ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 21:13
ލަންޑަންގެ މޭޔަރު ސާދިގު ޚާން
ލަންޑަންގެ މޭޔަރު ސާދިގު ޚާން
ދި ނެޝަނަލް
ކޮވިޑް-19 ލަންޑަނުގެ ހާލަތު
ލަންޑަނުގައި ކޮވިޑްގެ ހާލަތުވަނީ ކޮންޓްރޯލު ނުކުރެވޭ ވަރަށް ގޯސްވެފައި - މޭޔަރ ސާދިގު
 
މިކަމާ ގުޅިގެން ސާދިގު ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ސިޓީފުޅެއް ފޮނުވާފަ
 
ފާއިތުވި ތިން ދުވަހު ލަންޑަނުގެ ހޮސްޕިޓަލުތަކުން ކޮވިޑް ޖެހިގެން 477 މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވޭ
 
ކޮވިޑް-19 ޖެހިގެން ލަންޑަނުގެ ހޮސްޕިޓަލުތަކުގައި 7،034 މީހުން ވަނީ އެނދުމަތި ކުރެވިފަ

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށާއި ކޮންޓްރޯލު ނުކުރެވޭ ވަރަށް ހާލަތު ގޯސްްވެފައިވާކަމަށް ލަންޑަނުގެ މޭޔަރު ސާދިގު ޚާން ވިދާޅުވެއްޖެއެވެ.

ސާދިގު ވިދާޅުވީ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ތެރޭގައި ކޮވިޑް ފެތުރުން ޑިސެމްބަރު 30ން ޖެނުއަރީ 3ށް 27 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ލަންޑަނުގެ ހޮސްޕިޓަލުތަކުގައި 7،034 މީހުން އެނދުމަތި ކުރެވިފައިވާއިރު މީގެ ކުރިއާއި އަޅާބަލާއިރު މިއީ 35 އިންސައްތަ އިތުރު އަދަދެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ސާދިގު ވިދާޅުވީ ފާއިތުވި ތިން ދުވަހަށް ބަލާއިރު އެގައުމުގެ ނެޝެނަލް ހެލްތު ސަރވިސްއިން ލަންޑަނުގެ ހޮސްޕިޓަލުތަކުން ކޮވިޑް ޖެހިގެން 477 މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ސާދިގު ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ސިޓީފުޅެއް ފޮނުވާފައެވެ. މި ސިޓީގައި އެގައުމުގެ ޗަރޗްތަކާއި އަޅުކަންކުރަން ކުރުމަށް ހާއްސަ މަރުކަޒުތަކާއި ބިނާތައް ބަންދުކުރެއްވުމަށް ވަނީ އެދިލައްވާފައެވެ.

އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި އަދި މީހުން އެއްވާ ސަރަހައްދުތަކުގައި މާސްކު އަޅަން އެދުމާއިއެކު ލަންޑަންގެ ރައްޔިތުންނަށް ކޮވިޑާއި ގުޅިގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެ ސީޓީގައި ސާދިގު ވަނީ އެދިލައްވާފައެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ސާދީގު ވަނީ ލަންޑަންގެ އެންމެހާ ރައްޔިތުން ގޭގައި ތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ތިރީސް މީހެއްގެ ތެރެއިން އެއް މީހަކަށް ކޮވިޑް ޖެހިފައިވާކަމަށްވެސް ސާދިގު ވިދާޅުވިއެވެ.

އައު ވޭރިއަންޓާއެކު އިނގިރޭސިވިލާތުގައި ކޭސްތައް ފެންނަ މިންވަރު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެއާއެކު ސަރުކާރަށް މަޖުބޫރުވެފައިވަނީ ލަންޑަންގެ ސްކޫލްތައް އަލުން ހުޅުވުމަށް އެކުލަވާލާފައިވާ ޕްލޭން ކެންސަލްކުރުމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރެމުންދާތީ މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްނުވާތީ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ މިއީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި އިނގިރޭސިވިލާތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ގުނައަށް އިތުރުފެވައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އިނގިރޭސިވިލާތަށް ކޮވިޑްގެ ދެ ރާޅު ބިންދާލާފައިވާއިރު އެގައުމަށް ކޮވިޑްގެ ފުރަތަމަ ރާޅު ބިންދާލާފައިވަނީ އޭޕްރީލް މަހުން ފެށިގެން މޭ މަހަށެވެ. އަދި ދެވަނަ ރާޅު އޮކްޓޯބަރުން ފެށިގެން ނޮވެމްބަރާއި ހަމައަށް ފެނިފައިވެއެވެ.

ކޮވިޑްގެ ދެވަނަ ރާޅާއިއެކު އެގައުމުން ދުވާލެއްގެ މައްޗަށް 20،000 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި އަދަދު ތިންވަނަ ރާޅާއިއެކު އިތުރުވާނެ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް