ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 17:04
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ޝާހު އިސްމާޢީލް ވާހަކަދައްކަވަނިކޮށް
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ޝާހު އިސްމާޢީލް ވާހަކަދައްކަވަނިކޮށް
ރާއްޖެ އެމްވީ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
ކުޅިވަރުގެ ޤާނޫނަށް އިސްލާހުތަކެއް ބޭނުންވޭ: ޝާހު
 
އެސޯސިއޭޝަންތަކުގެ ތޮފި އަޅުއްވައިގެން ތިބި ބޭފުޅުންނަށް އެކަންކަން ގަބޫލުކުރަން ފަސޭހަ ނުވެދާނެ
 
އިޚުލާސްތެރިކަމާއެކު މަސައްކަތް ނުކުރާނަމަ ޤާނޫނު ފުރިހަމަވެގެން ކުރެވޭނެ ކަމެއް ނެތް
 
ޚިޔާލު ތަފާތު މައިގަނޑު މައްސަލައަކީ އިލެކްޝަން ކޮމިޝަނާ ބެހޭ މާއްދާ

ކުޅިވަރާއި ބެހޭ ޤާނޫނަކީ ފުރަތަމަ އަމަލު ކުރަން ފެށި ދުވަހުވެސް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭނެ ޤާނޫނެއް ކަމަށް ކުޅިވަރުގެ އާއިލާއިން ގަބޫލުކުރި ކަމަށާއި، އެކަން މިހާރުވެސް ކުރަން ޖެހޭ ކަމަށް ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ފޯވާޑް އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ކުޅިވަރާ ބެހޭ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް "އެލާމް" ވެގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ޚިޔާލު ތަފާތު މައިގަނޑު މައްސަލައަކީ އިލެކްޝަން ކޮމިޝަނާ ބެހޭ މާއްދާ ކަމަށެވެ.

ކިތަންމެ ވަރަކަށް އިސްލާހު ގެނެސްގެންވެސް ވަރަށް ފުރިހަމަ ޤާނޫނެއް ގެނެވިދާނެ ކަމަށާއި، އެކަމަކު އެކަންކުރަން ތިބި ބަޔަކު އިޚުލާސްތެރިކަމާއެކު އެކަން ނުކުރާނަމަ ޤާނޫނު ފުރިހަމަވެގެން ކުރެވޭނެ ކަމެއް ނެތް ކަމަށާއި، ކުޅިވަރުގެ އާއިލާ އެއްބައެއްގެ ގޮތުގައި އޮވެ، މި އިސްލާހުތަކަށް ގޮތް ކިޔައި ފުރިހަމަ ކުރަން ޖެހޭ ކަމަށްވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީކަންވެސް ކުރައްވާފައިވާ ޝާހު ވިދާޅުވިއެވެ.

މި ފަދަ އިސްލާހުތަކެއް އަންނަ ސަބަބު އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. ކުޅިވަރު ތެރޭގައި މި އުޅޭއިރު އަބަދުވެސް ކައްސާލައިގެން ވެއްޓޭތަން މުހިންމު ވެގެން އެ ވާހަކަ ދައްކަނީ. ކައްސާލަން ދިމާވާ ސަބަބު ދެއްކެނީ ވަރަށް މަދުން. މިކަންކަން ޤާނޫގައި ލިޔެފައި ހުރިއިރުވެސް އިމްޕްލިމެންޓް ކުރިތަން ފެނިގެންނުދިޔަ. ޤާނޫނުގައި އެބުނާ ބާރުވެރިކަން ލިބިފައިވާ ފަރާތްތައް ހުރީ ވަރަށް ރަނގަޅަށް ތަރުތީބު ކުރެވި ވަކިކުރެވިފައި. އެހެން ނަމަވެސް އެކަންކަން އިމްޕްލިމެންޓް ކުރަން ހަވާލުވެފައިވާ ފަރާތްތަކުން އެކަން ނުކުރީމާ އެކަން ކުރަން އެބަ ލާޒިމުވޭ.
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކުރީގެ ރައީސް ޝާހު އިސްމާޢީލް

ޝާހު އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން އޮތްތަން ގޯސްކަން ގަބޫލުކުރައްވާ ކަމަށާއި، އެކަންކަމަށް ބައިނަލްއަގުވާމީ ކުޅިވަރުގެ ޖަމުޢިއްޔާތަކުން ހައްލު ހޯދައިދީފައިވާއިރު، އެ ކުޅިވަރެއް ނިސްބަތްވާ ބައިނަލްއަގުވާމީ ފެޑަރޭޝަނުގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުތަކަށް ފުށުނާރާހެން އިންތިޚާބީ އުސޫލުތައް ޤާނޫނުން ކަނޑައެޅިދާނެ ކަމަށެވެ. އެގޮތުން ފީފާގެ އަސާސީ ގަވާއިދު ކޮންމެ ހަތަރު އަހަރަކަށް އިލެކްޓޯރަލް ބޯޑެއް ނަގަން ޖެހޭނެ ކަމަށް ބުނާއިރު، ކޮންމެ އިންތިހާބެއްވެސް ބާއްވަން ޖެހޭނީ ހިންގާ ކޮމިޓީން ފާސްކުރާ އެ ބޯޑުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު ރާއްޖޭގައި އެކަންކުރާތަން ނުފެންނައިރު، ގައުމެއްގެ "އިންޓަފިއަރެންސް" އެއީ ސީދާ ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ދުނިޔެ ދައްކާ މަންޒަރަކީ އިންތިޚާބާ ސީދާ ބެހުމާއި، "އޮޓޮނަމީ" އަށް ސީދާ އަސަރު ކުރާގޮތަށް ކަންކަން ކުރުމުން ފިޔަވަޅު އެޅުން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ކުޅިވަރުގައި ދިމާވާ ދެބަސްވުންތައް ހައްލު ކުރުމަށް މިހާރުވެސް ޤާނޫނުގައި ސްޕޯޓްސް އާބިޓްރޭޝަން ހަދަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، ޤާނޫނުގައި ބުނާ ކަންތައްތައް ކޮށްފައި ނެތް ކަމަށާއި، އެކަން ކުރަން މިހާރު ތެދުވީ މަޖިލީހުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެސޯސިއޭޝަންތަކުގެ ތޮފި އަޅުއްވައިގެން ތިބި ބޭފުޅުންނަށް އެކަންކަން ގަބޫލުކުރަން ފަސޭހަ ނުވެދާނެ ކަމަށާއި، އެހެން ނަމަވެސް ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން މި އިސްލާހުތައް ބަލައިގަނެ، އިސްލާހުތަކާއެކު ކުރިއަށްގޮސް، އައު ޚިޔާލުތަކާއެކު ކުރިއަށް ދެވިއްޖެނަމަ، އަޅުގަނޑުމެން ނޫސްބަޔާން ނެރެން ނުޖެހޭނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހުށަހެޅުނު އިސްލަހުތަކާ ގުޅިގެން ކުޅިވަރުގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، 2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކާ ގުޅިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، މޯލްޑިވްސް އޮލިކްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގުވެސް ވަނީ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް