raajjemv logo
ރާއްޖެޓީވީގެ ހަނދާނާއި ގުޅިފައިވާ ދަތްދަގަނޑު
ރާއްޖެޓީވީގެ ހަނދާނާއި ގުޅިފައިވާ ދަތްދަގަނޑު
 
ދަބަރު ޖަހާފައި ހުރުމަކުން، ދަގަނޑުބުރި އަކަށް ވުމަކުން މީގެ މުހިއްމުކަން ކުޑައެއް ނުވި
 
މީ އެތައް ބައެއްގެ ހަނދާންތަކަކާއި ނުރައްކާތެރި ހާދިސާއަކާއި ގުޅިފައިވާ އެއްޗެއް
އާމިރު ސަލީމް
22,358
ކ. މާލެ |
7 އޮކްޓޯބަރ 2020 | ބުދަ 17:08
ރާއްޖެޓީވީ ރޯކޮށްލަން ސްޓޭޝަނަށް ވެދެގަތުމަށް ބޭނުންކުރި ދަތްދަނގަޑު
ރާއްޖެއެމްވީ

ބައެއް ފަހަރު އާދައިގެ ދަގަނޑުބުރިއެއް ވެސް މުހިއްމު އެއްޗަކަށް ވެދާނެއެވެ. ރަނުން އުއްތާ ރިހިން ގިރިޓީކޮށްފާ ނެތަކަސް، ދަބަރު ހިލި ހިލި ހުއްޓަކަސް އެއީ އެތައް ބައެއްގެ ސަމާލުކަން ލިބިދާނެ އެއްޗަކަށް ވެދާނެއެވެ. ބައެއްފަހަރު އެ އެއްޗެއްގެ މުހިއްމުކަން ގުޅިފައި ހުންނަނީ އޭގެއިން އަރާ އޮފާ، އަޅާ ދަޅަޔާ، އެ އެއްޗެއް އުފައްދާފާ ހުންނަ މައުދަނެއްގެ އަގުގެ ބޮޑު ކަމުގެ މައްޗަކަށް ނޫނެވެ. އެކަމަކު އެ އެއްޗަކާ ގުޅިފައިވާ ކޮންމެވެސް ބޮޑު ހާދިސާއަކާ ނުވަތަ އެތައް ބައެއްގެ ހަނދާންތަކަކާވެސް އެކަން ގުޅިދާނެއެވެ. ފަހަރުގަ އެ ހާދިސާއަކީ ނުވަތަ އެ ހާނދާންތަކަކީ މާ އުފާވެރި ހާދިސާއަކަށް ނުވަތަ ހަނދާންތަކަކަށް ނުވެދާނެއެވެ. ބަރުދަނުގައި 690ގުރާމް، ދިގުމިނުގައި 15.5އިންޗި، ވަށަމިނުގައި 2އިންޗި ހުރި އެއްކޮޅު ލަންބާފައިވާ މި ދަގަނޑު ގަނޑަކީ މި ދެންނެވިފަދަ މުހިއްމު އެއްޗެކެވެ. މީ އެތައް ބައެއްގެ ހަނދާންތަކަކާއި ނުރައްކާތެރި ހާދިސާއަކާއި ގުޅިފައިވާ އެއްޗެކެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. 2013ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެވެ. ގަޑިން 04:42 ހިނގުމާއެކު ރާއްޖެޓީވީ ހުންނަ ހެންވޭރު ކުއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިންގ)ގެ 2ވަނަ ފަންގިފިލާ އަށް މޫނު ނިވާކޮށްގެންތިބި 5މީހަކު އެރިއެވެ. މި 5މީހުން އެރީ ކަތިވަޅިއަކާ ދަނގަނޑުބުރިފަދަ ހަތިޔާރުގެ ގޮތުގައި ހިމެނޭ ބައެއް އާލަތްތައް ހިފައިގެންނެވެ. މިދެންނެވި ބިލްޑިންގެ 2ވަނަ ފަންގިފިލާ އަކީ ރާއްޖެޓީވީގެ ސްޓޭޝަން ހިނގަމުންދިޔަ ފަންގިފިލާ އެވެ. މި ފަންގިފިލާއަށް ވަދެވެން ހުންނަ ލަކުޑި ދޮރުގެ ބޭރުން ތަޅުލާފައި ހުންނަ ދަގަނޑު ގޭޓެއް ހުރެއެވެ. ސިޑިން 2 ވަނަ ފަންގިފިލާ އަށް އެރި 5 މީހުން ގޭޓުގެ ކުރިމައްޗަށް ހުއްޓުމާއެކު އެތަނުން އެކެއްގެ އަތުގައި އޮތް ދަގަނޑުގަނޑެއް ގޭޓުގައި ލާފަ ހުރި ތަޅައް ލައްވާ މަތަން ފެށިއެވެ. އެތައް އިރަކު މިގޮތައް ދަގަނޑު ލައްވައިގެން މަސައްކަތްކޮށް ތަޅު ފެލާ ނުލެވުމުން އެމީހުން ދަގަނޑުބުރި ނައްޓާލައެވެ. ދެން އެ ދަގަނޑުބުރިން ތަޅުގަޔާ ތަޅުފަތްގަނޑުގަޔާ އަދި ދަގަނޑު ގޭޓުގައި ވެސް އެތައް ފަހަރަކު ޖަހާތަން ފެނެއެވެ. ބޭނުމަކީ މި ދެންނެވި ދަގަނޑުގަނޑު ބޭނުން ކޮށްގެން ދަނގަޑުގޭޓުގެ ތަޅު ހަލާކު ކޮށްލުމެވެ. އެއަށްފަހު ލަކުޑި ގޭޓު ފުނޑާލުމެވެ. ދެން އެތެރެއަށް ވަދެގަތުމެވެ.

