ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 08:19
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ޖޯ ބައިޑަން
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ޖޯ ބައިޑަން
ބީބީސީ
އެމެރިކާގެ ރިޔާސީ އިންތިޚާބު
ބައިޑަން އިންތިޚާބީ ރައީސަކަށް، ދެން ވާނީ ކިހިނެއް؟
 
އިންތިޚާބުވެފައިވާ ރައީސަކު ޓްރާންސިޝަން ޓީމެއް އެކުލަވާލާ ބާރުތައް ބަދަލުކުރުމުގެ ކަންކަން ކުރިޔަށް ގެންދަންޖެހޭ
 
ޖޯ ބައިޑަން އާއި ކަމަލާ ހެރިސް ވެރިކަމުގެ ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕޮޕިޔުލަރ ވޯޓު ކާމިޔާބުކުރުމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖްގެ 270 ވޯޓު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން މި ވަނީ ކާމިޔާބުކުރައްވާފައެެވެ. ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވިކަން ޔަގީންކުރެއްވީ، އެ މަނިކުފާނު އުފަންވެވަޑައިގެންނެވި ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. މިއާއެކު ދެން އުފެދޭ ސުވާލަކީ، ދެން ވާނީ ކިހިނެއްހޭ؟

މިފަހަރުގެ އިންތިޚާބުގެ ކަންކަން ދާގޮތުން ވެރިކަމުގައި ބާރުތައް ބަދަލުކުރުމުގެ ކަންކަން ފަސޭހަގޮތަކަށްދާނެ ކަމަކަށް ނުބެލެވެއެވެ. އިންތިޚާބުގެ ވޯޓު ގުނަން ފެށި ފަހުން ޓްރަމްޕަށް އިންތިޚާބު ނާކާމިޔާބުވާނެކަން އެނގިވަޑައިގަތީއްސުރެ ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލުމުގެ ވާހަކަތަކާއި، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުންނެވެ.

ބައިޑަންއަށް އިލެކްޓޯރަލް ކޮލެޖްގެ 273 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު ޓްރަމްޕްގެ ކެމްޕެއިން އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ފެށޭ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މައްސަލަތައް ކޯޓަށް ހުށަހަޅަމުންދާނެ ކަމަށެވެ.

ބައިޑަން އެމެރިކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގަންނަވާނީ ކޮންއިރަކު؟

އެމެރިކާގެ ޤާނޫނު އަސާސީ ބުނާގޮތުން އަލަށް އިންތިޚާބުވާ ރައީސަކު މަގާމާ ހަވާލުވާނީ ފެށޭ އަހަރެއްގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވުމަށް ބާއްވާ ހަފްލާ އޮންނާނީ އެމެރިކާގެ ފެޑެރަލް ކެޕިޓަލް ވޮޝިންގޓަން ޑީސީގައެވެ. މި ހަފްލާގައި ރައީސް އާއި ނައިބު ރައީސް މަގާމުގެ ހުވާކުރައްވާނެއެވެ. ހުވާލައިދެއްވާނީ ސްޕްރީމް ކޯޓުގެ ޗީފް ޖަސްޓިސްއެވެ.

އެހެންކަމުން އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަން އާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ކަމަލާ ހެރިސަން މަގާމުގެ ހުވާކުރައްވާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސްކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަކީ ކޮބާ؟

މިމަރުހަލާ ކުރިޔަށްދާނީ އިންތިޚާބުގެ ނަތީޖާ އެނގި އައު ރައީސްގެ ރިޔާސީ ދައުރު ފެށުމަށް ހަމަޖެހިފައިވާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. އިންތިޚާބުވެފައިވާ ރައީސަކު ޓްރާންސިޝަން ޓީމެއް އެކުލަވާލާ ބާރުތައް ބަދަލުކުރުމުގެ ކަންކަން ކުރިޔަށް ގެންދަންޖެހެއެވެ. ބައިޑަން މިހާރު ވަނީ މި ޓީމު އެކުލަވާލައްވާފައެވެ.

މި ޓީމުން ކެބިނެޓްގައި ތިބޭނެ މީހުން އެކުލަވާލާ ސަރުކާރުގައި ގެންގުޅޭނެ ސިޔާސަތުތަކާއި މުހިންމުކަން ދޭނެ ކަންތައްތައް އެކުލަވާލާ ސަރުކާރާ ހަވާލުވުމަށްފަހު ކަންކަން ކުރިޔަށްގެންދާނެ ގޮތް އެކުލަވާލާނެއެވެ. މި ޓީމުގެ މެމްބަރުން ފެޑެރަލް އެޖެންސީސްތަކަށް ގޮސް ކަންކަން ހަމަޖެހިފައިވާ ގޮތާއި ބަޖެޓާއި ސްޓާފުން ހުރި އަދަދުތައް ބަލާނެއެވެ.

2016 ވަނަ އަހަރު އޭރު ރައީސް ކަމުގައި ހުންނެވި ބަރަކް އޮބާމާ އާއި އެ ފަހަރު އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވާ ބާރުތައް ބަދަލުކުރުމުގެ ކަންކަން ވަނީ އަމާން އޮމާން ގޮތަކަށް ކުރިޔަށް ގެންދަވާފައެވެ.

2016 ވަނަ އަހަރު އޭރުގައި ރައީސްކަމުގައި ހުންނެވި ބަރަކް އޮބާމާ އާއި އެފަހަރު އިންތިޚާބުން ކާމިޔާބު ހޯއްދެވި ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވަނީ

އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ޓްރަމްޕަށް ޤާނޫނީ ހުއްޖަތެއް ދެއްކިދާނެތަ؟

ޓްރަމްޕް މިހާރު ވެސް ވަނީ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައިޑަން އަށް ކާމިޔާބުވި ސްޓޭޓްތަކުގެ ނަތީޖާ އާ މެދު ޓްރަމްޕް ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެތަންތަނުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވިނަމަވެސް އަދި މިހާތަނަށް އެކަމުގެ ހެއްކެއް ޓްރަމްޕަށް ދެއްކިފައެއްނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ކެމްޕެއިން ޓީމުން އަންނަނީ ފުންނާބު އުސް ލޯޔަރުން މި މައްސަލަތަކުގައި ވަކާލާތު ކުރުމަށް ހޯދަމުންނެވެ. މި މައްސަލަތައް ދާނީ އެ ސްޓޭޓްތަކުގެ ކޯޓުތަކަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓާ ހިސާބަށް ވެސް މި މައްސަލަތައް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ޤާނޫނީ ގޮތުން ފުންނާބު އުސް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ނަތީޖާ ދެން އެހެން ގޮތަކަށް ބަދަލުވުމަކީ ނާދިރު ކަމެކެވެ. ބައެއް ސްޓޭޓްތަކުގައި ވޯޓު އަލުން ގުނުމަށް ޓްރަމްޕްގެ ކެމްޕެއިން ޓީމުން އެދޭނެކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ނުބެލެވޭކަމަށް މާހިރުން ދެކެއެވެ.

ޓްރަމްޕް ބަލި ގަބޫލު ނުކުރައްވައިފިނަމަ ދެން ވާނީ ކިހިނެއް؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ނަތީޖާގައި އޮޅުވާލުންތަކެއް އުޅޭކަމަށް ވިދާޅުވެ އެމައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވަފައެވެ.

އެހެން ނަމަވެސް މިހާރު އުފެދޭ ސުވާލަކީ އިންތިޚާބުގެ ނަތީޖާގައި ގޯސްތަކެއް އުޅޭ ކަން ސާބިތުކުރުމުގައި ޓްރަމްޕަށް ކާމިޔާބު ނުހޯދިއްޖެނަމަ ޓްރަމްޕް ބަލި ގަބޫލުކުރައްވާނެ ބާއެވެ.

އެމެރިކާގެ ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެވެސް އިންތިޚާބުން ނާކާމިޔާބުވާ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަށް ފޯނުން ގުޅާ މަރުޚަބާ ކިޔައެވެ. އެއީ ޒަމާނުއްސުރެ ވެސް އިޚުތިރާމް އަދާކުރުމުގެ ގޮތުން ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކުރާކަށް މަޖުބޫރެއް ނޫނެވެ.

ޓްރަމްޕް ބަލި ގަބޫލުނުކުރެއްވި ނަމަވެސް އަދި ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގެންނެވި ނަމަވެސް ޤާނޫނީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ބައިޑަންގެ ޓީމަށް ބާރުތައް ބަދަލުކުރުމުގެ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދޭންޖެހޭނެއެވެ. އެކަމަށް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. ޓްރަމްޕްގެ އޮފިޝަލުން ބުނާގޮތުން އެކަން ޓްރަމްޕް ވަނީ މިހާރު ކުރައްވާފައެވެ.

ޓްރަމްޕަކީ އެމެރިކާގައި މި ފަހުގެ ތާރީޚުގައި ގިނަ ކަންތައްތަކެއް މީގެ ކުރިން ހިނގަމުންދިޔަ ގޮތް ބަދަލުކުރެއްވި ރައީސެކެވެ. މީގެ އެތައް އަހަރެއް ކުރިން އެމެރިކާއިން ކުރަމުން އައި ކަންކަން ޓްރަމްޕް ވަނީ ބަދަލުކުރައްވާފައެވެ. އެހެން ކަމުން ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަތުމުގައި ޓްރަމްޕް އަމަލުކުރައްވާނެ ގޮތެއް އަދި ނޭންގެއެވެ.

އެމެރިކާގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ކަމަލާ ހެރިސް އާއި ފިރިކަލުން

ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ކަމަލާ ކުރައްވާނީ ކޮންކަމެއް؟

ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްއެވެ. މީގެއިތުރުންވެސް ކަމަލާގެ މި ކާމިޔާބީއާއެކު ކަމަލާގެ ނަން އެމެރިކާގެ ތާރީޚުގައި އެތައް ގޮތަކަށް ލިޔެވިގެންދެއެވެ.

ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ކަމަލާ ނައިބު ރައީސްގެ ސްޓާފުން އައްޔަނުކުރުމުގެ އިތުރުން މަގާމުގެ ހައިސިއްޔަތުން ކުރައްވަންޖެހިވަޑައިގަންނަވާ ކަންކަން އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރައްވާނެއެވެ. މީގެ އިތުރުން ނިމިގެންދިޔަ ވެރިކަމުގެ ކަންކަން ހިނގާފައިވާ ގޮތްވެސް ބައްލަވާނެއެވެ. ނައިބު ރައީސް މަސައްކަތްކުރައްވަނީ ވައިޓް ހައުސްގެ ހުޅަނގު ވިންގުގައެވެ. ނަމަވެސް ނައިބު ރައީސް ދިރިއުޅުއްވަނީ ވައިޓް ހައުސްއަކު ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
8 ނޮވެންބަރ 2020 | އާދީއްތަ 11:19
ވަރަށް ފުރިހަމަ. އެކަމް ތި ނަންބަރ ރަނގަޅަށް ބަލާލާފަ ލިޔުނުނަމަ. 273 އެއީ ރަނގަޅު އަދަދެއްނޫން.
8 ނޮވެންބަރ 2020 | އާދީއްތަ 08:32
އާދަނު
ނިންމާލާތަންކޮޅު ވަރަށް މަޖާ ލޮލް