ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 09:22
ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒެއް
ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒެއް
އޭއެފްޕީ
ކޮރޯނާވައިރަސް މިޔުޓޭޓްވަމުންދާ ގޮތް ދިރާސާކުރުން
ކޮރޯނާވައިރަސް މިޔުޓޭޓްވަމުންދާ ގޮތް ބަލާ ކުރަމުންދާ ދިރާސާގެ ތެރެއަށް ޖަރމަނީ
 
ޖަރުމަނުން އަންނަނީ މިދިރާސާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުން
 
ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވާ ސާމްޕަލްތަކުގެ ތެރެއިން 5 އިންސައްތަ ސާމްޕަލްގެ ޖެނެޓިކް ކޯޑް ދެނެގަތުމަށް ޖަރުމަނުން މަސައްކަތްކުރާނެ
 
ވައިރަސްގެ ޖެނެޓިކް ކޯޑް ދެނެގަތުމަށް ދިރާސާތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކަރުދާސް ވަނީ ހާމަކޮށްފައި

ކޮރޯނާވައިރަސް މިޔުޓޭޓް ވަމުންދާގޮތް ބެލުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ޖަރުމަނުން ވަންނަން ބޭނުންވާކަން އެގައުމުން ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސްގެ ޖީން ސީކުއެންސް ބަދަލުވަމުންދާ ގޮތް ބެލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ މިވަގުތު އިނގިރޭސިވިލާތާއި ޑެންމާކުގެ ސައިންސްވެރިންނެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ވައިރަސް ޖެހޭ މީހުންގެ އަދަދުތަކަށް މަޑުޖެހުމެއްނާދެއެވެ. 90 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނައިރު ގިނަ ގައުމުތަށް ވައިރަސްގެ ސަރޖެއް އައިސްފައިވަނީ ވައިރަސްގެ އައު ވޭރިއަންޓްތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.

ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު ގައުމުތަކުން އަންނަނީ އެގައުމަކަށް ބޭނުންވާ މިންވަރަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ވައިރަސްގެ ޖެނޯމް ސީކުއެންސިންގ އަކީ ވައިރަސް ބަދަލުވަމުންދާ ގޮތް ދެނެގަތުމަށްޓަކައި ކުރާކަމެކެވެ. އެކަމުގެ ސަބަބުން ކޮވިޑް-19 ފެތުރެމުންދާ ގޮތް ދެނެގަތުމަށް ފަސޭހަވެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.

ވައިރަސް ޖެނޯމް ސީކިއެންސިންގ ބެލުމަށް އަވަސް އަވަހަށް ގިނަ ސާމްޕަލްތަކެއް ބޭނުންކުރާނަމަ އެޕިޑެމިލޮޖިސްޓުންނާއި ސިއްހީ އިދާރާތަކަށް ވައިރަސް ފެތުރޭގޮތް ދެނެގަތުމަށް ފަސޭހަވެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކާމިޔާބުވާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެއެވެ. އަދި ވައިރަސްގެ އައު ވޭރިއަންޓެއް އުޅޭނަމަ އެކަން އަވަހަށް ދެނެގަތުމުގެ ފުރުސަތުވެސް އެއާއެކު ބޮޑުވެގެންދާނެއެވެ.

އަދި އައު ވޭރިއަންޓުން ފެންނާނެ އަލާމަތްތަކާއި އެ ވޭރިއަންޓުގެ ނުރައްކާތެރިކަން ހުރި މިންވަރާއި ވެކްސިން އުފެއްދުމަށް ދެން ކުރަންޖެހޭ މަސައްކަތްތައް އެނގިގެންދާނެއެވެ. އެހެންކަމުން މިފަދަ ޕެންޑަމިކެއްގައި އުޅޭއިރު ވައިރަސްގެ ޖެނޯމް ސީކުއެންސިންގ އަކީ ވަރަށް މުހިންމު ކަމެއްކަމަށް މާހިރުން ދެކެއެވެ.

ވައިރަސްގެ ޖެނެޓިކް ކޯޑް ދެނެގަތުމަށް ދިރާސާތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ޖަރުމަނުގެ ސަރުކާރުން އެކުލަވާލާފައިވާ ޑްރާފްޓް ކަރުދާސް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ މިހަފްތާގައި ހާމަކޮށްފައެވެ. މިކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލާފައިވާއިރު މިކަރުދާސް ބުނާގޮތުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވާ ސާމްޕަލްތަކުގެ ތެރެއިން 5 އިންސައްތަ ސާމްޕަލް އެކަމަށް ޚާއްސަކުރެވިފައިވާ ލެބޯޓްރީތަކަށް ގެންގޮސް ވައިރަސްގެ ޖެނެޓިކް ކޯޑް ދެނެގަތުމަށް މަސައްކަތްކުރެވޭނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަރުމަނުގެ އިންފެކްޝިއަސް ޑިޒީސް އެޖެންސީން ބުނެފައިވަނީ އިނގިރޭސިވިލާތުން ބަލަމުންދަނީ 5 އިންސައްތަ އާއި 10 އިންސައްތަ އާ ދެމެދުގެ ސާމްޕަލުކަމަށެވެ. އަދި ޑެންމާކުގައި ހަފްތާއެއްގެ ތެރޭގައި 10،000 ޕޮޒިޓިވް ސާމްޕަލްގެ ސީކުއެންސް ދެނެގަތުމުގެ މަސައްކަތް ކުރެވޭކަމަށް އެއެޖެންސީ ބުނެއެވެ.

މިހާތަނަށް އައިއިރު ވައިރަސްގެ ޑީއެންއޭ މޮލިކިޔުލްގައި ކެމިކަލް ބްލޮކްސްތައް އުފެދިގެން އަންނަގޮތް ދެނެގަނެވިފައިވަނީ ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 13 އިންސައްތަ ސާމްޕަލުގެއެވެ. އެއާއެކު އެސާމްޕަލްތަކުގައި ޖީންއަށް އަންނަ ބަދަލުތަކާއި އެނޫންކަންކަން ދިރާސާކުރާ ފަރާތްތަކަށް ވަނީ ދެނެގަނެވިފައެވެ.

ޑެންމާކުން އަންނަނީ ސީކުއެންސިންގ ކުރެވޭ މިންވަރު އިތުރު ކުރުމަށް މަސައްކަތްކުރަމުންނެވެ. އެގައުމުން ބުނެފައިވަނީ ތިން ހަފްތާތެރޭގައި ހުރިހާ ސާމްޕަލެއް އެނަލައިޒްކޮށް ނިންމުމުގެ ގާބިލްކަން އެގައުމަށް ލިބިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުންވެސް އަންނަނީ ދުވާލެއްގެ މައްޗަށް ހާހެއްހާ ސާމްޕަލް ސީކުއެންސްކުރަމުންނެވެ. އެގައުމުން މިދިރާސާތައް ކުރަން ފަށާފައިވަނީ ޕެންޑަމިކް ފެށުނުތަނާއެވެ.

ޖަރުމަނުން ބުނާގޮތުގައި ޑިސެމްބަރ މަހު އެގައުމަށް 200 އާއި 250 އާ ދެމެދުގެ އަދަދެއްގެ ސާމްޕަލް ސީކުޔެންސް ކުރެވިފައިވާނެއެވެ.

ޖަރުމަނުން އަންނަނީ މިދިރާސާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ ކަރުދާހުގައި ބުނާގޮތުން އެގައުމުގެ ލެބޯޓްރީތަކުގެ ތެރެއިން ވައިރަސްގެ ޖެނޯމް ސީކުޔެންސްކުރާ ކޮންމެ ފަހަރަކު 243 ޑޮލަރު ސަރުކާރުން އެލެބޯޓްރީއަކަށް ދޭނެއެވެ. މިމަސައްކަތަށް ޖަރުމަނުގެ ސަރުކާރުން ވަނީ 200 މިލިއަން ޔޫރޯ ކަނޑައަޅާފައެވެ.

ކަމާބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި މިހާރު ފެނިގެން އުޅޭ އައު ވޭރިއަންޓަކީ މިވައިރަސްގެ އެންމެ ފަހު ވޭރިއަންޓަކަށް ނުވާނެއެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން އެކަމަށް ޚާއްސަ އިސްކަމެއްދީގެން ވައިރަސް އަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށް މާހިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް