ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 18:39
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ގެޓީ އިމޭޖަސް
ޗެލްސީގައި ޖިރޫޑުގެ ކުރިމަގު
ލަމްޕާޑް ބޭނުންވަނީ ޗެލްސީގައި ޖިރޫޑް މަޑުކުރަން
 
ޗެލްސީ ދޫކޮށްލަން ޖިރޫޑް ބޭނުންވެއްޖެނަމަ އެކަމަށް ހުރަހެއް ނާޅާނެ
 
ކުލަބު ބަދަލުކޮށް ކުޅުމުގެ ފުރުސަތު ޖިރޫޑް ހޯދަން ޖެހޭ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައި

ޗެލްސީގައި އެ ޓީމުގެ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް މަޑުކުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ޖިރޫޑް ވަނީ އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. އެކަމަކު މި ނިމުނު ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން އުމުރުން 33 އަހަރުގެ ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ.

އެއާއެކު ދާދި ފަހުން ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ، ކުލަބު ބަދަލުކޮށް ކުޅުމުގެ ފުރުސަތު އޭނާ ހޯދަން ޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާ ފްރާންސް ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ކުލަބު ފެންވަރުގައި ޖިރޫޑުގެ ހާލަތަށް ބަދަލު އަންނަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލެމްޕާޑް ބުނީ އޭނާ އާއި ޖިރޫޑާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި، ޖިރޫޑަކީ އަދިވެސް ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ޖިރޫޑް ޗެލްސީގައި މަޑުކުރުމަށް ކަމަށާއި، އެކަމަކު ޖެނުއަރީ މަހު ޗެލްސީ ދޫކޮށްލަން އޭނާ ބޭނުންވެއްޖެނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ފުރަތަމަ އެގާރައިން ޖިރޫޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، އޭނާ އަންނަނީ ފްރާންސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ޓީމަށް 44 ލަނޑު ޖަހާފައެވެ.

ޗެލްސީގައި އިތުރު އެއް އަހަރު މަޑުކުރަން ޖިރޫޑް ނިންމިއިރު، ޖިރޫޑް ހޯދުމަށް އިންޓަ މިލާނާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި ލާޒިއޯއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

އާސެނަލުން ވިދާލި ޖިރޫޑް ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޗެލްސީއަށް ބަދަލުވެ، އެ ކުލަބާއެކު އެފްއޭ ކަޕާއި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 95 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް