްތާނެއް އޮވެއެވެ. ގަބުރުސްތާނުގެ ތެރެއިން މަރުވެފައިވާ މީސްމީހުންގެ ނުރައްކާތެރި ރޫހުތައް ތެދުވެގެން އައިސް ގޯނާކޮށްފާނޭ ކަމުގެ ބިރުވެރިކަމުގައި ކުޑަކުޑަ ޓީޖޭ ކްލީމަން އާއި އޭނާގެ އެއަށްވުރެ ވެސް ކުޑަ ފިރިހެން ކޮއްކޮ އުޅޭތީ އެ ދެކުދީންގެ މަންމަ ކުރިކަމަކީ ގަބުރުސްތާނަށް އެކުދިން ފަރިތަކުރުމަށްޓަކައި އެތަނަށް ގިނަގިނައިން ގެންގޮސް އަހުލުވެރިކުރުވީއެވެ. ހަޑިވެފައި ހުންނަ މަހާނަ ގާތައް ސާފުކޮށް ރީތިކުރުމަށް ހިތްވަރުދިނީއެވެ.

މަހާނަތަކާއި މަހާނަ ގައު ސާފުކުރުމުގައި މިހާތަނަށް އަށެއްކަ އަހަރު ހޯދުނު ތަޖުރިބާއާމެދު ކްލީމަން ބުނީ މި މަސައްކަތް ކުރުމުން ބުނެދޭން ނޭގޭ ކަހަލަ އުފާވެރިކަމުގެ އިހުސާސްތަކެއް ކުރެވޭ ކަމަށާއި އެހެންވެގެން އަބަދުވެސް މިމަސައްކަތް ކުރަން ބޭނުންވާ ކަމުގައެވެ. ޓީޖޭގެ މަންމަ ބުނެފައިވަނީ ގަބުރުސްތާނުގެ ތެރެޔަށް ދަރިފުޅު އެކަނި ދޫކޮށްނުލާ ކަމަށާއި، އަބަދުވެސް ފެންނަ ހިސާބުގައި މަންމަ ނުވަތަ ބައްޕަ ހުންނަ ކަމުގައެވެ. މިކަން ކުރަނީ ހޯމްވޯކެއް ވެސް ނޯންނަ ދުވަސްދުވަހު ކަމަށާއި ހަފުތާއަކު ތިންދުވަހު ގަބުރުސްތާނަށް ވަދެ ގަޑިއެއްހާއިރު މަހާނަ ގާތައް ސާފުކުރުން އޮންނަ ކަމަށްވެސް ބުންޏެވެ.

މަހާނަތައް ސާފުކުރުން އޮންނަ ގޮތަކީ މަހާނަތަކުގެ މަތީގައި ފަޅައިފައި ހުންނަ ވިނަތައް ނޮޅައި ސާފުކުރުމާއި މަހާނަ ގަލާއި މުށީގައި ފެހިޖަހައި ވަރަށް ބޮޑަށް ހަޑިވެފައިވާނަމަ ބުރުސްލައިގެން ސާފުކުރުމެވެ. މީހުން އާއްމުކޮށް ޒިޔާރަތްނުކުރާ މަހާނަތަކަށް ޓީޖޭ ޚާއްސަ ސަމާލުކަމެއްދެއެވެ. އޭނާ ބުނަނީ މިއީ ބޭނުންޖެހިފައިވާ މީހުންނަށް އެހީއެއްކަމަށް ގަބޫލުކުރާ ކަމަށާއި އެންމެ ބޮޑަށް އުފާވަނީ އެހެންވެގެން ކަމަށެވެ.

އެ ގަބުރުސްތާނުގައި ގާތްގަޑަކަށް ހަތަރު ހާހާއި ކައިރި ކުރާ އަދަދަކަށް މަހާނަ ހުރެއެވެ. މިހުރިހާ މަހާނަތައް ސާފުކޮށް ނިމެނީ އަހަރެއްހައި ދުވަހުންނެވެ. ނިމުނީމާ އަނެއްކާވެސް އައު އަހަރު އައުބުރެއް ފަށަނީއެވެ. މިގޮތުން ފާއިތުވީ 8 އަހަރުގެ ތެރޭގައި ކޮންމެ މަހާނައެއްވެސް 8 ފަހަރު ވަނީ ސާފުކުރެވިފައެވެ.

މިމަސައްކަތް އިތުރަށް ފުޅާކޮށް އަވަސްކުރުމަށްޓަކައި ކުރިމަގުގައި ޓީޖޭ ކުރަން ޚިޔާލުކުރާ އައުކަންތައްތަކެއް ވެސް އެބަހުއްޓެވެ. އޭގެތެރޭގައި މުޅި ރަށުގެ އެންމެން ވޮލަންޓަރީ މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށް އެދުވަހު އެންމެން ނުކުމެ ގަބުރުސްތާނު ސާފުކުރުމާއި ޕްރެޝަރުގައި ފެންޖަހައިގެން ސާފުކުރަންޖެހޭ މުށިތަކާއި ގައުތައް ސާފުކުރަން ބޭނުންވާ ހަކަތައިގެ ވަސީލަތް ހޯދުން ވެސް ހިމެނެއެވެ.

މުނިފޫހިފިލުވުމަށާއި ހެޔޮގޮތުގައި ވަގުތު ބޭނުން ކުރުމަށް ޓީޖޭ ކުރާ މި މަސައްކަތާ މެދު އޭނާ ސްކޫލުގައި ވެސް އަދި އެނޫން ތަނެއްގައި ވެސް ރައްޓެހިންގާތު މިވާހަކައެއް ނުދައްކައެވެ. އެކަމަކު މުޅި އަވަށުގެ އެންމެނަށް ވެސް ޓީޖޭގެ މި ޚިދުމަތް ވަނީ ފާހަގަކުރެވިފައެވެ. އެހެންވެގެން އަވަށު ކައުންސިލްގެ ފަރާތުން އިސްނަގައިގެން އޭނާއަށް ޚާއްސަ އެވޯޑެއް ވެސް މިހާރު ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
8%
81%
2%
2%
0%
8%
ކޮމެންޓް