ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 15:20
ބާސާގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ
ބާސާގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ބާސާގެ ސްކޮޑުން މެސީ ބާކީކުރުން
ކިއެވްއާ ދެކޮޅަށް މެސީ ނުކުޅޭނެ
 
އެ ދެ ކުޅުންތެރިން ސްކޮޑުން ބާކީކުރީ އަރާމުކުރަން ވަގުތު ދިނުމަށް
 
މެސީގެ އިތުރުން ބާސާގެ ސްކޮޑުން ފްރޭންކީ ޑި ޔޮންވެސް ވަނީ ބާކީކޮށްފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޑީނަމޯ ކިއެވްއާ ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާއިން އެކުލަވާލި ސްކޮޑުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބާކީކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅޭ މި މެޗަށް އެކުލަވާލި ސްކޮޑުން މެސީ ބާކީކުރިއިރު، ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މެސީއަށް ފުރުސަތު ނުދިނީ އޭނާއަށް އަރާމުކުރަން ވަގުތު ދިނުމަށް ކަމަށާއި، އެގޮތަށް ނިންމީ މެސީއާވެސް ވާހަކަދެއްކުމަށްފަހު ކަމަށެވެ.

މެސީގެ އިތުރުން ބާސާއިން ވަނީ ކިއެވްއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން އެ ޓީމުގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންވެސް ބާކީކޮށްފައެވެ. ކޫމަން ބުނީ މެސީގެ އިތުރުން ޑި ޔޮންއަށްވެސް އަރާމުކުރުމުގެ ފުރުސަތު ދިނީ ޗެމްޕިއަންސް ލީގުގައި މި ވަގުތު އެ ޓީމު އޮތް ހާލަތަށް ބެލުމަށްފަހު ކަމަށެވެ.

ބާސާއިން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، އަންގާރަ ދުވަހުގެރޭ ކިއެވްއާ އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

ގްރޫޕް ޖީގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ސްޕެނިޝް ލީގުގައި އެ ޓީމަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން 1-0 ން ބާސާ ބަލިވިއިރު، މިއީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިރުޝާދިގެ ދަށުން ލީގުގައި އެތުލެޓިކޯއިން ބާސާ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި އެޓީމު އޮތީ އަށް މެޗުން 11 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ތާވަލުގެ 12 ވަނައިގައެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސާ އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކިއެވްއާ ދެކޮޅަށް ބާސާ ނުކުންނައިރު، މި މަހުގެ ކުރީކޮޅު ސްޕެއިނުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ން ކާމިޔާބުކުރީ ބާސާއިންނެވެ. ޔޫކްރޭނުގައި އަންގާރަ ދުވަހުގެރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް