ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 12:56
ރާއްޖޭގެ ކޯޓުތަކާއި، ފަނޑިޔާރުގެއާ ގުޅިގެން ހުށައެޅޭ އެކި މައްސަލަތަކަށް މަޑުމަޑުން ޙައްލު އަންނަމުންދާ ކަމަށް މިހާރު ގިނަ ބަޔަކު ޤަބޫލު ކުރޭ
ރާއްޖޭގެ ކޯޓުތަކާއި، ފަނޑިޔާރުގެއާ ގުޅިގެން ހުށައެޅޭ އެކި މައްސަލަތަކަށް މަޑުމަޑުން ޙައްލު އަންނަމުންދާ ކަމަށް މިހާރު ގިނަ ބަޔަކު ޤަބޫލު ކުރޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން
ފަނޑިޔާރުން އެދިލައްވާ ވަކީލުން އައްޔަނު ކޮށް، މައްސަލަ "އަނބުރާލުމުގެ" ސަޤާފަތް އިޔާދަ ކުރަނީބާ؟
 
އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް މި މައުލޫމާތުތައް ކަށަވަރު ކޮށްދެއްވާފައި
 
އެ ސަޤާފަތް އަނެއްކާވެސް ދިރިގެންދާ މަންޒަރު ފެންނަން ފަށައިފި
 
އެގޮތަށް އައްޔަނު ކުރުމަށް ބައެއް ފަނޑިޔާރުން އިރުޝާދު ދެއްވާ

ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުގެ އިސްލާޙު ކުރާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެގޮތުން އަމާޒުވެފައިވާ އެކިއެކި ފާޑުކިއުންތަކުގެ ތެރެއިން ކޯޓުތަކަށް އައްޔަނު ކޮށްފައި ތިބޭ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާއި، އަދުލުވެރި ކަމާ ގުޅިގެން އަމާޒުވާ ފާޑުކިއުންތައް ވެސް މަދެއް ނޫނެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތާއި، ފަނޑިޔާރުންނާ ގުޅިގެން ހުށައެޅި، ބަލާފައިވާ މައްސަލަތަކުން ވެސް މި ޙަޤީޤަތް ހާމަވެއެވެ. އެހެން ނަމަވެސް، މިއަދު ވެސް އެފަދަ ކަންކަން ހިނގަމުންދާ ކަމުގެ ވާހަކައާ އެކު، ފަނޑިޔާރުގެ އިސްލާޙު ކުރުމަށް ކުރެވޭ ބަހުސްގެ އަޑު މި ވަނީ އަނެއްކާވެސް ގަދަވެފައެވެ.

ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން "ރިކޮމެންޑް" ކުރައްވާ ވަކީލުން މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި އައްޔަނު ކޮށްގެން، މައްސަލަތައް ވަކި ކޮޅަކަށް ނިންމުމަށް މަގު ފަހިކޮށްދޭ މައްސަލައަކީ ވެސް ފަނޑިޔާރުންނާ ގުޅިގެން ކުރެވޭ ތުހުމަތެކެވެ. އެގޮތުން އެކަން ތަޖުރިބާ ކުރެއްވި ފަރާތެއް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއީ ކޯޓުތަކުގައި ބައެއް ފަހަރު ހިނގާ ކަމެއް ކަމަށާއި، މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ވަކި ވަކީލަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރުމަށް ބައެއް ފަނޑިޔާރުން އިރުޝާދު ދެއްވާ ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް ކޯޓުތަކުގައި ފަނޑިޔާރުން ބުނޭ، ވަކި ވަކީލެއް ހަޔަރ ކުރަން، އޭރުންނޭ މައްސަލަ ރަނގަޅު ވާނީ، އެގޮތަށް މައްސަލައިގައި ހިމެނޭ މީހުން ގާތުގައި ބުނޭ، އެއީ ކުރަމުން އައި ކަމެއް އަދި އެކަން ތަޖުރިބާ ވެސް ކުރިން
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތެއް

އެހެން ނަމަވެސް، ކަންބޮޑުވާން ޖެހޭ ކަމަކީ އެ ސަޤާފަތް އަނެއްކާ ވެސް ދިރިގެންދާ މަންޒަރު ފެންނަން ފެށުމެވެ. ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޙިޔާނަތް ކަމަށްވާ އެމްއެމްޕީއާރްސީގެ ޙިޔާނާތާ ގުޅިގެން އޭރުގެ ދައުލަތުގެ އިސް މަޤާމެއް ފުރުއްވި ބޭފުޅެއްގެ ޝަރީއަތުގައި އެގޮތަށް ކަން ހިނގަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށް ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި ދިފާއީ ވަކީލުންގެ ޓީމަށް އަލަށް ގުޅިވަޑައިގެންނެވި ވަކީލަކީ މައްސަލަ ބައްލަވާ ފަނޑިޔާރާ "ގާތް ގުޅުމެއް" އޮންނަ ވަކީލެއް ކަމަށެވެ. އެގޮތުން އޭނާ ވަކީލުންގެ ޓީމަށް ނެގީވެސް ސީދާ ފަނޑިޔާރުގެ އިރުޝާދުގެ ދަށުން، ފަނޑިޔާރާ ގާތް ބޭފުޅަކު މައްސަލައިގައި ކޯޓުން ބޭރުން "ކޮމިއުނިކޭޓް" ކުރެވޭނެ މަގު ތަނަވަސް ކޮށް ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި އަލަށް ނެގި ވަކީލަކީ މައްސަލަ ބައްލަވާ ފަނޑިޔާރާ ގުޅިގެން ހުށައެޅުނު މައްސަލައެއްގައި ވެސް ފަނޑިޔާރާ ވަކާލާތު ކޮށްދެއްވި ވަކީލެކެވެ. އަދި މިހާރު އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ދައުވާ ލިބޭ ފަރާތުގެ ލިއެކިއުންތަކާއި، ބައެއް މައުލޫމާތުތައް ސީދާ ގާޒީއަށް ގެންގޮސް ދެނީ ވެސް އެ ވަކީލު ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ މައްސަލަ ވެސް އެތައް ދުވަހެއް ވަންދެން ޝަރީއަތް ނުފެށި ދިގު ދެމިގެން ދާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތް ފެށުމާ ދިމާއަށް މިސްރާބު ހުރި މަންޒަރު ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މައްސަލަ މިހާރު އޮތީ ދައުވާތައް ކޯޓުގައި ކުރިއަށް ގެންދެވިދާނެތޯ ދިފާއުން އުފެއްދި ސުވާލާއި، ދިފާއުން ނެގި ނުކުތާތައް ރިއާޔަތްކޮށް، ގާޒީ ގޮތެއް ނިންމަވާ ހިސާބުގައެވެ.

އެ ހިސާބުން އުފެދޭ ސުވާލަކީ، މި މުޅި މައްސަލަ މިހާރު ދާ މިސްރާބާއި، މައްސަލައިގައި ޝަރީއަތް ފަށަން ގާތްވެފައި ވަނިކޮށް އަނެއްކާ ވެސް މުޅި މައްސަަލަ އަލުން ބަލުން ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފައްދާފައިވުމާއި، މައްސަލަ ބައްލަވާ ފަނޑިޔާރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އުޅުއްވި، އަދި ފަނޑިޔާރާ ގާތް ބޭފުޅެއްގެ ގޮތުގައި ގިނަ މީހުން ސިފަ ކުރާ ވަކީލަކު ދިފާއަށް އައްޔަނު ކުރުން މިއީ ހައްތަހާ ވެސް އިއްތިފާޤު ބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
25 އޮކްޓޯބަރ 2020 | އާދީއްތަ 06:11
ފިތުނަ. ނޫސް
24 އޮކްޓޯބަރ 2020 | ހޮނިހިރު 19:52
ތިއީ އާޒިމާ ޝަކޫރު މައްސަލައިގައި ގާޟީ ހަސަން ސައީދުގެ ކުރީގެ ލީގަލް ޢަލީ ސައީދު