ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 20:44
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ސްޕޮޓްނިކް ވީ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ނަރުހަކު ތައްޔާރުވަނީ
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ސްޕޮޓްނިކް ވީ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ނަރުހަކު ތައްޔާރުވަނީ
ރޮއިޓަރސް
ރަޝިޔާއިން އުފައްދަމުން އަންނަ ވެކްސިން
ރަޝިޔާއިން ކޮވިޑް-19ށް އުފެއްދި ވެކްސިންގައި އުޅެދާނެ އުނިކަމަކުން ދިމާވާ މައްސަލައެއްގެ ގާނޫނީ ޒިންމާ ރަޝިޔާއިން ނަގާނެ
 
ވެކްސިން އުފައްދާ ފަރާތުން ޒިންމާ ނަގާނަމަ ގިނަ ބަޔަކަށް އެވެކްސިނެއް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ
 
ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ވިއްކަމުންދަނީ ވެކްސިން އިން ދިމާވެދާނެ މައްސަލައެއްގެ ޒިންމާ ގަންނަ ފަރާތްތަކުން ނަގާގޮތަށް
 
މިހާތަނަށް އައިއިރު ރަޝިޔާއިން ނޫން އެހެން ގައުމަކުން މިގޮތަށް ބަދަލުނަގާނެ ކަމަށް އެއްބަސްވެފައެއް ނުވޭ

ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވެކްސިން ގަތް ފަރާތުން ޒިންމާ ނެގުމުގެ ބަދަލުގައި އެކަމުގައި ޤާނޫނީ ގޮތުން ނަގަންޖެހޭ ޒިންމާތައް ރަޝިޔާއިން ނަގާނެ ކަމަށް ވެކްސިން އުފައްދާ ޕްރޮޖެކްޓްގެ ހެޑް ވިދާޅުވެއްޖެ އެވެ.

މި ނިންމުމުގެ ސަބަބުން ސަރުކާރުގެ އެހީގައި އުފައްދަމުން އަންނަ ވެކްސިންގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސަރުކާރުގެ ފަރާތުން އަގުބޮޑު ބަދަލެއް ނަގައިދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ވެކްސިން ބޭނުންކުރުމުގައި ދިމާވެދާނެ ސައިޑް އެފެކްޓްތަކާއި އެނޫންވެސް ކަމަކުން ވެކްސިން އުފައްދާ ފަރާތްތައް ޒިންމާނެގުމަކީ އާންމުގޮތެއްގައި ކުރާ ކަމެއް ނޫނެވެ. ވެކްސިން އުފައްދާ ކުންފުނިތަކުން ގައުމުތަކަށް ވެކްސިން ވިއްކަމުންދަނީ ވެކްސިން އިން ދިމާވެދާނެ އެފަދަ މައްސަލައެއްގެ ޒިންމާ ގަންނަ ފަރާތްތަކުން ނަގާގޮތަށެވެ. އެއީ އެގޮތަށް ވެކްސިން އުފައްދާ ފަރާތުން ޒިންމާ ނަގާނަމަ ގިނަ ބަޔަކަށް އެވެކްސިނެއް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެތީ އެވެ.

މިހާތަނަށް އައިއިރު ރަޝިޔާއިން ނޫން އެހެން ގައުމަކުން މިގޮތަށް ބަދަލުނަގާނެ ކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އެމެރިކާ ސަރުކާރުންވެސް އެގައުމުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދެނީ ވެކްސިނުން ދިމާވާ ހުރިހާ ކަމެއްގެ ޒިންމާ އެމެރިކާ ސަރުކާރުން ނަގާގޮތަށެވެ. އެހެން ހެދުމުގެ ސަބަބުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ލިބުމަށް މަގުފަހި ވެގެންދާނެ އެވެ. އަދި ވެކްސިން އުފައްދާ ބަޔަކަށްވެސް ފައިދާތަކެއް ލިބިގެންދާނެ އެވެ.

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ވެކްސިންތަކެއް އުފައްދަމުން އަންނައިރު އަދި ގިނަ ވެކްސިންތަކެއް މިހާރުވެސް ހިޔުމަން ޓްރެއަލްގައި އުޅޭއިރު ރަޝިޔާއިން މިގެންގުޅޭ ސިޔާސަތުގެ ދަށުން ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ސްޕޮޓްނިކް ވީ އަށް މާކެޓް ހޯދުމަށް ފަސޭހަވެގެންދާނެ އެވެ.

ރަޝިޔާގެ މިނިންމުމާއި ގުޅޭގޮތުން ރޮއިޓަރސް އާ ވާހަކަ ދައްކަވަމުން ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރުޑީއައިއެފް)ގެ ހެޑް ކްރިއެލް ޑިމިޓްރެއިވް ވިދާޅުވީ ރަޝިޔާއިން އުފެއްދި ވެކްސިނާމެދު ރަޝިޔާއަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ.

ރަޝިޔާގެ ވެކްސިނާ މެދު އޮތް އިތުބާރުގެ ސަބަބުން ވެކްސިން އުފައްދާ މީހުން އެކަމުން ބަރީއަ ނުވާނެ. އެއީ ހުޅަނގުގެ ގައުމުތަކުން މިއުފައްދާ ވެކްސިނާ ރަޝިޔާއިން މިއުފައްދާ ވެކްސިނާ ހުރި އެންމެ ބޮޑު ތަފާތު. ހުޅަނގުގެ ހުރިހާ ކުންފުނިތަކުންވެސް ބޭނުންވަނީ ޤާނޫނީ ގޮތުން އޮންނަ ޒިންމާއިން ރެކެން.
ކްރިއެލް ޑިމިޓްރެއިވް

އެހެންނަމަވެސް ރަޝިޔާއިން ޒިންމާނަގާނީ ކިހާ ހިސާބަކުން ކަމާއި އެކަމުގެ ތަފްސީލުތަކެއް ޑިމިޓްރެއިވް ހާމައެއް ނުކުރައްވަ އެވެ.

އެހެންނަމަވެސް ރަޝިޔާގެ ވެކްސިންގެ 50 މިލިއަން ޑޯޒް ގަތުމަށް އޯޑަރު ކޮށްފައިވާ ބްރެޒިލްގެ ހެލްތު ސެކެޓްރީ ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނެފައިވަނީ ވެކްސިން އިން ދިމާވާ މައްސަލަތަކުގައި ޤާނޫނީ ގޮތުން ނަގަންޖެހޭ ޒިންމާތައް ނަގާނީ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ކަމަށެވެ.

ކޮވިޑް-19 އަށް ދުނިޔެ ވެކްސިނަކަށް ބޭނުންވެފައިވާލެއް ބޮޑުކަމުން އާންމު ގޮތެއްގައި ވެކްސިން އުފައްދަމުން އަންނަ މުއްދަތަށްވުރެ އަވަހަށް ވެކްސިނެއް އުފެއްދުމަށް ހުރިހާ އެންމެންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު ކާމިޔާބުކަމާއެކު ރައްކާތެރި ވެކްސިނެއް އުފެއްދޭނެތޯ ކުރެވޭ ސުވާލު ވަނީ ގިނަވެފައެވެ. އަދި މިއާއެކު ވެކްސިނުން ދިމާވެދާނެ ކަމަކާއި ގުޅިގެން ބަދަލުދިނުމާއި ގުޅޭގޮތުންވެސް ދެކެވޭ ވާހަކަތައް ވަނީ އިތުރުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިން އުފައްދުމުގައި ޔޫރަޕްގައި އެންމެ ކުރީގައި އުޅޭ އެސްޓްރަޒެނިކާ އިން ވަނީ ގައުމުތަކަށް ވެކްސިން ވިއްކުމަށް އެއްބަސްވާއިރު ވެކްސިނުން ދިމާވާ މައްސަލައެއްގެ ޒިންމާ ނުނަގާނެކަމަށް އެއްބަސްވުންތަކުގައި ހިމަނާފައެވެ. އެސްޓްރަޒެނިކާ އިން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ އެގަންނަ ފަރާތަކުންނެވެ.

ރަޝިޔާ އިން އުފެއްދި ވެކްސިންގައި ދިމާވާ ހުރިހާ މައްސަލައެއްގެ ޒިންމާ ރަޝިޔާއިން ނަގާނެ ކަމަށް ޑިމިޓްރެއިވް ވިދާޅުވެފައި މިވަނީ ރަޝިޔާއިން އުފައްދަމުން އަންނަ ވެކްސިނާ މެދު ޔޫރަޕުގެ ގައުމުތަކުން ސުވާލުތައް ފެންމަތި ކޮށްފައިވަނިކޮށެވެ.

ސްޕޮޓްނިކް ވީ އަކީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ވެކްސިނެވެ. އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ މިވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާކަން އިއުލާން ކުރައްވާފައެވެ.

މިވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމަށް ކުރިޔަށް ގެންދިޔަ ފުރަތަމަ މަރުހަލާގެ ނަތީޖާތައް ރަނގަޅު ކަމަށް އެކަން ދިރާސާ ކުރި މެޑިކަލް ގްރޫޕެއް ކަމުގައި ލެންސެޓުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް