ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:46
ޖަރުމަނުގެ ބަރލިންގެ މަގު އައު އަހަރާ ދިމާކޮށް ބަންދުކޮށް ފުލުހުން ބަލަހައްޓަނީ
ޖަރުމަނުގެ ބަރލިންގެ މަގު އައު އަހަރާ ދިމާކޮށް ބަންދުކޮށް ފުލުހުން ބަލަހައްޓަނީ
ރޮއިޓަރސް
ކޮވިޑް-19 ޖަރުމަނުގެ ހާލަތު
ޖަރުމަނުވިލާތުގައި އިއުލާންކޮށްފައިވާ ލޮކްޑައުން ޖެނުއަރީ މަހުގެ 31 އާ ހަމައަށް ދިގުދަންމާލަނީ
 
ޖަރުމަނުގައި ދުވާލެއްގެ މައްޗަށް ނުވަހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހެމުން އާދޭ
 
ދެ ވަނަ ފަހަރަށް ޖަރުމަނު ލޮކްޑައުން ކޮށްފައިވަނީ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު
 
ދެ ވަނަ ވޭވާއެކު އެގައުމުގައި އަންނަނީ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން

ޖަރުމަނުވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ޖަރުމަނުގެ ސަރުކާރާއި 16 ފެޑެރަލް ސްޓޭޓެއް ލޮކްޑައުންގެ މުއްދަތު ޖެނުއަރީ މަހުގެ 31 އާ ހަމައަށް ދިގުދަންމާލުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖަރުމަނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ފުރަތަމަ ވޭވް ކާމިޔާބުކަމާއެކު ކޮންޓްރޯލްކުރި ގައުމެކެވެ. ނަމަވެސް ދެ ވަނަ ވޭވާއެކު އެގައުމުގައި އަންނަނީ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެހެންކަމުން ދެ ވަނަ ފަހަރަށް އެގައުމު ލޮކްޑައުން ކޮށްފައިވަނީ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. ސްކޫލްތަކާއި ފިހާރަތައް އަދި ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާއިރު އޭގެކުރިން ނޮވެމްބަރ މަހުވެސް ވަނީ މިތަންތަން ކޮންމެސް ވަރަކަށް ބަންދުކޮށްފައެވެ. ނަމަވެސް ނޮވެމްބަރ މަހު އެޅި ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ޑިސެމްބަރ މަހު އިތުރަށް ވަނީ ވަރުގަދަކޮށްފައެވެ.

ޖަރުމަނުގައި ދުވާލެއްގެ މައްޗަށް ނުވަހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހެމުން އަންނައިރު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ މިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 35 ހާހަށްވުރެ މައްޗަށް އަރާފައެވެ.

ޖަރުމަނުވިލާތުގައި ފާއިތުވި ހަތް ދުވަހު ކޮންމެ އެއް ލައްކަ މީހަކުން 140 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

ވައިރަސް ޖެހޭ އަދަދުތައް ކޮންޓްރޯލްނުވާއިރު އެގައުމުގެ ޗާންސެލަރ އެންޖެލާ މާކަލް އާއި ސްޓޭޓްތަކުގެ ވެރިން އަންގާރަ ދުވަހު ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުކުރާނެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ސްޓޭޓެއް ފިޔަވައި އެހެން ސްޓޭޓްތަކުން ވަނީ ޖެނުއަރީ މަހުގެ 31 ށް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައެވެ.

ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ޖަރުމަނުން ވަނީ ކޮވިޑް ވެކްސިން ދޭންފަށާފައެވެ. 83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުގައި އާދިއްތަ ދުވަހާ ހަމައަށް އައިއިރު ވެކްސިން ދީފައިވަނީ 238،809 މީހުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް