raajjemv logo
ސްވިމިންގ ޓްރެކުގެ މަސައްކަތް
ސްވިމިންގ ޓްރެކުގެ ސިޑިބަރި އާންމުންނަށް ހުޅުވާލައިފި
 
ޑައިވިންގ ޕްލެޓްފޯމް ނިމުމާއެކު އެ ސަރަހައްދު އެއްކޮށް ރަސްމީކޮށް ހުޅުވާލާނެ
 
ސްވިމިންގ ޓްރެކުގައި ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސް ޞާލިޙުގެ ވައުދުފުޅެއް
އިސްމާޢީލް ޝާހް
9,034
ކ. މާލެ |
21 ޖެނުއަރީ 2021 | ބުރާސްފަތި 10:04
ސްވިމިންގ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި ސިޑިބަރި
ކުޅިވަރާ ބެހޭ ވުޒާރާ

ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ސްވިމިންގ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި ސިޑިބަރި އާންމުންނަށް ހުޅުވާލައިފިއެވެ.

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއެކު ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ފަހަރު މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު ދިރާސާތަކެއް ކުރަން ޖެހުމުން މީގެ ކުރިންވެސް މަސައްކަތް ލަސްވިއިރު، ކޮވިޑް-19 އާ ގުޅިގެންވެސް މަސައްކަތް ލަސްވިއެވެ.

އެކަމަކު އެ މަސައްކަތްތައް ނިންމައި، މިހާރު އެ ސިޑިބަރި ވަނީ އާންމުން ބޭނުން ކުރުމަށް ހުޅުވާލާފައެވެ. ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިންގ ޓްރެކުގައި އާންމުންނަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެ މަސައްކަތް ނިންމައި ސިޑިބަރި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ޒުވާނުންގެ މެދުގައި މަގުބޫލު ކަމެއް ކަމަށްވާ ޑައިވް ކުރާނެ ޕްލެޓްފޯމެއްވެސް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ނިންމައި އެ ސަރަހައްދު ރަސްމީކޮށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ ސްވިމިންގ ޓްރެކް ސަރަހައްދު ރަނގަޅު ފެންވަރަކަށް ތަރައްގީކުރި ނަމަވެސް، އެ ސަރަހައްދު އޮންނާނީ ކޮންމެ ވަގުތެއްގައިވެސް އާންމުން ބޭނުންކުރެވޭނެ ސަރަހައްދެއްގެ ގޮތުގައި ކަމަށާއި، ސިޑިބަރި ބަންދުކުރުމަށް ނިންމާފައި ވަނީ ރޭގަނޑު 11 ގެ ފަހުން ކަމަށެވެ.

ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރިއިރު، އެ ސަރަހައްދުގައި އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ވަނީ ގާއިމުކޮށްފައެވެ. އަދި ސްވިިމިންގ އެސޯސިއޭޝަނުގެ އޮފީހަކާއި، ކޯޗުންނާއި ވައިޑީޕީގެ ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ ސާމާނުތައް ރައްކާކުރެވޭނެ ޖާގަ ހުންނާނެ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

މީގެ ކުރިން ސްވިމިންގ ޓްރެކުގައި މުބާރާތްތައް ބާއްވާއިރު، އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދު ތަރައްގީކުރެވިގެން ދިޔުމާއެކު، މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބި، ފެތުންތެރިންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
92%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
8%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް