ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 23:12
ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ މުޒާހަރާ ކުރައްވަނިކޮށް
ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ މުޒާހަރާ ކުރައްވަނިކޮށް
ރާއްޖެއެމްވީ
އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާ
95000 ވޯޓާއިއެކު ގޮޅިއަށް ވަޑައިގެންނެވި ރައީސް ޔާމިނަށްވެސް އިދިކޮޅުގެ ހަރަކާތްތައް ލަދުވެތި!
 
ޒިންމާދާރު ސިޔާސީ ޙަރަކާތް ހިންގަވައި، ދެންވެސް އިންތިހާބަށް ތައްޔާރުވުން މާ ރަނގަޅުވާނެ
 
އަމާޒެއް ނެތި ތިކުރާ މުޒާހަރާތައް ހުއްޓަވާލައްވާ

އެއީ ހިސާބު ޖައްސަވަން މޮޅު ބޭފުޅެކެވެ. އެބޭފުޅާ ޖެއްސެވި ހިސާބުތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަދަ ބޭފުޅުންގެ ހިތްޕުޅަށް ހިތްހަމަ ޖެހުން ލިބުނެވެ. އެކަމަކު އާހިރުގައި ނިމިގެންދިޔައީ "ފަނުފުލުން"ނެވެ.

އަނެއްކާ މިފަހަރު މި ނުކުންނެވީ ކޮން ހިސާބެއް ޖައްސަވާފަތޯއެވެ. އެއްފަހަރު އިންތިހާބު ކާމިޔާބު ކުރައްވާނަމޭ ވިދާޅުވެއްޖެނަމަ އަނެއްފަހަރު އިންތިހާބު މިނިވަންނުވާނެއޭ ވިދާޅުވާނެއެވެ. އެކައްޗެއް ދެފަހަރު އެއްގޮތަކަށް ވިދާޅެއް ނުވެއެވެ. އަދި އެ ވިދާޅުވާ އެއްޗަކާ އަމަލާ ދިމަލެއް ނުވެއެވެ. އެކަން ސާބިތުވަނީ ވެރިކަމުގެ ލައްޒަތުގައި ތިއްބެވިއިރު، އެއްވުމަކީ ބޮޑު ގޯހެއްކަމަށް ސިފަ ކުރައްވައި، މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ތުރާލެއް ކަމަށް ވިދާޅުވި ބަސްތަކެވެ. އެއްވުމަކީ މަޝްރޫޢުތައް ހުއްޓުވުން ކަމަށްވެސް އޭރު ވިދާޅުވިއެވެ.

މިއަދު މިފެންނަނީ އެއާއި ދިމާ އިދިކޮޅަށެވެ. ވެރިކަމުގައި އާރާއި ބާރުގައި ތިއްބެވިއިރު، އެއްވެ އުޅުމާއި ދެކޮޅަށް މަޖިލީހުން ބިލްތައް ފާސްކޮށް ގާނޫނު ބަދަލުކުރި ދުވަސް ހަނދުމަފުޅު ނުވޭތޯއެވެ. މިއަދު މި ފެންނަނީ ތިމާމެން ފޭހުނު އިލޮށި ތިމާމެންގެ ލޮލަށް ހެރުނު މަންޒަރެވެ.

ބައެއް ބޭފުޅުން ހައްޔަރު ކުރުމުން މޭތައް ކަރާނެއެވެ. އެބޭފުޅުންގެ ވެރިކަމުގައި ހައްޔަރުކޮށް ގޮޅިއަށްލީ ފަރާތްތަކަށް އަނިޔާކޮށް ހެދި ގޮތް ހަނދުމަވުމުން ކަމަށްވެސް ވެދާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

އަދުރޭއެވެ. އަދުރޭގެ ބެލުމުގެ ދަށުން މާލޭގައި މިހާރު ތި ކުރިޔަށް ގެންދަވާ މުޒާހަރާތަކުން ވެއްޓެނީ ކުރީގެ ރައީސް ޔާމީނުގެ އަގެވެ. އެމަނިކުފާނަށް ސަޕޯޓެއް ނެތްކަން ދައްކަން މުޒާހަރާއަށް އާންމުން ނެރެގެން ތި ޖައްސަވަނީ ބައިކޮޅަށް ގޯލެވެ.

އެހެން އެކަންވުން އެއީ ވެދާނެ ކަމެކެވެ. އިދިކޮޅުގެ މުޒާހަރާތަކުގައި އެންމެ ފުރަތަމަ ގޮވަންފެށީ އިންތިހާބު އަވަސްކުރުމަށެވެ. އިންތިހާބު އަވަސްކުރުމާއިއެކު މުޒާހަރާގެ މިސްރާބު ބަދަލުވެ ދެން ގޮވަންފެށީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ނުޖަހާނެ ކަމަށެވެ. އެކަމަކު ވެކްސިން ޖެހުމާއި ނުޖެހުން އެއީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެކެވެ. މިއިންވެސް އެނގެނީ މި މުޒާހަރާތަކަކީ އެއްވެސް އަމާޒެއް ރޭވުމެއް ނެތި ބާއްވާ މުޒާހަރާތަކެއް ކަމެވެ. އަދުރޭއަށް ހަމަ ހެޔޮ އެއް ކަމެއް ވެސް ނެތީ ތޯއެވެ. ޖެހުނު ކޮންމެ ކަމަކަށް މަގުމައްޗަށް ނިކުންނަށް އިރު ތިޔަ ވިދާޅުވާ "ސީދާ ހަރަކާތުގެ" އަމާޒު ވެސް ދެ ދުވަހަކު ދިމައެއް ނުވެއެވެ.

ވުމާއެކު، ރައްޔިތުންވެސް މިއަދު ގޮވާލަމުން ދަނީ އަމާޒެއް ނެތި ތިކުރާ މުޒާހަރާތައް ހުއްޓަވާލެއްވުމަށެވެ. އަދި ޒިންމާދާރު ސިޔާސީ ޙަރަކާތް ހިންގަވައި، ދެންވެސް އިންތިހާބަށް ތައްޔާރުވާން އޭގެ ގޮތުގައި މަސައްކަތް ކުރައްވާށެވެ. އޭރުން ރައީސް ޔާމީންވެސް މާ ހިތްޕުޅާ ހަމަޖެހިވަޑައިގެންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
1%
6%
1%
11%
25%
56%
ކޮމެންޓް