ކ. މާލެ
|
26 ނޮވެންބަރ 2020 | ބުރާސްފަތި 23:32
މަރަޑޯނާގެ މަރާ ގުޅިގެން އޭނާގެ ސަޕޯޓަރަކު ހިތާމަފާޅުކުރަނިކޮށް
މަރަޑޯނާގެ މަރާ ގުޅިގެން އޭނާގެ ސަޕޯޓަރަކު ހިތާމަފާޅުކުރަނިކޮށް
އޭއެފްޕީ
ޑިއޭގޯ މަރަޑޯނާ މަރުވުން
މަރަޑޯނާގެ މަރާއެކު މުޅި އާޖެންޓީނާ ހިތާމައިގައި
 
މަރަޑޯނާގެ ސަންދޯއް ބަހައްޓާފައިހުރީ އާޖެންޓީނާގެ ރައީސް އޮފީހުގައި
 
އާޖެންޓީނާގައި ހިތާމަފާޅުކުރުމުގެ ގޮތުން ތިން ދުވަސް ވަނީ ކަނޑައަޅާފައި
 
މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުދަ ދުވަހުގެރޭ މަރުވުމާއެކު އާޖެންޓީނާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ހިތާމަފާޅުކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ މަރަޑޯނާގެ މަރާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ތިން ދުވަސް ކަނޑައަޅާފައެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ ބުދަ ދުވަހު ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ކުރިން މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެއާއެކު މުޅި އާޖެންޓީނާގައި ހިތާމަފާޅުކުރަމުން އަންނައިރު، މަރަޑޯނާގެ ސަންދޯއް ވަނީ އެ ގައުމުގެ ރައީސް އޮފީހުގައި ބަހައްޓާފައެވެ. މަރަޑޯނާގެ ސަންދޯއް މަތީގައި އާޖެންޓީނާގެ ގައުމީ ދިދައިގެ އިތުރަށް އޭނާގެ ރަސްމީ 10 ނަންބަރު ޖާޒީ ވަނީ ބާއްވާފައެވެ. ބުރާސްފަތި ދުވަހު މަރަޑޯނާގެ ސަންދޯއް ކައިރިއަށް އެތައް ބަޔަކު ހާޒިރުވިއިރު، ސަންދޯއް ކައިރިން ދިޔަ އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރޭ މަންޒަރު ފެނިގެންދިޔައެވެ. އަދި އަނެއް ބަޔަކު ދިޔައީ މަރަޑޯނާއަށް ހެޔޮ ދުއާ ކުރުމަށްފަހުއެވެ.

އާޖެންޓީނާގެ ރައީސް އޮފީހުގައި ބަހައްޓާފައި ހުރި މަރަޑޯނާގެ ސަންދޯއް

އާޖެންޓީނާގެ އިތުރުން މުޅި ދުނިޔެވެސް އަންނަނީ މަރަޑޯނާގެ މަރާ ގުޅިގެން ހިތާމަފާޅުކުރަމުންނެވެ. އެގޮތުން މަރަޑޯނާގެ ޝަރަފުގައި އޭނާގެ ކުރީގެ ކުލަބު ނާޕޮލީން ވަނީ އެ ޓީމުގެ ރަސްމީ ދަނޑު ކަމަށްވާ ސޭން ޕައޮލޯ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި ފުޓްބޯޅަ އެކި ތަރިންނާއި ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ މަރަޑޯނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
5%
0%
77%
14%
0%
5%
ކޮމެންޓް