ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 17:01
ލެސްޓާ ސިޓީގެ ސަޕޯޓަރުން
ލެސްޓާ ސިޓީގެ ސަޕޯޓަރުން
ގެޓީ އިމޭޖަސް
ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން
އިންގްލެންޑުގެ ދަނޑުތަކަށް ސަޕޯޓަރުން ވައްދަނީ
 
ތިން ކެޓަގަރީއަކަށް ބަހާލައިގެން ލުއި ދޭ ގޮތަށް ވަނީ ހަމަޖައްސާފައި
 
ލޮކްޑައުނުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ

ލޮކްޑައުން ނިމުމާއެކު އެކަށީގެންވާ އަދަދަކަށް އިންގްލެންޑުގެ ދަނޑުތަކަށް ސަޕޯޓަރުން ވައްދަން ހުއްދަދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ދެވަނަ ފަހަރަށް އިންގްލެންޑް ލޮކްޑައުން ކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި ލޮކްޑައުނުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހަށް ހަމަވާނެއެވެ.

އެހެންކަމުން ލޮކްޑައުނަށްފަހު ތިން ކެޓަގަރީއަކަށް ބަހާލައިގެން ލުއި ދޭ ގޮތަށް ހަމަޖައްސާފައިވާކަން އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ހާމަކުރައްވާފައެވެ. މި އުސޫލުގެ ތެރެއިން ސަޕޯޓަރުން ދަނޑުތަކަށް ވައްދަންވެސް ހުއްދަދޭއިރު، ކެޓަގަރީ އެކެއްގައި އޮންނަ ސަރަހައްދުތަކުގެ ދަނޑުތަކަށް 4،000 ސަޕޯޓަރުންނަށް ވަދެވޭނެއެވެ. އަދި ކެޓަގަރީ ދޭއްގައި އޮތް ސަރަހައްދުތަކުގައި 2،000 ސަޕޯޓަރުން ދަނޑަށް ވަދެވޭއިރު، އެންމެ ރިސްކު ބޮޑު ކެޓަގަރީ ތިނެއްގައި އޮންނަ ސަރަހައްދުތަކުގައި ސަޕޯޓަރުންނަށް ދަނޑަށް ނުވެއްދޭނެއެވެ.

އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުން މި ވަގުތު 4،000 ސަޕޯޓަރުން ވެއްދޭ ކެޓަގަރީގައި އޮތް ޓީމުތަކަކީ ބްރައިޓަން އާއި ސައުތެމްޓަން އަދި ލެސްޓާ ސިޓީއެވެ. އަދި ކެޓަގަރީ ތިނެއް ސަޕޯޓަރުން ނުވެއްދޭ ބައިގައި އޮތް ކުލަބުތަކުގެ ތެރޭގައި ލިވަޕޫލާއި، އެވަޓަން އާއި، މެންޗެސްޓާ ސިޓީ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، ޝެފީލްޑް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ހިމެނެއެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތު މިހާރު އޮތްގޮތް ބެލުމަށްފަހު ބުރާސްފަތި ދުވަހު އަލުން ކެޓަގަރީތައް އިއުލާނުކުރަމަށްވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޖޫން މަހު ފެށިއިރު، އަދި މިހާތަނަށް ޕްރިމިއާ ލީގުގެ މެޗަކަށް ސަޕޯޓަރުން ވައްދާފައެއް ނުވެއެވެ. އެކަމަކު މީގެ ކުރިން އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗް ލީގުން ވަނީ މެޗުތައް ބަލަން ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

ޑިސެމްބަރު މަހު އިންގްލެންޑުގެ ދަނޑުތަކަށް ސަޕޯޓަރުން ވައްދާއިރު، މި ފަހަރުގެ ޕްރިމިއާ ލީގުގެ ސީޒަން ފެށުމުގެ ކުރިން ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް ވިދާޅުވީ މި ސީޒަނުގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ މާލީ ގޮތުން ކުލަބުތަކަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. އެގޮތުން ސަޕޯޓަރުން ނުވައްދައި މުޅި ސީޒަން ފުރިހަމަކުރަންޖެހިއްޖެނަމަ ކުލަބުތަކަށް ލިބޭ އާމްދަނީން 700 މިލިއަން ޕައުންޑް މަދުވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް