ކ. މާލެ
|
11 ފެބްރުއަރީ 2021 | ބުރާސްފަތި 18:26
އިދިކޮޅުން ބޭއްވި މުޒާހަރާގައި ބަޔަކު މަގުމައްޗަށް އެއްވެ - އެމީހުން ވަނީ ވެކްސިނާ ދެކޮޅަށްވެސް އަޑު އުފުލާފައި
އިދިކޮޅުން ބޭއްވި މުޒާހަރާގައި ބަޔަކު މަގުމައްޗަށް އެއްވެ - އެމީހުން ވަނީ ވެކްސިނާ ދެކޮޅަށްވެސް އަޑު އުފުލާފައި
ޕީޕީއެމް
ކޮވިޑް-19 ވެކްސިން
ވެކްސިންގެ ސައިޑް އިފެކްޓް
 
ވަކި ގައުމެއްގެ ވެކްސިނަކަށްވީތީ ވެކްސިން ނުޖަހަން ބަޔަކު ދެކޮޅު ހަދާ
 
ވެކްސިން ޖަހަން ދެކޮޅު ހަދާ ބައެއް ފަރާތްތަކުން މަގުތަކުގައި މުޒާހަރާކުރި

ސިޔާސީ ވާދަވެރިކަން ޒާތީ ހަސަދަވެރި ކަމަށް ބަދަލުވުމަކީވެސް ފާޑެއްގެ ކަމެކެވެ. އޭގެ ގިނީގައި އެންމެ ފުރަތަމަ އަނދާ އަޅިޔަށްވާ އެއްޗަކީ ދިމާއަށް ފެންނާން ހުންނަ ތެދު ހަގީގަތެވެ. އެއީ އިވުނަސް ނީވޭ، ފެނުނަސް ނުފެންނަ މީހުންނެވެ.

އެބަޔަކީ ހިތުން ގަޓު، ޢަދަދުންމަދު، ބަހުރުވަބެރެކި އަދި ނިޔަތް ކުރަކި، އެތެރެ ހުސް، ބޭރު ފުސް، ފަސްބައި ކިލަނބު ބައެކެވެ. އަދި ނުވެވޭ އޮލަނބު، ކުރިމަގު ބަނަ، މާޒީ ހުތުރުވުމުގެ އިތުރުން ޒައާތީ ތައައްޞުބުން ފޯވެފައިވާ، ކަމުން ސުމެއްގެ ނަމުން ސިޔާސީ ބޭފުޅުންނެވެ.

އެބޭފުޅުންވެސް ހިމަނައިގެން، ކޮވިޑް-19ގެ މުޅި އިންސާނިއްޔަތާ ކުރިމަތި ކުރުވި ތަކުލީފުގެ ވާހަކަ ބަޔާން ކޮށްދިނުމަކީ ވެސް ތަކުލީފެކެވެ. އެތައް ޖީލަކަށް އުޅެ އާދަވެފައިވާ ހުރިހާ ފަސޭހައެއްގެ މައްޗަށް މިބަލިމަޑުކަން ވެރިވެގަތެވެ. ލާ ނޭވާގައި ވެސް ވޭނާ އުދާސް އުފެއްދިއެވެ.

ފަށަމުން ބުނި ހަސަދަވެރިކަމުގެ ދޮގުތެދު އެނގިލުމަށް މިދަންނަވާ ކަންތަކާމެދު ވިސްނާލިޔަސް ފުދޭނެ އެވެ.

މުނިމުނި ހޫރުން ފެށިގެން ޚުދުތިމާ މުނިވެ ދަނީ، ވާންނެތް ހުރިހާ ކަމެއް އަވަށްޓެރި އިންޑިއާއިން ކޮށްގެންނެވެ. މުޅި ދިރިއުޅުމުން ފެންނާނީ އެގައުމުގައި އުފެއްދި ހިފާގެންގުޅޭ ތަކެއްޗާ، ހަނޑޫ މުގުރާ ދައްޗާ، އަރާ ފައިވާނުވަދާ، ހަވާދުގެ ބާވަތްތަކެވެ. އިންޑިއާ ބިސް ފިޔާ އަލުތްވާ، ހިލަ، ހިލަވެއްޔާ ސިމެންތިން ބިނާކުރި ދިރިއުޅުމެވެ. ތިމަތިމާމެންގެ ހުރިހާ ބޭހަކާ، ކުރިހާ އޮޕަރޭޝަނަކާ، ގުޅިހާ އައިވީއަކާ ޖެހިހާ އިންޖެކްޝަނެއް ވިއްޔާ އުފެއްދީ އިންޑިއާގައެވެ. އިންޑިއާއިން ފަރުވާ ހޯދުމަށް ފަހު ރަށަށް އައިސް ދިމާވާ ރައްޓެހިންގާތު، މިހާރު ހަމަ ޅަދުވަހޭ ކިޔާ ފޮނިކެނޑީވެސް އަމަށަކު ވަރަކަށް ނޫނެވެ.

މާ ކުރިއާލާ ކޮވިޑް-19ގެ ވެކްސިން ރާއްޖެ ގެނެސް ރައްޔިތުންނަށް ވެކްސިން ދޭން ސަރުކާރުން ނިންމުމާއެކު އެކަމާ ގޮތްގޮތަށް ސައްލާ ކޮށްފިއެވެ. ނިމުނީ އެމީހަކަށް ދެއްކުނު ވާހަކައެއް އެއާދެކޮޅަށް ދެއްކުމަށެވެ. މިކަން ހަމަ ފެށުމާއެކު އެއްކަލަ ހަސަދައިގެ ބޮޑާ ބަސްތައް ފެށިއްޖެއެވެ. އިންޑިއާގައި އުފެއްދި ވެކްސިން ޖަހަންޖެހޭނީ ގާނޫނަކުން މަޖުބޫރު ކޮއްގެން، ނޫނީ ތިމަން ހޭނައްތާފައި ކަމަށް ވެސް ބުނެފިއެވެ. މިހާރު ޅަދުވަހޭ ކިޔާ "އިންޑިއާ ކަރާފަޅަމުން، މުޅިތަނަށް އޮށްބުރުވި" މީހުންގެ ހަސަދަ ބުރުއްސަން ފެށިއެވެ. ހަގީގަތަކީ އެބުނާ ހެއެއް ނައްތަން ޖަހާ އިންޖެކްޝަން ވެސް އުފެއްދީ ހަމަ އިންޑިއާގައެވެ.

އެމީހުން އެތިބީ ކުރިން ބުނިހެން، ސިޔާސީ ހަސަދައިގެ އަނގުރުން ހަގީގަތް އަންދާ އަޅިއަށް ހަދައިގެންނެވެ. ރަނގަޅު އެއްކަމެއް ހެޔޮއެއްގޮތެއް ނެތިފައެވެ.

ކޮވިޑް-19އާއި ގުޅިގެންވެސް އަދި އެއްކަމަކާ ނުގުޅުވާވެސް މުޅިންވެސް ހަލުވަނީ އޭގެ ރަނބައެވެ. އަނގަޔާ އަތާ ދިމާ ނުވާ ވާހަކައާ ބަނޑަށް މަރުވާ ވާހަކައެވެ. ގައުމު ވިއްކާ ދަރުވާލި ވާހަކަ އަކީ އެއަލިފާނަށް އަޅާދަރެވެ. ހަގީގަތުގައި ހުސް ބުހުތާނު ދޮގެވެ.

އެންމެ އަވަހަށް ބޯޑަރު ހުޅުވާ، އެންމެ ކުރިން ދޭސީންނާއި ބިދޭސީންނަށް ހިލޭ ވެކްސިން ދޭންފެށި އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ވެކްސިން ޖަހަންދާ މީހުނާއިގެން މަރުކަޒުތައް ފުރިއްޖެއެވެ. ފަތުއަޑު ކިޔާފައި އެކަން ހިނގައިގެންފި އެވެ.

ވެކްސިން ނުޖަހާނަމޭ ގޮވި މީހުންވެސް ހަގީގަތައް ރުޖޫޢަވާން ފަށައިފިއެވެ. އެމީހުން ވެކްސިނަށްދާއިރު ކާކުކަން އެނގިދާނެތީ ލަދުގަތުމަކީ ގާތްކަމެކެވެ. މިކަމުގައި އެޗްޕީއޭއާއި ނުބައްސާ އަމިއްލަ ގައިޑްލައިނެއް ގެންގުޅެވިދާނެއެވެ. ކިރިޔާ ދެލޯ އެކަނި ފެންނަ ވަރުގެ ބޮޑު މާސްކެއް އެޅިދާނެއެވެ. ހިނގުން ކުޑަކޮށް ބަދަލުކޮށް "ތަޖުވީދަށް ހަރުބީ" ވެވިދާނެއެވެ. ވެކްސިން ޖަހާ ނިމި މީހުނަށް ގެއްލެންދެން ކޮރެއްޖެހުމާ، ހަށިގަނޑު އުޅާހަށް ދެމުންފަދަ ނަގުލީ ހަރަކާތެއްގައި ދެމިހުރެވިދާނެއެވެ.

ވަހީދަކަސް ޖަމީލަކަސް ރަހީމަކަސް ދަތުރުދަތުރަކަށް ވާނީ ރައްކާވެ ތިބިއްޔާކަން ގަބޫލުކޮށް ވެކްސިން ޖަހައިފިއެވެ. ބުއްދިވެރީ ދެންވެސް ގޮތްދޫކޮށް ވެކްސިން ޖެހުމެވެ. އޭރުން މުޒާހަރާ ކުރުމަށް، ހުތުރުއަރުވަން ކުރާ އޯބުބައިލާހީގެ މުޒާހަރާތަކަށްވެސް މާރަނގަޅުވާނެއެވެ.

ހަމަ ޔަގީނުންވެސް ބަޣާވާތްކުރުމާއި އެއްގޮތެއްގައި ދެމި ނުހުރެވުމާއި، 32 އަނގައިން ވާހަކަ ދެއްކުމާއި، ދޮގާ މަކަރާ ފިތުނަ ފަސާދައާއި، ވައްކަމާއި އަނިޔާއަކީ މިވެކްސިންގެ ސައިޑް އިފެކްޓަކަށް ނުވާނެއެވެ. އެހެން ނޫނަސް އެއީ މާކުރިން އެކަން ކަމަށް އިމިއުނެވެ. އެކަންކަމުގެ މަތީގައި ދެމި ތިބި އޭގެ އަހުލުވެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
100%
ކޮމެންޓް