ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 18:06
އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
ގެޓީ އިމޭޖަސް
ގްރީލިޝްއަށް ސިޓީން ފާރަލުން
ގާޑިއޯލާ ބޭނުންވާތީ ސިޓީން ގްރީލިޝްއަށް ފާރަލަނީ
 
ގްރީލިޝް ހޯދުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ޖެހޭނެ
 
ދާދި ފަހުން ގްރީލިޝް ވަނީ ވިލާގެ އެއްބެސްވުން އިތުރު ފަސް އަހަރަށް އާކޮށްފައި

އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ހޯދުމަށް މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގްރީލިޝް ހޯދުމަށް އެ ޓީމުގެ މެނޭޖުމަންޓުގައި އެދެފައެވެ. އަދި ގްރީލިޝް ހޯދުމަށް ގާޑިއޯލާ އެދުނީ އެ ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމަށާއި، އެ ޓީމަށް ކުޅެމުން އަންނަ ބްލެޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ އެކުގައި ގްރީލިޝް ކުޅުވުމަށް ބޭނުންވާތީއެވެ.

ގްރީލިޝްއަށް ސިޓީން ފާރަލި ނަމަވެސް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވިލާގެ އެއްބެސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ ވިލާގައި މަޑުކުރާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވިލާގެ އެއްބަސްވުން ދިގު މުއްދަތަކަށް ގްރީލިޝް އާކުރުމާ ގުޅިގެން، ސިޓީން އޭނާ ގެންދިޔުމަށް 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ޖެހޭނެއެވެ. ސިޓީގެ އިތުރުން ގްރީލިޝް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުންވެސް މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރުސަތު ހޯދާފައެވެ. އަދި ޑެންމާކާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ގްރީލިޝްއަ ކުޅުނުއިރު، އެ މެޗަކީ އިންގްލެންޑްގެ ޖާޒީގައި ގްރީލިޝް ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭގެ ފަހުން ގްރީލިޝް ވަނީ ނޭޝަންސް ލީގުގައި އިންގްލެންޑުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ މިހާތަނަށް ވިލާއަށް ކުޅެދިން 194 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
75%
25%
0%
0%
0%
0%
ކޮމެންޓް