އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
އިންތިގާލީ އިންސާފުގެ ބިލް

އަމީނުގެ ވެރިކަމުން ފެށިގެން ގާނޫނާ ހިލާފަށް ހިންގާފައިވާ ކަންކަން ބެލުމަށް ހިމަނާ، ބިލު ފާސްކޮށްފި

  • މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެ
  • ބަދަލުދެވޭނެ ގޮތްތައް ކަނޑައަޅާފައިވޭ

ކ. މާލެ | 29 ނޮވެންބަރ 2020 | އާދީއްތަ 14:01 | 22,097

މިހާތަނަށް ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅުން - ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު އަހަރު ކަމަށްވާ 1953 ން 17 ނޮވެންބަރު 2018ގެ ނިޔަލަށް ހިންގާފައިވާ މައްސަލަތައް ބެލުމަށް ހިމަނާ، އިންތިގާލީ އިންސާފުގެ ބިލް 54 މެމްބަރުންގެ ވޯޓާއި އެކު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅިއިރު އޮތީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބެލުމަށެވެ.

އެހެންނަމަވެސް ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ލިބުނު ހިޔާލުތަކަށް ރިއާޔަތްކޮށް ކޮމިޓީން ނިންމީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން ހިނގާފައިވާ މައްސަލަތައް ބަލާ، އޭގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބިގަތުމުގެ ފުރުސަތު ހޯދަ ދިނުމުގެ ގޮތުން އެ މުއްދަތު އިތުރުކުރުމަށެވެ.

މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސް ކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއި އެކު އޮމްބަޑްސްޕަރސަންގެ އޮފީހެއް އުފެދޭނެއެވެ. އެއީ އަމިއްލަ ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މުސްތަގިއްލު ޝަހުސެކެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމަށްފަހު، ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކަށް ރިޢާޔަތްކޮށް، އެފަދަ ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ތަސައްލީ ހޯދައިދިނުމަށާއި، އަނިޔާ ލިބިފައިވާ ފަރާތާއި ދައުލަތާދެމެދު އިތުބާރު ޤާއިމުކުރުމުގެ ގޮތުން އެ ފަދަ ޢަމަލުތައް ކުރިއަށް އޮތް ތަނުގައި ހިނގިޔަ ނުދިނުމަށްޓަކައި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން މި ފަދަ މައްސަލައެއްގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް ލިބުނު އަނިޔާގެ ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު މި ބިލުގެ ދަށުން ނަގައިދެވޭނެއެވެ.

މި ޤާނޫނަށް ޢަމަލު ކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.