އެއްވެސް ބިރެއް ފިކުރެއް ހިޔާލެއްނެތި މިދެންނެވި 5 މީހުން ވެގެން ދަތްދަގަނޑުން ތަޅާ އެންމެ ފަހުން ތަޅު ހަލާކުކޮށްލުމަށްފަހު ހަމަ އެ ދަގަނޑުން ގޭޓު މަތާލުމަށްފަހު ގޭޓު ހުޅުވައިފިއެވެ. ދެން ފެނުނީ ހަމަ އެ ދަގަނޑުބުރި ބޭނުން ކޮށްގެން ދެން ހުރި ލަކުޑި ދޮރުގެ ތަޅު ހަލާކުކޮށްލާ ފައިންޖަހާ ދޮރު ވައްޓާލިތަނެވެ. ބަޔަކު އަތުވެދާނެ ކަމުގެ ބިރެއް، ބަޔަކަށް އަޑު އިވިދާނެކަމުގެ ޖެހިލުމެއްނެތި މިނުބައި އަމަލު ހިންގުމަށްފަހު މިދެންނެވި 5 މީހުން ވަދެގަތީ ސްޓޭޝަންގެ ތެރެއަށެވެ. އޭރުވެސް މި ދެންނެވި ދަތްދަގަނޑު ހިފައިގެން ހުރި މީހާގެ އަތުގައި އެދަގަނޑު އޮތެވެ.

ދެން ފެނުނީ މުޅި ސްޓޭޝަންގެ ތެރެއަށް ޕެޓްރޯލް އަޅާ ހުޅުޖަހާ ރޯކޮށްލުމަށްފަހު އެމީހުން އެތަނުން ނިކުތް ތަނެވެ. ރައްޔިތުންނަށް ހަބަރާ މައުލޫމާތު ގެނެސްދިނުމުގައި ފަސްޖެހުމެއް، ޖެހިލުންވުމެއް، ބިރުގަތުމެއް އަދި ވަރުބަލިކަމެއް ނެތި ތެދުވެރިކަމާއިއެކު މަސައްކަތް ކުރަމުންދިޔަ އެތައް މުވައްޒަފުންތަކެއް މަސައްކަތް ކުރަމުން ދިޔަ، ރާއްޖޭގެ އެންމެ ގިނަ ބައެއްގެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ލޯބިވާ ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށް އަންދާލުމަށްފަހު އެކަންކުރި މީހުން އެތަނުން ނިކުމެގެން ދިޔައިރު އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރި އާލަތްތައް އަލިފާނުގެ ތެރެއަށް ދުކޮށްލާފައި ދިޔައީ އެމީހުންގެ ހިތުން ސްޓޭޝަން އާއި އެކު އެތަކެތިވެސް ނައްތާލާފައެވެ.

ނަމަވެސް އަލިފާނުގެ ހާދިސާއަށްފަހު އަނދާ ދެއްޔަށްވެފައިވާ ސްޓޭޝަންގެ ތެރެއަށް ކަރުނަ އަޅަމުން މުވައްޒަފުންވަދެ ބަލަމުންދިޔައިރު މުވައްޒަފުންގެ ލޮލުގައި އަޅައިގެން އެކައްޗަކީ އަލިފާނުގެ ސަބަބުން ކަޅުވެފައިވާ، އެއްކަނަކަށް އެއްލާލެވިފައި، ބަރުދަނުގައި 690ގުރާމް، ދިގުމިނުގައި 15.5 އިންޗި، ވަށަމިނުގައި 2 އިންޗި ހުރި ދަތް ދަގަނޑެކެވެ.

އެއީ ސްޓޭޝަން އަންދާލުމަށް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށް އެ އެއްޗެއްގެ ބޭނުން ހިފައިގެން ދޮރުތައް ހަލާކުކޮށްލި ދަތް ދަގަނޑެވެ. ކުރިން ބުނެވުނު ދަބަރު ހިލި ހިލި ހުރި ދަތް ދަގަނޑެވެ. މި ހާދިސާ އަށް މިހާރު 7 އަހަރު ވެފައިވާއިރު މި ދަގަނޑުން އަދިވެސް އެ ހަނދާންތައް އާކޮށްދެއެވެ. އެޒަހަމްތައް ތާޒާކޮށްދެއެވެ. ދަބަރު ޖަހާފައި ހުރުމަކުން، ދަގަނޑުބުރިއަކަށް ވުމަކުން މީގެ މުހިއްމުކަން ކުޑައެއް ނުވިއެވެ. މިއީ ރާއްޖެޓީވީ ރޯކޮށްލި ހަނދާންތަކާއި ގުޅިފައިވާ ދަތްދަގަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
3%
އަންތަރީސް ވެއްޖެ
16%
އުފާ ވެއްޖެ
65%
ދެރަ ވެއްޖެ
6%
ރުޅި ގަދަ ވެއްޖެ
10%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
7 އޮކްޓޯބަރ 2020 | ބުދަ 17:46
ޝަޒްނާ
ޢާމިރުގެ ލިޔުންތައް ވަރަށް މޮޅު.. ރާއްޖެ ޓީވީގެ އެންމެ ފައްކާ ޕްރެޒެންޓަރ