ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ސަރުކާރުން ވައުދުވީ މިދިޔަ އަހަރު: ހަސަން ލަތީފް

  • ކުޅިވަރުގެ ޤާނޫނު މިދިޔަ އަހަރު އިސްލާހުކުރަން ނިންމި ނަމަވެސް، އަދިވެސް އިސްލާހުކުރެވިފައެއް ނުވޭ
  • ވަރުގެ ޤާނޫނު އިސްލާހުކުރަން ވައުދުވެ، އެކަން ކުރަން ނިންމީ ނުރަނގަޅު ކަންކަމަށް އޮތް ފާޑުކިޔުން ހުއްޓުވުމަށް
  • ކުޅިވަރުގެ ކަންކަން ހުރީ 1980 ގެ ތެރޭގައި ސަރުކާރުގައި ކަންކަން ހުރި ހިސާބުގައި ކަމަށް ވިދާޅުވި

ކ. މާލެ | 20 އޮކްޓޯބަރ 2020 | އަންގާރަ 11:08 | 3,496

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް - ރާއްޖެ އެމްވީ

2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެކަމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ސަރުކާރުން އެކުލަވާލާފައިވާއިރު، މިދިޔަ އަހަރު ޤާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޤާނޫނަށް އިސްލާހު ގެނައުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގައި ޤާނޫނަށް އިސްލާހު ގެންނަން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ އާއި އެކަމުގެ ސަބަބުވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ކުޅިވަރު ހިންގުމުގައި ހުރި ނުރަނގަޅު ކަންތައްތަކަކަށް ކަމަށްވާއިރު، ނުރަނގަޅުކޮށް ކަންތައްތަކެއް ކުރަމުންދާއިރު އެކަންތައް ބެލޭނެ ގޮތްތަކެއްގެ ވާހަކަ ކަމަށާއި، ސަރުކާރުން ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ވައުދުވެ، އެކަން ކުރަން ނިންމީ އެކަންކަމަށް އޮތް ފާޑުކިޔުން ހުއްޓުވުމަށް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ކުޅިވަރުގެ ސްޓްރަކްޗާ މިހާރު މި އޮތް ބައްޓަމުން އިތުރަށް ހަރުދަނާކުރަން އެއީ ފާހަގަކޮށްފައިވާ ކަމެއް. މިސާލަކަށް ސްޕޯޓްސް ކައުންސިލުގެ ދައުރު ކިހާވަރަކަށްތޯ ފުޝުއަރަނީ އެހެން ކުޅިވަރުގެ މުއައްސަސާތަކާ. ސްޕޯޓްސް ކޮމިޝަނާގެ މަސްލަހަތު. މިނިސްޓްރީ، ސްޕޯޓްސް ކޯޕަރޭޝަން، ސްޕޯޓްސް އިނިސްޓިޓިއުޓުގެ މަސްއޫލިއްޔަތުތަކާ ކިހާވަރަކަށްތޯ ފުޝުއަރަނީ. މިކަންކަން އިސްލާހު ކުރުމަށް ފަހު ހަގީގަތުގައި ކުޅިވަރާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ސަރުކާރުގެ އަމާޒަކީ.

~ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ 219 ވަނަ ސޮފުހާގައި އެކަންކަން ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތަށް ޤާނޫނު އިސްލާހުކުރެވުމުން ފަސޭހަކަމާއެކު ކުޅިވަރުގެ ކަންކަން ކުރެވޭނެ ގޮތް އޮތް ނަމަވެސް މި އަހަރު ނިމިގެންދާއިރުވެސް މިދިޔަ އަހަރު ކުރަން ބުނެފައިވާ ކަމެއް ނުވެ އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވަކި ރޭވުމެއްގެ ތެރެއިން، ވަކި ވިސްނުމެއްގައި ކޮށްފައިވާ ކަމެއް އެއީ. ބައެއް ގަވާއިދު ނުހެދުން، ބައެއް ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ނުގެނައުން، އެބަހުރޭ އިހުމާލުން ނޫނީ އެކަމާ އަޅާ ނުލެވިގެން ފަރުވާކުޑަވެގެން. އެހެން ނަމަވެސް މިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގަސްދުގައި އެކަން ނުކުރާން ކޮށްފައިވާ އޮތް ކަމެއް. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި 2018 ވަނަ އަހަރު. އޭރުވެސް އެނގޭ 2020 ވަނަ އަހަރަކީ ވަރަށް ގިނަ އެސޯސިއޭޝަންތަކުގެ އިންތިޚާބު އޮތް އަހަރެއްކަން. އެހެން ކަމުން ވަކި ގޮތަކަށް ކަންކަން ކުރަން ވެގެން ސަރުކާރުން ކޮށްފައިވާ ކަމެއް އެއީ.

~ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

ކުޅިވަރުގެ ކަންކަން އަދި ހުރީ 1980 ގެ ތެރޭގައި ސަރުކާރުގައި ކަންކަން ހުރި ހިސާބުގައި ކަމަށާއި، ޝަކުވާއެއް އުފުލާނެ ތަނެއް ހޯދާ ދެނެގަތުން އެއީ އުނދަގޫ ކަމެއް ކަމަށާއި، އެތަންތަން ދެނެގަނެ ޝަކުވާއެއް ހުށަހެޅުމުން ދެން ވާގޮތްވެސް ފެންނަން އެބަހުރި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޤާނޫނުތައް އިސްލާހުނުކޮށް އޮތުމުން އެކަން ކުރަންތިބޭ ބޭފުޅުންނަށް ފަސޭހަކޮށް ހުރިހާ ބާރެއް އަތަށް ނަގައިގެން ކުރެވޭނެ ކަމަށާއި، ޤާނޫނު އިސްލާހުކުރުން ލަސްވެފައި ވަނީ ނޫނީ އެކަން ނުކޮށް އޮތީ ކުޅިވަރުގެ ކަންކަން ކުރަން ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ އަތަށް ބާރު ނަގަން ބޭނުންވެގެން ކަމަށްވެސް ވިދާޅުވިއެވެ.

އަދި 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކުޅިވަރުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޤާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށް ބުނެފައިވާއިރު ގިނަ ގަވާއިދުތައް އޮތީ ނުހެދި ކަމަށާއި، އެ ގަވާއިދުތައް ނުހަދާ ތިބެނީ އެކަންކަން އެނގިހުރެ ގަސްދުގައި ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރައްވާފައެވެ.

2020 ވަނަ އަހަރު ގުނަމުންދާއިރު ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް ހިންގަންވާ ގޮތުގެ ގަވާއިދު އޮތްއިރު ޤާނޫނުގައި ބުނާ އެންމެ މުހިންމު ގަވާއިދުތައް އޮތީ ނުހެދި. ރައީސް ޔާމީނުގެ ސަރުކާރުގައި އެކަންނުކޮށް އޮތީ ނުކުރުމުން އެކަމުގެ ފައިދާތަކެއް ހޯދޭނެތީ. ގައުމީ މަޖިލީހުން ކުރަން ޖެހޭ ކަމެއް އެއީ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކާ ދެމެދު ޖެހޭ މައްސަލަ ހައްލުކުރުމަށް މަޖިލީހުން އާބިޓްރޭޝަން އުސޫލުތަކެއް ގާއިމުކުރުން. އަދިވެސް ނެތް އެކަން ކޮށްފައެއް. އެކަން ނުކުރީމަ ކުޅުންތެރިޔާގެ ހައްގު އެ ދަނީ ގެއްލިގެން. އެހެންވީމަ އެކަމުގެ ފައިދާ ހަގީގަތުގައި ވެގެންދަނީ އެސޯސިއޭޝަންތަކަށް.

~ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

މި ޕްރޮގްރާމުގައި ހަސަން ލަތީފް ވަނީ ކުޅިވަރުގެ ޤާނޫނުގެ ގިނަ ވާހަކަތަކެއް އަދި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. ޤާނޫނުގައި ބުނާ ކަންކަންކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކައް ކުރައްވާނެ ކަމަށާއި، އެކަމުގެ ސަބަބުން ފައިދާ ކުރާނީ ކުޅިވަރަށް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.