ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 05:45
ޔުވެންޓަސް އާއި ސަމްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 ން
ޔުވެންޓަސް އާއި ސަމްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ފަސޭހަ މޮޅެއް
 
މިއީ ޔުވެންޓަސްގެ ކޯޗު ޕިރްލޯގެ ކޯޗިންގ ކެރިއަރުގެ ފުރަތަމަ މޮޅު
 
ސަމްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު ސަމްޑޯރިއާ އަތުން މޮޅުވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމު މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ އޮގަސްޓް މަހު ޔުވެންޓަސްގެ ކޯޗުގެ މަގާމާ އަންދްރެއާ ޕިރްލޯ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެ. އަދި މިއީ ޕިރްލޯގެ ކޯޗިންގ ކެރިއަރުގެ ފުރަތަމަ މޮޅެވެ.

އާދީއްތަ ދުވަހުން ފެށިގެން ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފާއި ވުމާއެކު، ޔުވެންޓަސްއިން މި މެޗު ކުޅުނީ 1،000 ސަޕޯޓަރުންގެ ކުރިމަތީގައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީއެވެ. މިއީ އޭނާ ޔުވެންޓަސްގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި ލަނޑަށްފަހުވެސް ޔުވެންޓަސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ސަމްޑޯރިއާގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ކުލުސެވްސްކީއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާރޮން ރަމްސީގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޔުވެންޓަސްއިން އައު ސީޒަނުގެ އިޓާލިއަން ލީގު މޮޅަކުން ފެށިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ޔުވެންޓަސް ނުކުންނާނީ ރޯމާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް